ޚަބަރު

ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުއި ލިބޭ އިސްލާހެއް


  • 50 ކޮތަޅަށްވުރެ ގިނަ ކޮތަޅުބޮނޑިން 2 ރުފިޔާ ނެގުން ހުއްޓާލާނެ

  • ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ދައުރު އިތުރަށް ތަފްސީލްކޮށްދީފައިވޭ

ޕްލާސްޓިކް ކޮތަޅުން މިހާރު ނަގަމުންދާ ފީއަށް ލުއިދިނުމަށް ހިމަނާ، ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ޝިފާޒު ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ. އެ ބިލުގައި ރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކުރުމަށާއި، ކުނިމެނޭޖްކުރުމުގެ އުސޫލުތަކާއި ގުޅުން ހުރި އުސޫލްތައް ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ. މި ބިލުގައި ވަނީ 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލުމަށް ހިމަނާފައެވެ. އެކަމުގެ ސަބަބުން ޕްލާސްޓިކް ކޮތަޅުން ނަގާފީއިން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެއެވެ.

ބިލުގައި ބުނެފައި ވަނީ މި ބިލަކީ ކުނި މެނޭޖްކުރުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން އަދާކުރާ ދައުރު އިތުރަށް ސާފުކޮށް ބަޔާންކުރުމަށާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުމަށް ހުށަހަޅާ ބިލެއް ކަމަށެވެ. އަދި ކުނި އެތެރެކުރުމަކީ މަަނާކަމެއްކަމަށް ކަނޑައެޅުމާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތެއްގައި ރާވާ ހިންގުމާއި، ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް އިސްލާހުކުރުމަކީ ވެސް ބިލުގެ މުހިންމު މަޤްސަދެކެވެ.

ބިލުގައި ހިމަނާފައިވާ އިތުރުކަންކަމަށް ބަލާއިރު، އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖްކުރުމުގެ ސިޔާސަތު އެކުލަވާލުން ހިމެނެއެވެ. އަދި ކުނިމެނޭޖްކުރާ އިރު ޤައުމީ މާސްޓަރ ޕްލޭނާއި ސިޓީގެ ކުނި މެނޭޖްކުރުމުގެ ޕްލޭނާއި އެއްގޮތްކުރަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ކުނި މެނޭޖްކުރުމުގެ ނިޒާމް ފަރުމާކޮށް، ޤާއިމްކުރުމާއި، ކުނި މެނޭޖްކުރުމުގެ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ. ހަމައެހެންމެ ކުނި މެނޭޖްކުރާ މަރުކަޒުތަކައި ގުޅުންހުރި ބައެއް އިސްލާހުތައް ބިލުގައި ހިމަނާފައިވެއެވެ. ކުނި މެނޭޖްކުރުމުގައި ބޭނުންކުރަ ވަސީލަތްތައް ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

އެހެންކަމުން ބިލުގެ މަސައްކަތް ނިމޭއިރު ކުނި މެނޭޖްކުރުމުގެ ދާއިރާއަށް ޖުމްލަ ވަށާޖެހޭ ހައްލެއް ހޯދަން މަގުފަހިވެގެންދާނެއެވެ.