ކުޅިވަރުގެ ތެރެއިން އަޚްލާޤު ރަނގަޅު ޖީލެއް ބިނާކުރުމުގެ އަމާޒުގައި އުފެއްދި މަންފާ އެކަޑަމީ އިފްތިތާހުކޮށްފިއެވެ.
މި އެކަޑަމީ އިފްތިތާހުކޮށްދެއްވީ ޣިޔާޡުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޓެކްނިކަނަލް ޑިރެކްޓަރ އަދި ތަޖުރިބާކާރު ފުޓްބޯޅަ ކޯޗު ޢަލީ ސުޒައިންއެވެ.
މަންފާ ޖަމިއްޔާގެ ކުޑައިގެ ދަށުން ވުޖޫދުވެގެން އައި މަންފާ އެކަޑަމީގެ ޗެއަރމަނެއްގެ ގޮތުގައި ހުންނަވާނީ މަންފާ ޖަމިއްޔާގެ ފައުންޑަރ ޢަލީ ރަމީޒެވެ. އަދި ރައީސެއްގެ ގޮތުގައި ހުންނަވަނީ ވޮލީގެ ތަޖުރިބާކާރު ކޯޗް މުޙައްމަދު ސާޖިދްއެވެ. ނައިބުންގެ ގޮތުގައި ތިއްބަވާނީ ތަޖުރިބާކާރު ފުޓުބޯޅަ ކޯޗް ޢަލީ ނިސްތާރު މުޙައްމަދާއި މުޙައްމަދު ތައުފީގުގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް ކޯޗް އިބްރާހީމް ރަމީޒެވެ.
މަންފާ އެކަޑަމީ އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި އެއެކަޑަމީގެ ރަސްމީ ޖާޒީ ވަނީ ސުޒައިންއަށް ހަދިޔާކޮށްފައެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކަޑަމީގެ ޗެއާރމަން ޢަލީ ރަމީޒް ވިދާޅުވީ މަންފާ އެކަޑަމީ ވާނީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ނަމޫނާ، އަދި އިސްލާމީ ދައުވަތު އެ ދާއިރާއަށް ފޯރުކޮށްދިނުމުގައި މުހިންމު ބައިވެރިއަކަށްކަމަށެވެ.
މި އެކަޑަމީއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެކަޑަމީގެ ނައިބު ރައީސް ނިސްތާރު ވިދާޅުވީ އެކަޑަމީގެ ކަންކަން ކުރިއަށްގެންދާނެ ގޮތްތަކާމެދު މަޝްވަރާކުރެވެމުންދާކަމަށެވެ. އެކަޑަމީ އިފްތިތާހުކުރުމާއެކު އަމަލީ މަސައްކަތް ފެށުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށެވެ. އަދި އެކަޑަމީއަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާނުލާކަމަށް އޭނާ މައުލޫމާތުދެއްވިއެވެ. ދާދި އަވަހަށް އެފުރުސަތު ހުޅުވާނެކަމަށާ އެކަން އާންމުކޮށް އަންގާނެކަމަށް ނިސްތާރު މައުލޫމާތުދެއްވިއެވެ.
ނިސްތާރު އިތުރަށް ވިދާޅުވީ މި އެކަޑަމީއިން ތަމްރީނުވެގެން ނުކުންނާނީ ހަމައެކަނި ކުޅިވަރު ކުޅޭނެ ކުދިންތަކެއް ނޫންކަމަށާ، މި އެކަޑަމީއިން ތަމްރީނުވާނީ ނަމާދަށް ފަރުވާތެރި ދީނީ ކަންކަމަށް ބޯލަނބާ ޖީލެއްކަމަށް އޭނާ ވިދާޅުވިއެވެ.