ދިވެހިރާއްޖޭގައި ދަތުގެ ފަރުވާގެ ޚިދުމަތް ފެށުމުގެ ތާރީޚުގެ މައްޗަށް އެކުލަވާލާފައިވާ ޚާއްޞަ ފޮތެއް ކަމަށްވާ "އިހުން މިއަދާއި ހަމައަށް" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ފޮތް އިފްތިތާހުކޮށްފައިވަނީ ދިވެހި ސަރުކާރުން ދެމުންގެންދާ ދަތުގެ ޚިދުމަތުގެ ރަންޔޫބިލް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.
މި ފޮތަކީ ދިވެހިރާއްޖޭގެ ސަރުކާރުން ދަތުގެ ފަރުވާ ދިނުމަށް ފެށިގެން ދިޔަ ގޮތާއި، އެ ޑިޕާޓްމެންޓުގެ ޚިދުމަތްތައް ތަރައްޤީވެގެން އައި ގޮތް ކުރުކޮށް ބަޔާންކޮށްދޭ ފޮތެކެވެ. މި ފޮތުގެ މައިގަނޑު މަޤުޞަދަކީ މި ދިގު ދަތުރުގައި ޝާމިލްވި ބޭފުޅުންގެ ތަޖުރިބާއާއި ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެ މައުލޫމާތުތައް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ. މި ފޮތް އެކުލަވާލާފައިވަނީ ސީނިއަރ ޑެންޓަލް އޮފިސަރ ހައުލަތު މުޙައްމަދު އަދި ޑެންޓަލް އޮފިސަރ އީމާން މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި މި ދާއިރާގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އަލްފާޟިލް ޢަލީ ސަލީމުގެ ހަނދާނުގައި ހިމޭންކަމުގެ ސުކޫތެއް ގެނެސްފައިވެއެވެ. އަދި ދަތުގެ ފަރުވާގެ ދާއިރާއަށް އެކި ރޮނގުރޮނގުން ޚިދުމަތްކޮށްދެއްވި 9 ފަރާތެއްގެ އަގުވަޒަންކޮށް އެވޯޑު އަރުވާފައިވެއެވެ. މީގެތެރޭގައި ރާއްޖޭގައި މި ޚިދުމަތް ތަޢާރަފްކުރެއްވި ބޭފުޅުންނާއި، ދާއިރާގެ އެކި ގޮފިތަކުން ފުރަތަމަ ޚިދުމަތް ފެއްޓެވި ދިވެހި މުވައްޒަފުން ހިމެނެއެވެ.
ރާއްޖޭގައި ސަރުކާރުގެ ފަރާތުން "ޑެންޓަލް ސާރޖަރީ" ގެ ނަމުގައި ރަސްމީކޮށް ދަތުގެ ފަރުވާ ފަށާފައިވަނީ 8 ޖުލައި 1975 ގައެވެ. އެއީ އަލްފާޟިލް މުޙައްމަދު ސަލީމާއި، އަލްމަރްޙޫމް ޢަލީ ސަލީމް އަދި އަލްފާޟިލް ޢަބްދުﷲ ސަޢީދުގެ އިސްނެންގެވުމާއެކު ގަވަރންމެންޓް ހޮސްޕިޓަލުގައި ޑެންޓަލް ޔުނިޓެއް ގާއިމްކުރެވުނު ތާރީޚެވެ.
އޭގެ ކުރިން 1967 ވަނަ އަހަރުން ފެށިގެން ދަތްޖަހައިދިނުމުގެ މަސައްކަތް ސިލޯނުން ތަމްރީނު ހޯއްދަވައިގެން ވަޑައިގެންނެވި ދިވެހި ތިން ބޭފުޅުން ކަމަށްވާ އަލްފާޟިލް ޢަބްދުﷲ ސަޢީދު، މުޙައްމަދު ޔޫސުފުޅު އަދި ޢަބްދުﷲ މުޙައްމަދު ކުރައްވަމުން ގެންދެވިއެވެ.
ޖަޕާނު ސަރުކާރުގެ އެހީގައި ވީއެސްއޯ މެދުވެރިކޮށް ބޭރުގެ ޑަކްޓަރުންގެ ޚިދުމަތް ލިބެން ފެށުމާއެކު، ޕްރިވެންޓިވް އަދި ތެރަޕިއުޓިކް ކެއާ ފަދަ ޒަމާނީ ފަރުވާތައް ރާއްޖެއަށް ތަޢާރަފްވިއެވެ. އައިޖީއެމްއެޗް ހުޅުވުމާއެކު 1995 ވަނަ އަހަރު ޑެންޓަލް ކްލިނިކް އެ ހޮސްޕިޓަލަށް ބަދަލުވެ، ޚިދުމަތްތައް އިތުރަށް ފުޅާވެގެން ދިޔައެވެ. މިގޮތުން އިންޑިއާގެ ޑަކްޓަރުންގެ އެހީތެރިކަމާއެކު މޫނުމަތީގެ އައިބު ފިލުވުމުގެ އޮޕަރޭޝަންތައްވެސް ރާއްޖޭގައި ވަނީ ފަށާފައެވެ.
މިއަދު މި ޚިދުމަތަށް 50 އަހަރު ފުރިގެންދާއިރު، ދަތުގެ ފަރުވާގެ ދާއިރާ ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ސަރުކާރުގެ އަމާޒަކީ މި ޚިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރުމެވެ. ރާއްޖޭގައި ދެވެމުންދިޔަ ދަތުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ޑެންޓަލް އެސިސްޓެންޓުން ތަމްރީނުކުރުމުގެ ކޯހެއް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.