ޚަބަރު

ފައިނޭންޝަލް އެކްސްޕޯ: ބައިލައްކަ ރުފިޔާގެ ގުރުނެގުން މިރޭ


  • އެކްސްޕޯއަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށްވެސް ފުރުޞަތު އޮންނާނެ

  • މިރޭ 10 ޖެހުމާއި ހަމައަށް އެކްސްޕޯ ކުރިއަށްދާނެ

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތްކުރާ ނަސީބުވެރި ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަކީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އިންތިޒާމުކުރާ އެކްސްޕޯއެކެވެ.

ފައިނޭންޝަލް އެކްސްޕޯ ފަށާފައިވަނީ މިމަހުގެ 2ވަނަ ދުވަހުއެވެ. އަދި އެކްސްޕޯ މިރޭ 10 ޖެހުމާއި ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެއެވެ.

މިއީ މާލީ ދާއިރާގައި ހުރި ފުރުޞަތުތަކާއި، އަލަށް ތައާރަފުކުރާ ޚިދުމަތްތަކާގުޅޭ މައުލޫމާތު ހޯދައި، މާލީ ގޮތުން ހަރުދަނާ ނިންމުންތައް ނިންމުމަށް ބޭނުންވާ އަމަލީ އިރުޝާދު ހޯދުމަށް ފަސޭހަކޮށްދީ މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯގައި އެކިއެކި ސްޓޯލްތަކުން ދަނީ އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ހަދިޔާތައް ދެމުންނެވެ.

އެކްސްޕޯގެ ތެރެއިން ދޭ އެންމެ ޚާއްސަ އެއް ހަދިޔާއަކީ މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން އެކްސްޕޯއަށް ޒިޔާރަތްކުރާ ކޮންމެވެސް އެއް ފަރާތަކަށް ބައި ލައްކަ ރުފިޔާ ދިނުމެވެ. މި ލަކީޑްރޯގައި އެކްސްޕޯއަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ. ނަސީބު ވެރިއަކު ހޮވުން އޮންނާނީ މިރެއެވެ.

ފައިނޭންޝަލް އެކްސްޕޯ ކުރިއަށްގެންދަނީ އާންމުން ގަޔާވާނެ ފަދަ ގިނަ ހަރަކާތްތަކާއި އެކުގައެވެ. އެގޮތުން މާލީ ދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު އާންމުންނަށް ބުނެދޭއިރު ހަވީރުގެ ވަގުތުތަކުގައި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް އަދި ރޭގަނޑުގެ ވަގުތުގައިވެސް އާންމުން ގަޔާވާނެފަދަ ހަރަކާތްތައް ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ހަވާއެރުވުން ފާހަގަކޮށްލެވެއެވެ.

މި އެކްސްޕޯއަކީ ވިޔަފާރިވެރިންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް މުހިންމު ހަރަކާތެކެވެ. މާލީ އެހީތެރިކަން ހޯދޭނެ ގޮތްތައް ބަލައި، ފައިސާ ދޫކުރާ ފަރާތްތަކާ ސީދާ މަޝްވަރާކޮށް، ރަސްމީ މާލީ ނިޒާމުގެ ތެރެއިން ވިޔަފާރިތަކަށް ލިބެން ހުރި އެހީތެރިކަން ދެނެގަނެވޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ.