ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީއިން ދިވެހި ފަންނުވެރި ކޮންޓެންޓަށް ޚާއްސަކޮށްގެން ތައާރަފްކުރި މާކެޓް ޕްލޭސް "ކްރިއެޓޯލް" އަކީ އެމީހުންނަށް ހުޅުވިގެންދިޔަ ރަނގަޅު ފުރުސަތެއްކަމަށް ދިވެހި ފަންނުވެރިން ބުނެފިއެވެ. "ކްރިއެޓޯލް" ޕްލެޓްފޯމް އިފްތިތާހުކޮށްފައިވަނީ މިދިޔަ މަހުގެ 29ގައެވެ.
ވިޒިޓް މޯލްޑިވްސްއިން ތަރައްޤީކުރި "ކްރިއެޓޯލް" އަކީ ރާއްޖޭގެ ވިޝުއަލް އަދި ސަޤާފީ އުފެއްދުންތަކަށް ޚާއްސަ ޤައުމީ ޑިޖިޓަލް މާކެޓް ޕްލޭސްއެކެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް އުފެއްދުންތެރިންނާއި، ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި، މީޑިއާ އިދާރާތަކާއި ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ބޭރުގެ މިޝަންތަކާއި ގުޅުވައިދޭނެއެވެ.
ކްރިއެޓޯލްއަކީ ހަމައެކަނި ކޮންޓެންޓް ގަނެ ވިއްކާ ތަނެއް ނޫނެވެ. މިއީ ރާއްޖޭގެ "ކްރިއޭޓިވް އިކޮނޮމީ" ކުރިއަރުވައި ރާއްޖޭގެ ވާހަކަތައް އިތުބާރު ހުރި ގޮތެއްގައި ދުނިޔެއަށް ފޯރުކޮށްދިނުމަށާއި، އުފެއްދުންތެރިންނަށް އައު ދޮރުތަކެއް ހުޅުވައިދޭނެ މުހިންމު ވަސީލަތެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.
ރާއްޖެއަކީ ވަރަށް ގިނަ އަދަދެއްގެ ފަންނުވެރިން އަދި ކޮންޓެންޓް އުފައްދާ ފަރާތްތައް އުޅެމުންދާ ޤައުމެކެވެ. ރާއްޖެއަކީ ފަތުރުވެރިކަމަށް މަޝްހޫރު ޤައުމަކަށް ވުމާއެކު އެމީހުންނަގާ ފޮޓޯތަކާއި އަދި ވީޑިއޯތަކަކީ ރާއްޖެ އިޝްތިހާރުކުރުމުގައިވެސް ބޭނުންކުރެވޭނެ މުހިންމު ތަކެއްޗެވެ.
ދިވެހި ފަންނުވެރި ޒުވާނުން ފާހަގަކުރާ ގޮތުގައި މިއީ އެމީހުންނަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުޞަތެކެވެ. މިއީ އެމީހުންނަށް އާމްދަނީ ލިބޭނެ ރަނގަޅު މަގެއްކަމަށް ކޮންޓެންޓް ކްރިއޭޓަރަކު ވަނީ ފާހަގަކޮށްފައެވެ.
"މިއީ ކުދި އަދި އަލަށް ފޮޓޯގްރަފީ ވީޑިއޯ ގްރަފީ ނޫނީ ކޮންޓެންޓް ކްރިއޭޝަންއަށް ވަންނަ ކުދިންނަށް ވަރަށް ރަނގަޅު ފުރުސަތެއް ކަންނޭންގެ އެކުދިންގެ ކޮންޓެންޓް ޕަބްލިކްއަށް ނޫނިއްޔާ ކްލައިންޓްސްއަށް އެކްސްޕޯޝަރއެއް ވަރަށް ބޮޑަށް އަސްލުގައި. އިންކަމްއެއް ޖެނެރޭޓްކުރެވޭނެ ވަރުގެ ޕްލެޓްފޯމެއް އަސްލު ވަރަށް ރަނގަޅު. އަދި މިކަހަލަ ފްލެޓްފޯމްއެއް ނެތްކަންނޭންގެ ކްރިއޭޓަރުންނަށް އަދި ކޮންޓެންޓް ކުރިއޭޓަރުންނަށް އެހެންވީމަ ވަރަށް ރަނގަޅުކަމެއްގެ ގޮތުގައި ބަލައިގަނެވޭނީ." ދިވެހި ކޮންޓެންޓް ކްރިއޭޓަރަކު ބުންޏެވެ.
