ޚަބަރު

ގަރލް ގައިޑު ދުވަހުގެ ރަސްމިއްޔާތު ރައީސްގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި


  • 47 ފަރާތަކަށް ގައިޑަރސް ވޮރަންޓް އެވޯޑް ޙާވާލުކޮށްދެއްވާފައިވޭ

  • ގަރލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ މަޖައްލާ އިފްތިތާޙްކޮށްފައިވޭ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގަރލް ގައިޑް ދުވަސް ޤައުމީ ފެންވަރުގައި މިއަދު ފާހަގަކޮށްފިއެވެ. ޤައުމީ ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ތާރީޚީ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.

މިއަހަރުގެ ގަރލް ގައިޑް ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، ގަރލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރގެ އިތުރުން، ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ގަރލް ގައިޑް އެސޯސިއޭޝަންގެ އިސްވެރިންނާއި، މާލޭގެ އެކި ސްކޫލްތަކުގެ ސްޓާސް، ލިޓިލް މެއިޑް، ގައިޑްސް އަދި ޔަންގް ލީޑަރުން މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ އާއިޝަތު ނަޝީދާ ވިދާޅުވީ، ގަރލް ގައިޑް ހަރަކާތަކީ ޒުވާން އަންހެން ކުދިން ބާރުވެރިކުރުވައި، ދިރިއުޅުމުގެ މުހިންމު ހުނަރުތައް އަށަގަންނުވައިދޭ ހަރަކާތެއްކަމަށެވެ.

މިއީ ކްލާސްރޫމްތަކުން ކިޔަވައިދޭ ފިލާވަޅުތަކާއި އެއްވަރަށް ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ ހަރުފަތެއްކަމަށާއި، ގަރލް ގައިޑުންގެ ތެރޭގައި ކެބިނެޓް މިނިސްޓަރުންނާއި ޔުނިވަރސިޓީތަކުގެ އިސްވެރިންނާއި އަދި މިނޫންވެސް އެކި ފަންނުގެ މީހުން ހިމެނޭކަން ޗީފް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

"ގަރލް ގައިޑް ހަރަކާތަކީ ޒުވާން އަންހެން ކުދިން ބާރުވެރިކުރުވައި ދިރިއުޅުމުގެ މުހިންމު ހުނަރުތައް އަށަގަންނަވައި، ކްލާސްރޫމްތަކުން ކިޔަވައިދޭ ފިލާވަޅުތަކާއި އެއްވަރަށް ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ ހަރުފަތެއް. ގަރލް ގަޑިޑުން ތެރޭގައި ކެބިނެޓް މިނިސްޓަރުންނާއި ޔުނިވަރސިޓީތަކުގެ އިސްވެރިންނާއި ޕްރިންސިޕަލުންނާއި، ޑޮކްޓަރުންނާއި ވިޔަފާރިވެރިންނާއި، އަދި މިނޫންވެސް ތަފާތު ފަންނުގެ މީހުންގެ ހިމެނޭ." އާއިޝަތު ނަޝީދާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ގަރލް ގައިޑުންގެ ހުވާ އައުކޮށްފައެވެ. އަދި މިއަހަރުގެ ގައިޑަރސް ވޮރަންޓް ލިބިވަޑައިގެންނެވި 47 ލީޑަރަކަށް ބެޖާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ކުއަރޓަރ މާސްޓަރ އަދި ފަސްޓް އެއިޑް ބެޖް ޙަވާލުކޮށްފައިވާއިރު، 14 ފަރާތަކަށް ސަރވިސް އެވޯޑުވެސް ވަނީ ޙަވާލުކޮށްދެއްވާފައެވެ. އަދި ގައިޑިން ހަރަކާތްތަކަށް އެކިއެކި ގޮތްގޮތުން އެހީތެރިވެދެއްވި 5 ފަރާތަކަށް "ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" ވެސް ވަނީ ޙަވާލުކޮށްފައެވެ.

ޤައުމީ ގަރލް ގައިޑް ދުވަހުގެ ރަސްމިއްޔާތުގައ މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަންގެ އަހަރީ މަޖައްލާ އެނުއަލް ނިއުސް ބުލެޓިންއާއި، "ކޮމިއުނިޓީ ސަރވިސް ޓޫލް ކިޓް" ވަނީ ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ. ކޮމިއުނިޓީ ސަރވިސް ޓޫލް ކިޓް އިފްތިރާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދެވެ. އެނުއަލް ނިއުސް ބުލެޓިންއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަފާތު ހަރަކާތްތައް އެއްތަނަކުން ފެންނާނެ މަންސައެކެވެ.

ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އޭޝިއާ ޕެސިފިކް ރީޖަން އޮފް ވޯލްޑް އެސޯސިއޭޝަން އޮފް ގަރލްގައިޑްސް އެންޑް ގަރލް ސްކައުޓްސް (ވެގްސް) އިން، ދެއްވާ ޝަރަފުވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ އެވޯޑެއް ކަމަށްވާ "އޭޝިއާ ޕެސިފިކް ރީޖަނަލް ޓްރޫޕް ލީޑަރ ޔުނިޓް އެވޯޑް" ހާސިލުކުރެއްވި ދިވެހިރާއްޖޭގެ ގައިޑަރުންނާ އެވޯޑް ޙަވާލުކޮށްދެއްވާފައެވެ. ދިވެހިރާއްޖޭގެ 14 ގައިޑަރަކު މި އެވޯޑް ހާސިލުކުރެއްވިއެވެ.

1951 ވަނަ އަހަރު ދިވެހިރާއްޖެއަށް ތަޢާރަފުކުރެވުނު ގަރލް ގައިޑް ހަރަކާތް، މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުން 90 އަށްވުރެ ގިނަ ރަށަށް ފުޅާކުރެވި، 14000 އަށް ވުރެ ގިނަ މެންބަރުން ވަނީ މި ހަރަކާތުގައި ރަޖިސްޓްރީކުރެވިފައެވެ. ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަހެއް ފާހަގަކުރުމަށް ރަސްމީކޮށް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.