ޚަބަރު

ރާއްޖޭގައި ޕޯސްޓްމޯޓަމް ޚިދުމަތްދެވޭ މެޑިކަލް ޔުނިޓެއް ޤާއިމްކުރަނީ


  • ފާއިތުވި 10 އަހަރު ޕޯސްމޯޓަމް ހަދަން 23 މީހެއްގެ ހަށިގަނޑު ބޭރަށް ފޮނުވި

  • ޚިދުމަތް ހޯދަން މީހަކަށް 55،000 ރުފިޔާ ހޭދަކުރި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕޯސްޓްމޯޓަމްގެ ޚިދުމަތް ދެވޭގޮތަށް، ލެވެލް2ގެ މެޑިކަލް ޔުނިޓެއް ޤާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ސުވާލުކުރައްވާފައި ވަނީ، ދިވެހިރާއްޖޭގެ ޕޯސްޓްޕޯޓަމް ހެދުމުގައި ހުރަހެއް ނެތްއިރު ދައުލަތުން ކޮންމެ ފަހަރަކު އެކަން ކުރުމަށް ރާއްޖެއިން ބޭރަށް ދާން ޚަރަދުކުރާއިރު، ރާއްޖޭގައި އެކަން ނުކުރެވޭ ސަބަބާއި، އެކަން ރާއްޖޭގައި ފަށަން ގަސްތުކުރާތޯ ނުވަތަ ނޫންތޯ ސާފުކުރުމަށެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ކަމާއި ގުޅުން ހުރި އިދާރާތަކާއި ގުޅިގެން، ލެވެލް2ގެ މެޑިކަލް ޔުނިޓެއް ޤާއިމްކުރުމުގެ މަސައްކަތް، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްއިން މިހާރު ކުރަމުންދާކަމަށެވެ. އެ ޔުނިޓު ޤާއިމްވުމުން މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެއަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކްގެ ޚިދުމަތާއި، މެޑިކޯ ލީގަލް އަދި ޕޯސްޓްމޯޓަމްގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ހަރުދަނާ ނިޒާމެއްގެ ތެރެއިން އެފަދަ ޚިދުމަތްތައް ރާއްޖޭގައި ފޯރުކޮށްދިނުމަށް އެ ޔުނިޓުގެ ސަބަބުން މަގުފަހިވާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެ ޚިދުމަތަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އެ ޔުނިޓު މެދުވެރިކޮށް، ލާއިންސާނީ އަނިޔާތަކާއި ބަންދުގައި ތިބޭ މީހުންނަށް ލިބޭ އަނިޔާތައް ބެލުމާއި، ޝަރުއީ އިންޝުއަރެންސްގެ ބޭނުމަށް މީހަކަށް ލިބޭ އަނިޔާގެ މިންވަރު ވަޒަންކުރުމުގެ ޚިދުމަތް ވެސް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި ޔުނިޓު މެދުވެރިކޮށް ޝަރުއީގޮތުން ބަލަން ޖެހޭ މަރުގެ މައްސަލަތަކުގައި، މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑު ތަހުލީލުކުރުމާއި، ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތައް ތަހުލީކުރުން ހިމެނޭ." ވަޒީރު، ޤީލާ ޢަލީ ވިދާޅުވިއެވެ.

ރާއްޖޭގަ ޕޯސްޓްމޯޓަމްގެ ޚިދުމަތްދިނުމުގެ މައުލޫމާތު ޤާނޫނެއްގައި ބަޔާންކޮށްފައި ވަނީ 2015 ވަނަ އަހަރެވެ. އޭގެ ފަހުން ތަފާތު ސަރުކާރުތައް އައި ނަމަވެސް އެ ޚިދުމަތް ޤާއިމްކުރަން މަސައްކަތްކުރެވިފައި ނުވާކަމަށާއި، އެއާއި ޚިލާފަށް މި ސަރުކާރުން ދަނީ އެ ޚިދުމަތް އެކަށީގެންވާ ގޮތުގައި ރާއްޖޭގައި ޤާއިމްކުރުމަށް މަސައްކަތްކުރައްވަމުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެ ޔުނިޓު އެކުލަވާލުމުގެ ކުރިން ފޮރެންސިކްޕެތޮލޮޖީގެ ޤަވާއިދު އެކުލަވާލާ، ގެޒެޓްކުރާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އެ ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު، އެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ލިބޭނެ ފަދަ ގޮތަށް ގެނައުމަށް ޚާއްސަ އިސްކަމެއް ދެއްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ފާއިތުވި 10 އަހަރު ޕޯސްމޯޓަމް ހަދަން 23 ހަށިގަނޑު ވަނީ ފޮނުވާފައެވެ. އެ ޚިދުމަތް ހޯދަން މީހަކަށް 55،000 ރުފިޔާ ކުރި ހޭދަވިއެވެ.