ރާއްޖެއަކީ ގިނަ އަދަދެއްގެ ފަންނުވެރިން އުޅެމުންދާ ޤައުމެކެވެ. މި ފްލެޓްފޯމްގެ ސަބަބުން ޓެލެންޓް ހުރި ޒުވާނުންނަށް އެމީހުންގެ ހުނަރު ދައްކާލުމަށް އިތުރަށް ފުރުސަތު ހުޅުވިގެންދާނެކަމަށް ފަންނުވެރިން ޤަބޫލުކުރެއެވެ.
"މިހާރު މިއައި އޮޕަޗުނިޓީގެ ތެރެއިން އަހަރެމެންނަށް ކޮންމެވެސް ވަރަކަށް މީތި ވިއްކައި ނޫނީ އަހަރެމެންނަށް ފްރީކޮށް މީތި ބޭނުންކުރުމުގެ ފުރުސަތު އެބަލިބޭ އެހެންމީހުންނަށްވެސް. އިންޓްރެސްޓް އުފެދޭނެ ދެން ތިބި އެހެންކުދިންނަށްވެސް މިކަންކަން ކުރަން. ދިވެހިރާއްޖޭގައި ވަރަށް ބައިވަރު ކުދިން އެބައުޅޭ ވަރަށް އިންޓްރެސްޓާއިއެއްކޮށް ފޮޓޯ ނަގަން ބޭނުންވާ ރާއްޖޭގެ އެކި ރަށްރަށުގައި. މިކަހަލަ ގުދުރަތީ ގައުމެއްގައި މިއީ ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ." ދިވެހި ފަންނުވެރިއަކު ބުންޏެވެ.
ކްރިއެޓޯލް މެދުވެރިކޮށް އުފެއްދުންތެރިންނަށް ވެރިފައިޑް ޕްރޮޕައިލްތައް ހަދައި، ފޮޓޯއާއި ވީޑިއޯ އަޕްލޯޑްކޮށް، އަގު ކަނޑައަޅައި އަމިއްލަ މަސައްކަތުގެ މިލްކުވެރިކަން ދަމަހައްޓަމުން އާމްދަނީ ހޯދޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ. އަދި ކްލަޔަންޓުންނަށް މި މާކެޓް ޕްލޭސްއިން ކޮންޓެންޓް ބަލައި ހިލޭ ލިބެންހުރި ތަކެތި ޑައުންލޯޑްކޮށް އަދި ލައިސަންސްކޮށްފައިވާ ތަކެތި ގަތުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ކްރިއެޓޯލް ޕްލެޓްފޯމް އިފްތިތާހުކުރުމަށްފަހު ވިޒިޓް މޯލްޑިވްސްއިން ވަނީ "ދިސް އިޒް މައި މޯލްޑިވްސް"ގެ ނަމުގައި ބައިނަލްއަޤުވާމީ ފޮޓޯގްރަފީ މުބާރާތެއްވެސް ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހެނީ ރާއްޖޭގެ ރަށްތަކާއި، މީހުންނާއި، ސަޤާފަތާއި، ތިމާވެށި އަދި ތަފާތު ތަޖުރިބާތައް ރަމްޒުކޮށްދޭ އަމިއްލަ ފޮޓޯތަކެވެ.
މި މުބާރާތަކީ ހުރިހާ ފަންތިއެއްގެ ފޮޓޯގްރާފަރުންނަށްވެސް ބައިވެރިވެވޭ ގޮތަށް ރާއްޖޭގެ ރީތިކަމާއި، ސަޤާފީ މުއްސަނދިކަން އަދި ދިވެހިންގެ އާންމު ދިރިއުޅުން ފޮޓޯގެ ޒަރީއާއިން ދައްކާލުމަށް ހުޅުވާލި ފުރުޞަތެކެވެ.
މި މުބާރާތް ކުރިއަށްދާނީ، 1 ޖުލައިން 30 ސެޕްޓެމްބަރުގެ ނިޔަލަށެވެ. މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.