ޚަބަރު

އެމެރިކާއާއެކު އޮތް ނުތަނަވަސްކަން ހައްލު ކުރުމަށް ނޭޓޯއިން ބައްދަލުކުރަނީ


އީރާންއާއި ގްރީންލެންޑްއާ ގުޅޭގޮތުން ވިލާތުގެ ޤައުމުތަކާއި އެމެރިކާއާ ދެމެދު އުފެ
ދިފައިވާ ޚިޔާލުތަފާތުވުންތައް އެއް ފަރާތްކޮށް، ބައްރުގެ މަސްލަހަތު އިސްކުރުމުގައި އެކަތިގަނޑެއްގެ ގޮތުގައި އޮތްކަން ދެއްކުމަށް ވިލާތުގެ ދިފާޢީ ފައުޖު ނޭޓޯއިން އަންނަ ހަފްތާގެ ތެރޭގައި ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

ނޭޓޯގެ ސެކެޓްރީ ޖެނެރަލް މަރްކް ރުތެ ވިދާޅުވީ ޖުލައި މަހުގެ 7ވަނަ ދުވަހު ތުރުކީވިލާތުގެ އަންކަރާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގެ ސަބަބުން ރަޝިޔާގެ ފަރާތުން އަތުވެދާނެ ޙަމަލާއެއް ހުއްޓުވުމަށް ދިފާޢީ ދާއިރާއިން ޚަރަދުކުރާ މިންވަރު އިތުރުކުރާނެކަން ހާމަވެގެން ދާނެ ކަމަށެވެ. އެ ބައްދަލުވުމުގައި އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ.

ޓްރުތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ވަނީ އެމެރިކާއިން ނޭޓޯގެ މެންބަރު ޤައުމުތައް ދިފާޢު ކުރުމަށް އެ ކަމުން އެއްވެސް ފައިދާއެއް ނުލިބި ބޮޑެތި ޢަދަދުތަކުން އެމެރިކާއިން ޚަރަދުކުރަންޖެހޭ ކަމުގެ ޝަކުވާ ކުރައްވައިފައެވެ. ނަމަވެސް ރުތެއާއި ނޭޓޯގެ އެހެން އިސްވެރިން ވިދާޅުވަނީ ނޭޓޯގެ ސަބަބުން އެމެރިކާގެ ސަލާމަތަަށް ވެސް ކުރިއެރުން ލިބޭ ކަމަށެވެ. އަދި ވިލާތުގެ ޤައުމުތަކުން އެ ޤައުމުތަކުގެ ދިފާޢީ ކަންކަމަށް ޚަރަދުކުރާ މިންވަރު އިތުރު ކުރުމަށް ޓްރަމްޕް ގޮވައިލައްވަމުންދާ ގޮވައިލެއްވުމަށް އެ ޤައުމުތަކުން އިޖާބަދޭ ކަމަށެވެ. ރުތެ ވިދާޅުވީ އަންނަ ހަފްތާގައި ބާއްވާ ބައްދަލުވުމުގައި ނޭޓޯގެ ދިފާޢީ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ޚަރަދުކުރުމާ ގުޅޭގޮތުން ވާހަކަ ދައްކާނެ ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ރުތެ ވަނީ ވިލާތުގެ ޤަައުމުތަކާއި ކެނެޑާއިން އޭގެ ކުރީ އަހަރާ އަޅާބަލައި އިރު ނޭޓޯގެ ޤައުމުތަކުން ފާއިތުވި އަހަރުގެ ތެރޭގައި ދިފާޢީ ދާއިރާއިން 90 ބިލިއަނަށްވުރެ ގިނަ ޑޮލަރު އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން 2025ވަނަ އަހަރުގެ ތެރޭގައި އެ ޤައުމުތަކުން ޖުމްލަ 570 ބިލިއަން ޚަރަދުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ނޭޓޯގެ ޤައުމުތަކުން ވަނީ 2035ވަނަ އަހަރު އަންނަންވާއިރަށް އެ ޤައުމުތަކުން ހަތިޔާރާއި ސިފައިންފަދަ ކޮންމެހެން މުހިންމު ދިފާޢީ ކަންކަމަށް ޚަރަދު ކުރާ މިންވަރު، އެ ޤައުމުތަކުގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 3.5 އިންސައްތައަށް އިތުރުކުރުމަށް ނިންމާފައެވެ. އޭގެ ކުރިން ނޭޓޯއިން އަމާޒު ހިފާފައި އޮތީ އެ ޢަދަދު 2 އިންސައްތައަށް އިތުރު ކުރުމަށެވެ. އޭގެ އިތުރުން އުފެއްދުންތެރިކަމުގެ ނިސްބަތުގެ އިތުރު 1.5 އިންސައްތަ ސައިބާސެކިއުރިޓީ ފަދަ ދިފާޢީ ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކަށް ޚަރަދު ކުރުމަށް ވެސް އެއްބަސްވެފައިވެއެވެ.