ޚަބަރު

ފުޑް ކޯޓު ސަރަޙައްދުން 27 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް


  • ޖުމްލަ 88 ބިދޭސީއަކު ބަލާ ފާސްކުރި

ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 27 ބިދޭސީއަކު އިމިޤްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި މޯލްޑިވްސް އިމިޤްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ދަށުން ތަފާތު އެކި ޕްރޮގްރާމްތައް ދަނީ ހިނގަމުންނެވެ.

އިމިޤްރޭޝަނުން ވިދާޅުވީ ގިނަ އަދަދަކަށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ، މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކަށް ހާއްސަކޮށް، ޓާސްކް ފޯސްއިން ވަނީ ރެއިޑް އޮޕަރޭޝަނެއް ހިންގާފައިކަމަށެވެ. މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވަނީ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އޮޕަރޭޝަން ކުރަނގީގެ ނަމުގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ހަރަކާތެއްވަނީ ފަށާފައެވެ. މިއޮޕަރޭޝަން ކުރިއަށް ގެންދަނީ ކައުންސިލްތަކުގައިވެސް ބައޯމެޓްރިކްސް ނެގޭނެ ނިޒާމް ޤާއިމްކޮށްގެންނެވެ.

މި ދައުރު ނިމޭއިރު ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ ރަނގަޅަށް ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ބަލަހައްޓާ އެއް ޤައުމަށް ރާއްޖެ ވެގެންދާނެކަމަށްދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެ.