އޭއައިގެ ކުރިއެރުން ބިނާވަނީ އާންމު ރައްޔިތުންނަށް ޚިދުމަތްދިނުމުގައި އެ ޓެކްނޮލޮޖީ ބޭނުންކުރެވޭގޮތުގެ މައްޗަށްކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެގޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރުވަނީ އޭއައި ޓެކްނޮލޮޖީގައި ކުރިއަރާފައިވާ ޤައުމުތަކަށް އެޚިދުމަތް އެންމެ އެދެވޭގޮތުގައި ބޭނުންހިފޭނެ ގޮތަށް ކަންކަން ބައްޓަންކޮށްދިނުމަށް ގޮވާލައްވާފައެވެ.
ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ "ގްލޯބަލް ޑައިލޮގް އޮން އޭއައި ގަވަރނެންސް" ސަމިޓުގައި ވާހަކަފުޅުދައްކަވަމުން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންވަނީ ރާއްޖެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް ޙިއްސާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެފައިވާ ޤައުމެއްގައި ޚިދުމަތުގެ ފެންވަރު ވެރިކަންކުރާ ރަށާ ހުރި ދުރުމިނެއްގެ ސަބަބުން ކަނޑައެޅިގެން ނުވާނެކަމަށެވެ.
އެހެންކަމުން މޯލްޑިވްސް 2.0ގެ ދަށުން ރާއްޖެއިން މަސައްކަތް ކުރަމުންދަނީ އޭއައި ބޭނުންކޮށްގެން ޚިދުމަތްތައް ދިނުމުގައި ބަދަލެއް ގެނައުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަން ބިނާވަނީ މަޢުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ސައިބަރސެކިއުރިޓީ ކަށަވަރުކުރުމާއި ޒިންމާދާރުކުރަނިވި ނިޒާމެއްގެ ތެރެއިންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ ފަދަ ޤައުމަކަށް އެންމެންގެ ބައިވެރިވުން ފެށިގެންދަނީ އެބިންގަލުގެ މަތީގައިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އޭއައިއާ ނުލާ ހަމަހަމަކަން ކަށަވަރުކުރުމަށް ހުރަސްތަކެއް ހުރިކަމަށެވެ.
ވަޒީރު ވިދާޅުވީ އޭއައިގެ ކުރިއެރުން ބިނާވަނީ މޮޅެތި ސިސްޓަމްތަކަށްވުރެ ބޮޑަށް އާދައިގެ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރުގެ މައްޗަށްކަމަށެވެ. އެންމެ ބާރުގަދަ ފަރާތަށް އެކަނި އޭގެ ބޭނުންކުރެވޭނެ ނިޒާމެއްގެ ބަދަލުގައި އެންމެނަށްވެސް ބޭނުންކުރެވޭނެ ފަދަ ގޮތަކަށް އޭއައި ތަރައްޤީކުރުމަށް ވަޒީރުވަނީ މިދާއިރާގައި ކުރިއަރާފައިވާ ޤައުމުތަކަށް ގޮވާލައްވާފައެވެ.
ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ އޭއައިއަކީ ޚިދުމަތްދިނުމުގައި އެންމެނަށް އޭގެ ބޭނުންކުރެވޭނެ ފަދަ ނިޒާމެއްކަންވެސް ކަށަވަރުކުރަން ޖެހޭކަމަށެވެ. އެހެންކަމުން ރާއްޖެގެއިން ޔުނެސްކޯއާއި ގުޅިގެން ފުރަތަމަ އޭއައި ރެޑިނެސް އެސެސްމަންޓް މިހާރު ހަދާފައިވާކަމަށާއި، މިހާރު އެއައި ޑޭޓާ ލެބް ނުވަތަ މޯލްޑިވްސް އޭއައި ލެބް ޤައިމުކޮށްފައިވާކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ތަޖުރިބާ ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ 3 ދާއިރާއަކުން ޚާއްސަ އިސްކަމެއްދޭންޖެހޭކަމަށެވެ. އެގޮތުން ހަމައެކަނި އެޕްލިކޭޝަންތަކަށް އިންވެސްޓްކުރުމުގެ ބަދަލުގައި އޭއައި ނުވަތަ އެދާއިރާ ބިނާކުރުމަށްވެސް އިންވެސްޓްކުރަންޖެހޭކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ދާއިރާގެ އިންސާނީ ވަޞީލަތް ބިނާކުރުމާއި ހިންގުމުގެ ނިޒާމުގެ އަސާސަކީ ހުރިހާ ދާއިރާއެއް ގުޅޭނެހެން މަޢުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މައްޗަށްކަމަށް ވިދާޅުވިއެވެ.ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، އޭއައިގެ ޓެކްނޮލޮޖީގައި ރާއްޖެއަކީ ކުޑަ ޤައުމެއްނަމަވެސް ރާއްޖެއިން މިކަމުގައި ވަކާލާތުކުރަނީ ހުރިހާ އެންމެންގެ ޙައްގުގައިކަމަށް ވިދާޅުވަމުންނެވެ.