ކުށުގެ މާޙައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓް ކުރުމަށް ހަދާ "ހޯޕް އައިލެންޑް"ގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ހޯޕް އައިލެންޑް" ތަރައްޤީ ކުރުމަށް ނިންމާފައިވަނީ، އުތުރު ތިލަފަޅުގައެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 3 ވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުވަނީ، ޒުވާނުން ކުށަށް އަރައިގަތުމަށް މަގުފަހިވާ ކަންތައްތައް ހިއްސާކުރައްވާފައެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ، ކުށަށް އަރައިގަތުމަށް މަގުފަހިވާ ކަންކަން ޙައްލުކުރުންކަން ފާހަގަކުރައްވާ ރައީސްވަނީ ސަރުކާރުގެ ސިޔާސަތުތައް ތަކުރާރު ކުރައްވާފައެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރުމާއި، ޒުވާނުންނަށް އާމްދަނީ ލިބޭނެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން ކުދި ވިޔަފާރިތައް ފެށުމަށް ފުރުޞަތުތައް ހޯދައިދިނުން ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ކުށަށް އަރައިގަތުން ފަދަ ކަންކަމަށް ދާއިމީ ބަދަލެއް އަންނާނީ ކުށަށް އަރައިގަތުމަށް މަގުފަހިވާ ކަންކަން ޙައްލު ކޮށްގެން ކަމަށެވެ.
ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށް އެންމެ ޒަމާނީ ފެންވަރުގައި ރަނގަޅު ޙައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެކަމަކީ ވަރަށް ޚަރަދު ބޮޑު ކަމެއް ނަމަވެސް، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ހިއްކާ ބިމުގެ އިތުރަށް އުތުރު ތިލަފަޅުގެ ވަކި ސަރަޙައްދެއް ކަނޑައަޅައިގެން އެތަނުގައި "ހޯޕް އައިލެންޑް" ތަރައްޤީ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ މަޝްރޫޢަށް ފައިސާ ހޯދުމަށް ގިނަ ދުވަސްތަކެއް ހޭދަވެފައިވީ ނަމަވެސް މިކަމަށް ހުށަހަޅައިފައި ހުރި ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށެވެ. އަދި އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މާ ލަސްތަކެއްނުވެ ފަށާނެ ކަމަށާއި، މި ދައުރުގެ ތެރޭގައި އެކަމުގެ ނަތީޖާ ފެނިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިހެން ކުރާ ކޮންމެ ކަމަކީވެސް ރަނގަޅު ކަމަކަށްވާން ބޭނުންވަނީ. ސަރުކާރުން މި މަޝްރޫޢު ލަސްތަކެއްނުވެ ފަށާނެ. މިދައުރުގެ ތެރޭގައި ނިންމާ ބޭނުން ކުރުމަކީ އަމާޒެއް. ޖުމުލަ މުޅި މަސްރޫޢަށް ޙައްލެއް އަންނަނީ މި މަޝްރޫޢުއަކުން އެކަނި ނޫން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އުތުރު ތިލަފަޅުގައި ހޯޕް އައިލެންޑް ތަރައްޤީ ކުރަނީ، 700 މީހުންގެ ޖާގަޔަށް ޚާއްސަ ކޮށްގެންނެވެ. އެތަނަށް ގެންދާ ކުދިންނާއި، މުވައްޒަފުން ތިބުމަށް ޚާއްސަ ޔުނިޓަކާއި، ތަޢުލީމް ފޯރުކޮށްދިނުމަށާއި އެކި ތަމްރީންތައް ކުރިއަށްގެންދާނެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ ސަރަޙައްދަކާއި، ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ތަނެއްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫޢަށް އުތުރު ތިލަފަޅުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. ހޯޕް އައިލެންޑުގައި ތިބޭ ކުޑަކުދިންނަށް އަސާސީ ތަޢުލީމާއި، ދީނީ ތަރުބިއްޔަތު ދޭނެއެވެ. އަދި ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގުރާމު ނުވަތަ ތެރަޕީ ދިނުމުގެ ޕްރޮގުރާމުތަކާއި، ކޮންޓެކްޓް ސްޕޯޓްސް ޕްރޮގުރާމުތައްވެސް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.
ހޯޕް އައިލެންޑަށް ގެންދާ ކުދިން ޢުމުރުން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސިފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ޚިދުމަތް ކުރަން ޖެހޭގޮތަށް ހެދުމަށްވެސް ވަނީ ނިންމާފައެވެ.