މޮރޮކޯއާ ދެކޮޅަށް ކުޅޭއިރު ފްރާންސުން އެންމެ ބޮޑަށް އިސްކަންދޭންވީ ލިބޭ ފުރުސަތުތައް ރަނގަޅަށް ނިންމާލަން ކަމަށް ކޯޗު ޑިޑިއޭ ޑެޝޯން ބުނެފި އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގެ ކުރިން ވާހަކަ ދައްކަމުން އެންމެ ފަހުގެ ދެ މުބާރާތުގެ ފައިނަލަށް ވެސް ފްރާންސް ގެންގޮސްދިން ކޯޗު ބުނީ މޮރޮކޯ މެޗު ފަސޭހަ ނުވާނެ ކަމަށެވެ. މުބާރާތުގައި މިހާތަނަށް ފްރާންސް ވަނީ 14 ގޯލު ޖަހައިފަ އެވެ.
ނަމަވެސް އެންމެ ފަހުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ފްރާންސް ބަލިކުރި ގައުމާ ދެކޮޅަށް މިފަހަރު ކުޅޭއިރު ޑެޝޯން ބުނީ ނިންމާލުން ބަރާބަރު ކުރަންވީ މޮރޮކޯގެ ދިފާއު ވަރުގަދަވުމުގެ ސަބަބުން ކަމަށެވެ.
"އަހަރުމެން ނިންމާލުންތައް ވަރަށް ރަނގަޅު ކުރަން ޖެހޭނެ. ދެ ޓީމަށް ބަލާއިރު ވެސް ކޮންމެ ޑިޕާޓްމަންޓެއްގައި ވެސް ދެ ޓީމުގައި ވެސް ވަރުގަދަ ކަންތައްތަކެއް އެބަހުރި. ބައެއް ފަހަރު އަހަރުމެންނަށް 10 ފުރުސަތު ލިބި ދެ ގޯލު ޖެހޭ. ބައެއް ފަހަރު މެޗުތަކުގައި އެބަފެނޭ ބައެއް ޓީމުތަކުން ދެ ފުރުސަތު ލިބި ދެ ގޯލު ޖަހާތަން. މިހެންވީމާ ލިބޭ ފުރުސަތު ރަނގަޅަށް ނިންމާ ބަޔަކަށް އެޑްވާންޓޭޖް އެބަލިބޭ،" ކޯޗު ބުންޏެވެ.
އޭނާ ބުނީ ގަދަ 16ގައި ފްރާންސުން ބަލިކުރި ޕެރަގުއޭއާ އަޅާ ބަލާއިރު މޮރޮކޯ އަކީ ހުރިހާ ގޮތަކުން ވެސް މޮޅު ޓީމެއް ކަމަށެވެ.
"މޮރޮކޯ އަކީ ޕެރަގުއޭ ކަހަލަ ޓީމެއް ނޫން. އެ މީހުން އެ ވަނީ އެފްރިކާ ކަޕްގެ ފައިނަލްގައި (މިއަހަރު ކުޅެފައި). އެމީހުންގެ މޮޅު ކުޅުންތެރިން އެބަތިބި. އެމީހުން އެ ތިބީ ހަމައެކަނި ކުޅެލާކަށް ނޫން. އެ މީހުން އެ ތިބީ މޮޅުވާން. އަހަރުމެން ޖެހޭނެ ތައްޔާރުވާން ވަރަށް ރަނގަޅަށް،" ކޯޗު ބުންޏެވެ.
މި މެޗަށް ނުކުންނައިރު މިޑްފީލްޑަރު ޗުއާމެނީ މުޅިން ފިޓެއް ނޫނެވެ. ނަމަވެސް ކޯޗު ބުނީ ކުޅުންތެރިޔާ އަށް ކުޅެވޭނެކަން ނިންމާނީ އެންމެ ފަހު ވަގުތު ކަމަށާއި އެހެން ހުރިހާ ކުޅުންތެރިން ފިޓް ކަމަށެވެ.