ހުޅުމާލެ ހޮސްޕިޓަލްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެހޮސްޕިޓަލުން ވިދާޅުވީ މިއަހަރުގެ އިންޓަރންޝިޕްގައިވެސް 15 ފަރާތަކަށް ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
ޑޮކްޓަރުކަން ކިޔަވައިގެން އަންނަ ފަރާތްތައް ޚިދުމަތަށް ނުކުތުމުގެ ކުރިން އަހަރު ދުވަހުގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމެއް ފުރިހަމަކުރަންޖެހެއެވެ. ތަޖުރިބާކާރު ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ހޮސްޕިޓަލްތަކުގައި ހޭދަކުރާ މިމުއްދަތުގެ ތެރޭގައި، ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު މެޑިސިންގެ އެކި ދާއިރާތަކުން ލިބެއެވެ. އޮންނަ ޑިމާންޑާއެކު ބޭރުން ކިޔަވާ ދިވެހި ދަރިވަރުންނަށް މިއީ ކުރިމަތިވަމުންދިޔަ ބޮޑު ގޮންޖެހުމެކެވެ.
މިކަމަށް ހައްލެއް ގެނައުމަށްޓަކައި ސަރުކާރުގެ މައި ހޮސްޕިޓަލްތަކުގައި މިހާރުވަނީ މެޑިކަލް އިންޓަރންޝިޕްގެ ޕްރޮގްރާމްތައް، މެޑިކަލް ކައުންސިލްގެ އުސޫލުތަކާއި އެއްގޮތަށް ފަރުމާކޮށް ހިންގަން ފަށާފައެވެ. މިފަދަ އެއް ހޮސްޕިޓަލަކީ ހުޅުމާލެ ހޮސްޕިޓަލެވެ. މިދިޔަ އަހަރުން ފެށިގެން އެހޮސްޕިޓަލްގައި މިފުރުސަތު ހުޅުވާލަމުންދާއިރު މިއަހަރުވެސް މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.
ހުޅުމާލެ ހޮސްޕިޓަލުން ދޫކުރާ އިންޓަރންޝިޕްގެ 15 ޖާގައަށް ކުރިމަތިލުމަށް ބުރާސްފަތި ދުވަހުވަނީ ހުޅުވާލާފައެވެ. އަދި މިފުރުސަތު މިމަހުގެ 12 ވަނަ ދުވަހާ ހަމައަށްވަނީ ހުޅުވާލާފައެވެ. އެހޮސްޕިޓަލުން ކޮށްފައިވާ ޢިއުލާނުގައި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލުވަނީ ބަޔާންކޮށްފައެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން [email protected] އަށް އީމެއިލްކުރުމަށްވަނީ އެދިފައެވެ.
މިޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުގެ ޢަދަދު 15 އަށްވުރެ އިތުރުވާ ޙަލަތުގައި އިސްކަންދިނުމަށް ހަމަޖެހިފައިވަނީ އެދަރިވަރަކު އެމްބީބީއެސް ފުރިހަމަކޮށްފައިވާ ތާރީޚަށް ބަލައި ކޯސް ފުރިހަމަކުރިފަހުން ގިނަ ދުވަސްވެފައިވާ ފަރާތްތަކަށާއި މެއިލް ފޮނުވާފައިވާ ތަރުތީބަށް ބަލައިގެންކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. ހޮސްޕިޓަލްގެ މިވަގުތުގެ ކެޕޭސިޓީއަށް ބަލާއިރު 15 ފުރުސަތަށް ހުޅުވާލިނަމަވެސް، ކުރިއަށް އޮތްތަނުގައި މިފުރުސަތު އިތުރުކުރުމަށް ހޮސްޕިޓަލުންދަނީ މަސައްކަތްކުރަމުންނެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން އައިޖީއެމްއެޗްއާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައިވެސްވަނީ އިންޓަރންޝިޕް ޕްރޮގްރާމްތައް ހިންގަން ފަށާފައެވެ. މިއާއެކު ރާއްޖޭގެ ސިއްޙީ ދާއިރާއަށް ނުކުންނަ ޑޮކްޓަރުންނަށް، ޚިދުމަތަށް ނުކުންނަން ޖެހޭ މަސައްކަތުގެ މާޙައުލަށް ފަރިތަ ބަޔަކަށް ހެދުމުގެ މަގުފަހިވެގެންދެއެވެ. ހަމައެއާއެކު ހޮސްޕިޓަލުތަކުގައި މެޑިކަލް އެޑިއުކޭޝަންގެ ދާއިރާއަށް ވަނުމުގެ ސަބަބުން ހޮސްޕިޓަލްގެ ސްޓޭންޑަޑްތައް މަތިކުރުމަށްވެސް މަގުފަހިވެއެވެ.