ކުޅިވަރު

ޕެނަލްޓީ އަކުން ޕެރަގުއޭ ބަލިކޮށް، ފްރާންސް ކުއާޓަރއަށް


  • ޑޫއޭ ހޯދައިދިން ޕެނަލްޓީއަކުން ލަނޑު ޖެހީ އެމްބާޕޭ

ޕެނަލްޓީ އަކުން ޕެރަގުއޭ ބަލިކޮށް، ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލަށް ފްރާންސް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި އޮތް ފްރާންސަށް ގަދަ ސޯޅަ ބުރުގައި ޕެރަގުއޭ ބަލިކުރަން އުނދަގޫތަކެއް ކުރިމަތިވިއެވެ. މެޗުން ފްރާންސް މޮޅުވީ 70 ވަނަ މިނިޓްގައި ކެޕްޓަން އެމްބާޕޭ ޖެހި ޕެނަލްޓީންނެވެ. ފްރާންސް މެޗު ކާމިޔާބުކުރީ 1-0 ނެވެ.

އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި 68،000 މީހުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ފްރާންސަށް ލިބުނީ މަދުފުރުޞަތެކެވެ. މެޗުގައި ޕެނަލްޓީ ދިނީ ބަދަލަކަށް ނިކުއިން ޑޫއޭ އަށް، ޕެރަގުއޭ ޑިފެންޑަރ ޑިއެގޯ ގޮމޭޒް ކުރި ފައުލަކަށެވެ. ރެފްރީ ޕެނަލްޓީ ދިނީ ވީއޭއާރުން ބެލުމަށްފަހުއެވެ.

އެމްބާޕޭ ޕެނަލްޓީ ކާމިޔާބުކުރީ ކީޕަރު އޯލަންޑޯ ގިލް ނުބައިފަޅިއަށް ހަރަކާތް ކުރުވުމަށްފަހު އެވެ.

މިއީ މުބާރާތުގައި އެމްބާޕޭގެ ހަތްވަނަ ލަނޑެވެ. މިއަދަދަށް ދެން ލަނޑު ޖަހާފައިވަނީ އާޖެންޓީނާ ކެޕްޓަން މެސީއެވެ. އެމްބާޕޭ ވަނީ ލަނޑުގެ އިތުރަށް ދެ އެސިސްޓްވެސް ކޮށްފައެވެ. ވަރލްޑްކަޕްގައި ކުޅުނު 19 މެޗުން އެމްބާޕޭ ވަނީ 19 ލަނޑު ޖަހާފައެވެ. މިއަށްވުރެ އިތުރަށް ވަރލްޑްކަޕްގެ ތާރީޚުގައި ލަނޑު ޖަހާފައިވަނީ 20 ލަނޑު ޖަހާފައިވާ މެސީއެވެ.

ކުއާޓަރ ފައިނަލްގައި ފްރާންސް ވާދަކުރަން ޖެހޭނީ މޮރޮކޯއާއެވެ. މިއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީފައިނަލްގައި ބައްދަލުކުރި ދެޓީމެވެ. އެމެޗު 2-0 އަކުން ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރީ ފްރާންސްއެވެ. ފްރާންސަކީ މިދިޔަ ތިން ވަރލްޑް ކަޕްގައިވެސް ކުއާޓަރ ފައިނަލަށް ދަތުރުކުރި ޓީމެކެވެ.