ޚަބަރު

"އިޤްތިޞާދީ ވިލުންވެރިކަމަށް، މުއައްސަސާތަކުގެ އެއްބާރުލުން މުހިއްމު"


  • އިޤްތިޞާދީ ވިލުންވެރިކަން އިތުރުކުރުމަށް އޮނިގަނޑަށް ބަދަލު ގެނައުމަށް ގޮވާލެއްވި

  • ސުކޫކް އަނބުރާ ދެއްކުމަކީ މާލީ ހާލަތަށް އޮތް އިތުބާރު ބޮޑުވެގެންދިޔަ ކަމެއްކަމަށް ވިދާޅުވި

އިގުތިޞާދީ ވިލުންވެރިކަން އިތުރުކުރުމަށް މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް ގުޅުން ދެމެހެއްޓުމަށް މަސައްކަތްކުރުން މުހިންމު ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، ގައުމުގެ މާލީ ހަމަޖެހުމާއި ދެމެހެއްޓެނިވި ކުރިއެރުން ކަށަވަރުކުރުމަށްޓަކައި، ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެމްއެމްއާއި ވުޒާރާއާއި އަދި މުއައްސަސާއިން ގުޅިގެން މަސައްކަތްކުރުން ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އަދި މި ގުޅުމުގެ ސަބަބުން، ރައްޔިތުންނަށާއި އިގްތިސާދަށް ބުރައަކަށް ނުވާނެހެން ދައުލަތުގެ މާލީ އިލްތިޒާމުތައް ފުރިހަމަކުރުމަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، މާލީ ނިޒާމު ވަރުގަދަކޮށް އިގުތިސާދީ ވިލުންވެރިކަން އިތުރުކުރުމަށް އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް ގޮވާލެއްވިއެވެ. އަދި ބައެއް ފަހަރު މާލީ ސިޔާސަތުތައް އެކުލަވައިލުމުގައި އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނު ނަމަވެސް، އެއީ ގައުމީ މަސްލަހަތާއި އަންނާން އޮތް ޖީލުތަކުގެ ލާބައަށްޓަކައި ކޮންމެހެން ބޭނުންތެރި ނިންމުންތަކެއް ކަމަށް ވިދާޅުވިއެވެ.

ދާދި ފަހުން ސޮވެރިން ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމަކީ ހަރުދަނާ މާލީ މެނޭޖްމަންޓާއި މުއައްސަސާތަކުގެ މެދުގައި އޮތް ވަރުގަދަ ކޯޑިނޭޝަނެއްގެ ނަތީޖާ ކަމަށް ވަޒީރު ސިފަކުރެއްވިއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ފިސްކަލް އިންޑިކޭޓަރުތަކާއި އިންވެސްޓަރުންގެ އިތުބާރު ބޮޑުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ސުކޫކް ދެއްކުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި މިންވަރު ދަށްވެފައިވާ ކަމަށާއި، އެ އަދަދު ދުވަހުން ދުވަހަށް ކުޑަވަމުންދާ ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން ކުރިއަށްވުރެ ރަނގަޅުވެފައިވާ ކަން ފާހަގަކުރައްވައި، މިއީ އިންވެސްޓަރުންނާއި ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުގެ އިތުބާރު ރާއްޖެއަށް އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމަކީ ހިކުމަތްތެރިކަމާއެކު ރޭވުންތައް ރާވައި، މާލީ އިދާރާތަކުގެ މެދުގައި ބަދަހި ގުޅުމެއް ބާއްވައި ރާއްޖެއަށް އެންމެ ފައިދާހުރި ނިންމުން ނިންމުމުގެ ނަތީޖާ. މިއާއެކު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި މިވަނީ ދަށްކުރެވި، އިތުރަށް ދަށަށްދާނެ މިސްރާބަކަށް ގެނެވިފައި. މިކަމުގެ ސަބަބުން ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ މިވަނީ ކުރީގެ ޙާލަތަށްވުރެ ރަނގަޅުކުރެވިފައި. މިއީ އިންވެސްޓަރުންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު އިތުރުވެފައިވާކަމުގެ ހެއްކެއް،" ވަޒީރު ވިދާޅުވިއެވެ.

މި މަސައްކަތުގައި މަރުކަޒީ ބޭންކުން ސަރުކާރަށް ދިން އެއްބާރުލުން ފާހަގަކުރައްވާ، މި ކާމިޔާބީ ހާސިލުކުރުމުގައި އެމްއެމްއޭއިން އަދާކުރި ދައުރަކީ ވަރަށް މުހިންމު ދައުރެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ސުކޫކް އަނބުރާ ދެއްކުމުން ދޭހަވަނީ ދައުލަތުގެ މާލީ ޒިންމާތައް އަދާކުރުމާއި ގައުމުގެ އިގްތިސާދީ މަސްލަހަތު ހިމާޔަތްކުރުމުގައި މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ މުހިންމުކަން ކަމަށެވެ. އަދި މިފަދަ އިގުތިސާދީ އަދި މާލީ ކަންކަމުގައި މާލީ ވުޒާރާއާއި އެމްއެމްއޭއިން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، އެމްއެމްއޭއިން ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މާލީ ނިޒާމު ތަރައްގީކުރުމަށާއި، މާލީ ހަމަޖެހުން ގާއިމުކުރުމަށް ކޮށްފައިވާ މަސައްކަތްތަކަށް ތައުރީފު ކުރެއްވިއެވެ. އަދި އެ އޮތޯރިޓީގެ އިސްވެރިންނާއި މުވައްޒަފުން ކުރައްވާފައިވާ މަސައްކަތްތަކުގެ ސަބަބުން އާންމުންގެ އިތުބާރު އެ އިދާރާއަށް ލިބިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.