ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޝަންހާއީގައި މުހިންމު ބައްދަލުވުންތަކެއް ބާއްވައިފިއެވެ. ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ.
ޝަންހާއީގައި މި ބައްދަލުވުންތައް ކުރިއަށްގެންގޮސްފައިވަނީ ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރެއްގެތެރެއިންނެވެ. މި ދަތުރުގައި ސަރުކާރާއި، ސަރުކާރު ހިއްސާވާ ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅުންހުރި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. އެގޮތުން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އިސްވެރިންނާއި، އެމްއޭސީއެލް އަދި މޯލްޑިވިއަންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ އިސް ޖަމިއްޔާތަކުންވެސް މި ދަތުރުގައި ބައިވެރިވެއެވެ.
މި ދަތުރުގައި ރާއްޖޭގެ ވަފުދުގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހާރިސް މުޙައްމަދާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީއެވެ.
މި ދަތުރުގެ ތެރެއިން ރާއްޖޭގެ ވަފުދުން ވަނީ ޝަންހާއީގެ އޭބީސީ ޓްރެވެލް، ރަން ޓުއަރ އަދި މޯލްޑިވިއަންގެ ޖެނެރަލް ސޭލްސް އެޖެންޓް، މެގަކެޕްއާ ބައްދަލުކުރައްވާ ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ގޮތްތަކާއިގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
In Shanghai, the Maldivian delegation held a warm meeting and lunch with Run Tour, discussing new ways to grow retail and group travel packages that bring more Chinese travellers to the Maldives. pic.twitter.com/nwa9VAYCXK
— Ministry of Tourism and Civil Aviation (@MoTmv) July 6, 2026
މި މަޝްވަރާތަކުގައި ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް، ފަތުރުވެރިންގެ ޕެކޭޖުތައް ފަރުމާކުރެވިދާނެ ގޮތްތަކާއި، ވިޔަފާރިތަކާ ގުޅިގެން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މީގެއިތުރުން ޗައިނާގެ ދަތުރުވެރިންގެ މެދުގައި ދިވެހިރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމާއި، އައު ޕްރޮމޯޝަނަލް ކެމްޕޭންތައް ފެށުމުގެ އިތުރުން ރާއްޖެއާއި ޗައިނާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
ފަތުރުވެރިކަމާއިބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ޗައިނާއިން އެކަނިވެސް ރާއްޖެއަށް 174,201 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ.