ފުލުހުންގެ ކާމިޔާބީ މިނަނީ ރައްޔިތުންގެ އިތުބާރު އޮތް މިންވަރަށް ބަލައިގެންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
42 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވަނީ ފުލުހަކަށް މަސައްކަތުގައި ލިބޭ ކާމިޔާބީ މިނަންވާނީ އޭނާއަށް ލިބޭ މަޤާމާއި، މެޑަަލްއާއި ކުލައަށް ބަލައިގެން ނޫންކަން ފާހަގަކުރައްވާފައެވެ. އަދި ފުލުހުންގެ ޚިދުމަތުގެ ފެންވަރު އެނގެނީ އާއްމުންގެ އިތުބާރާއި ހިނިތުންވުމުގެ ސަބަބުންކަމަށް ސީޕީ ވިދާޅުވިއެވެ. އެގޮތުން ފުލުހުންނަކީ ރައްޔިތުންގެ އެންމެ ގާތް އެކުވެރިޔާކަމަށް، ރައްޔިތުންނަށް އަބަދުވެސް އިހުސާސްވާންޖެހޭނެކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީވަނީ ފުލުހުންގެ ޚިދުމަތަކީ އާއްމުންނާއި ގުޅުންހުރި މުހިންމު ޒިންމާއެއްކަން ފާހަގަކުރައްވާފައެވެ. އަދި އެ ޚިދުމަތަކީ ޤައުމީ ޖިހާދެއްކަމަށް ސިފަކުރައްވާ ސީޕީ ވަނީ އިޚުލާސްތެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ.
"ހިތްވަރު ވަރުގަދަކޮށް އަޒުމް އާކުރަންވީ. ފުލުހުންގެ ހަޤީޤީ ކާމިޔާބަކީ މެޑައްޔާއި ކުލައެއް ނޫން. ޖަހާ ޕްރޮމޯޝަނެއްވެސް ނޫން. ފުލުހެއްގެ ކާމިޔާބަކީ ރައްޔިތު މީހާގެ ހިނިތުންވުން. އެ އިތުބާރު ހޯދޭނީ މަސައްކަތްކޮށްގެން." ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ، ފުލުހުން ނެތްތަނެއްގައި އަމާންކަން ޤާއިމް ނުވާނެ ކަމަށާއި، އެތަނެއްގައި ބިރުވެރިކަން ފެތުރިގެންދާނެ ކަމަށެވެ. ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މާނައަކީ ޤާނޫނު ތަންފީޒުކުރުން އެކަނި ނޫންކަމަށާއި، ހުރިހާ ގޮތަކުން ބެލިޔަސް ފުލުހުން ވާންވާނީ ނަމޫނާ ބަޔަކަށްކަމަށް ސީޕީ ވިދާޅުވިއެވެ. ފުލުހުންނަކީ ދިމާވާ ދަތިތަކުގެ ސަބަބުން ފަހަތަށް ޖެހޭނެ ބައެއް ނޫންކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.
"ގޮންޖެހުންތަކަކީ އަޅުގަނޑުމެންގެ ސަފުތައް ބަލިކަށިކޮށްލާނެ އެއްޗެއް ނޫން. އެއީ އަޒުމް އާލާކޮށްދޭނެ އިމްތިހާނެއް. ފުލުހުންގެ ޝަަރަފު ހިފެހެއްޓުމަކީ ޤައުމީ، ދީނީ ވާޖިބެއް. އެ ވާޖިބަށް ހިޔާނާތްތެރި ނުވާތި." ސީޕީ ވިދާޅުވިއެވެ.
ދުނިޔެ ބަދަލުވެ ކުށުގެ ވައްތަރުތައް އިތުރުވަމުންދާއިރު ޚިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ގިނަކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މީހުން ތަމްރީންކުރުމަށް އިސްކަންދެއްވާކަމަށެވެ.
އެގޮތުން، ފުލުހުންގެ އަސާސީ ތަމްރީންތައް ޒަމާނާއި އެއްގޮތަށް ބައްޓަންކުރުމަށް ފަންނީ، ޢީލްމީ ދިރާސާތައް ކުރުމަށް ސީޕީ އެދިވަޑައިގެންނެވިއެވެ. އަދި އެ ދިރާސާތަކުގެ އަލީގައި އެކުލަވާލާ އައު މަންހަޖަށް ފުލުހުންގެ 43 ވަނަ ޕޮލިސް ޓްރެއިނިންގައި ޒަމާނީ ބަދަލުތައް އަމަލީގޮތުން ފެށުމަކީ އުއްމީދުކުރައްވާކަމެއްކަމަށްވެސް ސީޕީ ވިދާޅުވިއެވެ.