ޚަބަރު

ތިލަމާލެ ބުރިޖު: މުޅި މަޝްރޫޢުގެ %75 މަސައްކަތް ނިމިއްޖެ


  • ތަނބުތައް ގުޅާލުމުގެ %73 ވަނީ ނިމިފައި

  • ހައިވޭ މަގުތައް ހެދމުގެ މަސައްކަތްވެސް ދަނީ ކުރަމުން

  • ސަރުކާރުގެ އަންދާޒާކީ 2027ގެ ނިޔަލަށް ބުރިޖު ނިންމުން

ތިލަމާލެ ބުރިޖުގެ މުޅި މަޝްރޫޢުގެ %75 މަސައްކަތް ނިމިއްޖެއެވެ.

އިންޑިއާގެ އެފްކޮންސް ކުންފުންޏާ ޙަވާލުކޮށްގެން ތިލަމާލެ ބުރިޖުގެ މަސައްކަތް ފެށީ، 2022ވަނަ އަހަރުއެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތަކީ، މާލެ ސަރަޙައްދުގައި މިވަގުތު ކުރަމުންދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢެވެ. ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިވަގުތު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރަމުންދަނީ، ބްރިޖުގެ ތަނބުތައް ގުޅާލުމަށް އަޅާ ޑެކްތައް އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. އެގޮތުން މާލެ-ވިލިމާލެއާއި ދެމެދު ބްރިޖު ގުޅާލުމުގެ މަސައްކަތުގައި މިހާރު ނުނިމިވަނީ، ބްރިޖުގެ މެދުން ގުޅޭ ސެގްމަންޓް ޑެކްގެ މަސައްކަތް އެކަންޏެވެ.

ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މުޅި މަޝްރޫޢުގެ މަސައްކަތުގެ %74.90 މިހާތަނަށް ނިމިފައިވާ ކަމަށެވެ.

މިވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ، ބްރިޖު ޑެކަށް ބޭނުންވާ ސެގްމަންޓުތައް ކާސްޓްކުރުމާއި، އެ ތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. ބްރިޖު ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓުގެ ތެރެއިން %90.4 ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިމިފައެވެ. މީގެ ތެރެއިން %72.9 ސެގްމަންޓް، ބްރިޖުގެ ތަނބުތައް ގުޅާލުމަށް ވަނީ އިންސްޓޯލްކޮށް ނިންމާފައެވެ.

އެކި ސަބަބުތަކާ ހުރެ ބުރިޖުގެ މަސައްކަތް ލަސްވި ނަމަވެސް، ސަރުކާރުގެ މިހާރުގެ އަންދާޒާއަކީ 2027ވަނަ އަހަރުގެ ނިޔަލަށް މުޅި މަޝްރޫޢުގެ މަސައްކަތް ނިންމުމެވެ.

މި މަޝްރޫޢުގައި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާނެއެވެ. މި ރަށްތަށް ހުރަސްކުރާނީ ހައިވޭތަކަކުންނެވެ. މި ހައިވޭތައް ހެދުމުގެ މަސައްކަތްވެސް އެކުއެކީގައި ދަނީ ކުރިއަށް ގެންދަމުންނެވެ.

ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށް ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ. މި މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާނެއެވެ.

މުޅި މި މަޝްރޫޢަށް 500 މިލިޔަން ޑޮލަރު ހޭދަވާނެއެވެ. އެއީ، 7 ބިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ، އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ. އަދި މި މަޝްރޫޢަށް ދިވެހި ސަރުކާރުންވެސް ޚަރަދު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.