ޚަބަރު

ފުލަމްގެ ކޯޗަކަށް އާބެލޯއާ


  • އާބެލޯއާ މިދިޔަ ސީޒަންގައި ވަނީ ރެއާލް މެޑްރިޑަށް ކޯޗުކޮށްދީފައި

އިނގިރޭސި ޕްރިމިއަރ ލީގުގެ ފުލަމްގެ އައު ކޯޗަކަށް ސްޕެއިންގެ އަލްވާރޯ އާބެލޯއާ ހަމަޖައްސައިފިއެވެ.

ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑަށް ކުރިން ކޯޗު ކޮށްދީފައިވާ އުމުރުން 43 އަހަރުގެ އާބެލޯއާ ފުލަމްގެ ކޯޗު ކަމާ ހަވާލުވެފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ފުލަމް އިން އެޓީމުގެ ކޯޗަކަށް އާބެލޯއާ ހަމަޖައްސާފައިމިވަނީ ވޭތުވެދިޔަ ފަސް ސީޒަންގައި އެޓީމަށް ކޯޗު ކޮށްދިން މާކޯ ސިލްވަރ ޕޯޗުގަލް ލީގުގެ ބެންފީކާގެ ކޯޗު ކަމާ ހަވާލުވުމަށް ނިންމުމާއި ގުޅިގެންނެވެ.

މަގާމާއި ހަވާލުވުމަށްފަހު އާބެލޯއާ ބުނީ ލަންޑަންގެ އެންމެ ދުވަސްވީ އެއް ކްލަބްގެ ކޯޗު ކަމާ ހަވާލުވުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބިގެންދާ ވަރަށް ބޮޑު ފަހުރެއްކަމަށެވެ. އަދި މިޒިންމާ އޭނާއަށް ހަވާލު ކުރުމަށް އެކްލަބުން ނިންމާ މިފުރުސަތު ދިނުމުން އެކަމަށްޓަކައި ކްލަބްގެ ޗެއަރމަން ޝާހިދު ޙާން އަދި ވައިސް ޗެއަރމަން ޓޯނީ ޙާންއަށް ޝުކުރު އަދާކޮށްފައެވެ.

ފުލަމްގެ ޗެއަރމަން ޝާހިދު ޙާން ބުނީ އާބެލޯއާ އަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިންނާއި ކްލަބްތާކައި އެކު ހަރަކާތްތެރިވެފައިވާ ވަރަށް އުންމީދީ ކޯޗެއް ކަމަށެވެ. އަދި އާބެލޯއާ އަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ޝައުގުވެރިވާ ކޯޗެއް ކަމަށާއި އަދި ފުލަމްގެ އެކަޑަމީ ހިނގާ ގޮތަށް އޭނާ ވަރަށް ޝައުގުވެރިވާކަންވެސް ޗެއަރމަން ބުންޏެވެ.

އާބެލޯއާ ވަނީ ނިމިދިޔަ ސީޒަންގައި ރެއާލް މެޑްރިޑަށް ކޯޗު ކޮށްދީފައެވެ. ނަމަވެސް އެމަގާމާއި މިހާރުވަނީ ބެންފީކާގެ ކޯޗުގެ ގޮތުގައި ހުރި ހޯސޭ މޮރީނިއޯ ހަވާލުވެފައެވެ. އަދި ބެންފީކާއިން ހުސްވި މަގާމާއި ހަވާލު ވެފައިމިވަނީ ސިލްވަރއެވެ. ޓޯނީ ޙާން މިދިޔަ މަހު ބުނިގޮތުގައި މާކޯ ސިލްވަރވަނީ ފުލަމްގައި މަޑުކުރަން ބޭނުންކަން ހާމަކޮށްފައެވެ. ނަމަވެސް ފަހުން މާކޯ ސިލްވަރ އޭނާގެ ނިންމުން ބަދަލުކޮށް ބެންފީކާއަށް ބަދަލުވާން ނިންމީއެވެ.

ރެއާލްގެ ޒުވާން ޓީމުގެ ކޯޗުކަމުގައު ހުރި އާބެލޯއާ އެޓީމުގެ ސީނަރ ޓީމާއި ހަވާުވެފައިވަނީ ޒަބީ އެލޮންސޯ މަގާމުން ވަކިކުރުމަށްފަހު ވަގުތީ ގޮތުންނެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ރެއާލްވަނީ 28 މެޗު ކުޅެފައެވެ. އަދި ސީޒަން ނިންމާލީ އެފްސީ ބާސެލޯނާގެ ފަހަރުން ލަލީގާގެ ދެވަނައިގާ އޮވެގެންނެވެ.