ޤަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރުމުގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޓޯވކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި އުޅަނދުތައް ނައްތާލުމުގެ ކުރިން މުހުލަތެއް ދީފިއެވެ.
ޤަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރުމުން ޓޯވކޮށްގެން ތިލަފުއްޓަށް ގެންގޮސްފައިވާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުގެ މަޢުލޫމާތު ހޯދިފައި ނުވުމުގެ ސަބަބުންނާއި ވެރިފަރާތްތަކުން ހަވާލު ނުވުމުގެ ސަަބަބުން ނައްތާނުލެވިފައިވާ އުޅަނދުތައް ނައްތާލުމަށް ހަމަޖެހިފައިވާ ކަމަށާއި މި އުޅަނދުތަކުގެ ވެރިފަރާތްތަކުން ދަޢުލަތަށް ދައްކަންޖެހޭ އެއްވެސް ޖޫރިމަނާއެއް އޮތްތަނަމަ އެޖޫރިމަނާއެއް ދެއްކުމަށްފަހު މި މިއަދުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭ މިތަކެތި ގެންދިޔުމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވަނީ އަންގަވާފައެވެ.
އެގޮތުން ޓޯވ ކޮށްފައިވާ ސަތޭކަ އަށްޑިހައަށްވުރެއް ގިނަ އުޅަނދެއްގެ ފޮޓޯ ޕޮލިސް ސަރވިސްއިން އާއްމުކޮށްފައިވާ އިރު، މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި އުޅަނދުތައް ހަމަޖެހިފައިވާ އުޞޫލުތަކުގެ ތެރެއިން ނައްތާލުމުގެ މަސައްކަތްތައް ކުރަމުންދާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރެއެވެ.