ޚަބަރު

ވެނެޒުއޭލާގެ ބިންހެލުންތަކުގައި މަރުވި މީހުންގެ ޢަދަދު 3،500އަށް


ވެނެޒުއެލާއަށް ހުސްވި ހަފުތާގައި އައި ބާރުގަދަ ދެ ބިންހެލުންތަކުގައި މަރުވި މީހުންގެ ޢަދަދު މިހާރު 3،500އަށް ވުރެ މަތިވެފައިވާކަމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މެމްބަރަކު ވިދާޅުއްޖެއެވެ.

ރަސްމީ ތަފާސްހިސާބުތަކާ ޙަވާލާދެއްވައި، ވެނެޒުއޭލާގެ ޤާނޫނުހަދާ މަޖިލީހުގެ މެމްބަރު ހޯހޭ މެންޑޭސް ވިދާޅުވީ، އެ ބިންހެލުންތަކުގައި މިހާތަނަށް ޖުމްލަ 3،535 މީހުން މަރުވެފައިވާ ކަމަށެވެ.

އަދި 16،740 މީހުން ޒަޚަމްވެފައިވާއިރު، 17،854 މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ވެރިރަށް ކަރާކަސް އާއި ލަ ގުއޭރާ ފަދަ ސަހަރުތަކުގައި 12،800މީހުން ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ރިކްޓަރ މިންގަނޑުން 7.2 އަދި 7.5 ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުންތަކުގައި ބިމާހަމަވި ނުވަތަ ބޮޑެތި ގެއްލުންތައް ލިބުނު އިމާރާތްތަކުގެ ޢަދަދު 60،000އަށް އަރާކަމަށް ކަމާގުޅޭ އިދާރާތަކުން ލަފާކުރެއެވެ.

މައިދާންތަކާއި ހުސް ބިންތަކުގައި ފޭލިގެ ޖަހައިގެން އެތަކެއް ހާސް ރައްޔިތުން ދިރިއުޅެމުންދާއިރު، އެކަށީގެންވާ މިންވަރަށް ސާފު ބޯފެނާއި ކާބޯތަކެއްޗާއި ސިއްޙީ ފަރުވާ ނުލިބި، ސިއްޙީ ކާރިޘާއެއް ކުރިމަތިވުމުގެ ނުރައްކާ ބޮޑުކަމަށް ސިއްޙީ މާހިރުން ވަނީ އިންޒާރު ދެއްވައިފައެވެ.

މިގޮތުން، މިހާރު ވެސް ބޭރަށް ހިންގުން ފަދަ ޢާންމު ބަލިތައް ފެތުރެމުންދާކަމަށް ބައެއް ހަސްފަތާލުތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ވެނެޒުއެލާއަށް އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން، 30 ޤައުމަކުން 1،000 މެޓްރިކް ޓަނުގެ އެހީގެ ސާމާނާއި، 3،600 އަށްވުރެ ގިނަ ރެސްކިއު މަސައްކަތްތެރިން ވަނީ ފޮނުވާފައެވެ.

ބިންހެލުމާ ގުޅިގެން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދު 45,000 އަށް އަރައެވެ. އެ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ދިރިތިބި ބައެއް މީހުން އަދިވެސް ދަނީ ފެންނަމުންނެވެ.

ނަމަވެސް، އެހީއަށް ބޭނުންވެފައިވާ މީހުންނަށް އެކަށީގެންވާ އަވަސްމިނުގައި އެހީ ފޯރުކޮށްދިނުމުގައި ވެނެޒުއޭލާގެ ސަރުކާރު ނުކުޅެދިފައިވާކަމުގެ ޝަކުވާތައް އާންމުންގެ ތެރޭގައި ދަނީ އިތުރުވަމުންނެވެ.