ޚަބަރު

ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން ޒަކާތާ ގުޅޭ 4 ފޮތެއް ނެރެފި


  • ފޮތްތައް ނެރެދެއްވީ ރައީސް ޑރ.މުއިއްޒު

  • އެކްސްޕޯ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން ޒަކާތާއި ގުޅޭ 4 ފޮތެއް ޒަކާތު ހައުސްއިން ނެރެފިއެވެ. މި ފޮތްތައް ނެރެދެއްވީ، ފައިނޭންޝަލް އެކްސްޕޯ ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސުލްޖުމްހޫރިއްޔާ މި އެކްސްޕޯގެ މޯލްޑިވްސް ޒަކާތު ހައުސްގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ޒަކާތު ހައުސްގެ ޑައިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސްވަނީ މި 4 ފޮތް އެމަނިކުފާނަށް އަރުވައިފައެވެ. މީގެ އިތުރުން، "ޒަކާތް ބަލައިގަތުމާއި ބެހުމުގެ ޝަރުޢީ އުޞޫލުތަކާއި މިންގަނޑުތައް" މި ފޮތުގެ ދިވެހި އަދި އިނގިރޭސި ފޮތްވެސް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވައިފައެވެ.

އެކްސްޕޯގެ ތެރެއިން މޯލްޑިވްސް ޒަކާތު ހައުސްއިން ނެރެފައިވާ 4 ފޮތަކީ:

* ޒަކާތާއި އަޤީދާ
* ޒަކާތާއި ޞަދަޤާތްދިނުމާ މެދު ބާރުއަޅުއްވާފައިވާ މިންވަރު
* ޒަކާތާއި ޞަދަޤާތް ދިނުމާ ގުޅޭ އަދަބުތަކާއި ޞަދަޤާތްދީ އުޅޭ މީހުންގެ ސިފަތައް
* ޒަކާތުގެ ޙުކުމްތަކުގެ ޚުލާޞާ

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)އިން އިންތިޒާމު ކޮށްގެން ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯ މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެއެވެ.

އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި ޒަކާތު ހައުސްގެ ސްޓޯލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ތަފާތު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމަށް ވަނީ ބުނެފައެވެ. މީގެ ތެރޭގައި ދީނީ ޢިލްމުވެރިންނާއެކު ކުރިއަށްގެންދާ ޒަކާތާ ގުޅޭ ސުވާލާއި ޖަވާބު ސެޝަންތަކާއި، ޒަކާތު ހައުސްގެ ޚިދުމަތްތަކާއި މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ދިނުމުގެ އިތުރުން މިހާރު ހުޅުވާލާފައިވާ ޒަކާތު ސްކޮލަރޝިޕް ޕްރޮގްރާމާ ބެހޭ މަޢުލޫމާތު ދިނުމާއި ފޯމު ދޫކުރުން ހިމެނެއެވެ.

މީގެ އިތުރުން، ސްޓޯލުގައި ކުރިއަށްގެންދާ ޒަކާތު ކުއިޒު ޕްރޮގްރާމުގައި ބައިވެރިވެގެން ކޮންމެ ދުވަހަކު ފައިސާގެ އިނާމު ހޯދުމުގެ ފުރުޞަތު ލިބޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.