ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލުން މިމުބާރާތުގައި ވައިލްޑްކާޑެއްގެ ގޮތުން ޖާގަހޯދި އިނގިރޭސިވިލާތުގެ އަރތަރ ފެއަރީ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ސެމީ ފައިނަލުން ފެއަރީ ޖާގަހޯދީ ކްއާޓަރ ފައިނަލްގައި 9 ވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ފްލާވިއޯ ކޯބޯލީ އާއި ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ.
ފްރެންޗް އޯޕަންގެ ފައިނަލްގައި ވާދަކުރި ކޯބޯލީ އާއި ދެކޮޅަށް ފެއަރީ ކުޅުނު މިމެޗުގެ ފުރަތަަމަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރަކުންނެވެ. އަދި ދެވަނަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ހަތަރަކުން ކާމިޔާބު ކުރިއިރު ފަހު ސެޓު ފެއަރީ ކާމިޔާބު ކޮށްފައިވަނީ ހައެއް ސުމަކުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ފެއަރީ ބުނީ މެޗުގެ ފަހު ގޭމް ކުޅުނު އިރު އޭނާއަށް ދުވަހަކުވެސް ނުކުރެވޭ ކަހަލަ އިހްސާސް ތަކެއް ކުރެވިގެންދިޔަ ކަމަށެވެ.
ފެއަރީ ބުނީ މިމުބާރާތުގައި ވޭތިވެދިޔަ 10 ވަރަކަށް ދުވަހު ވަރަށް ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި އޭނާ ބަލާނީ ކުރިއަށް އޮތް ތާނގާވެސް އެގޮތުގައި މަސައްކަތް ކޮށް ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރާނެކަމަށް އޭނާ ބުންޏެވެ.
ދުނިޔޭގައި 114 ވަނައަށް ރޭންކް ކުރެވިފައިވާ ފެއަރީއަށް މީގެކުރިން ބޮޑު މުބާރާތެއްގެ ދެވަނަ ބުރު ފަހަނަ އަޅާ ދެވިފައެއް ނުވެއެވެ. މިކާމިޔާބީ އާއެކު އުމުރުން 23 އަހަރުގެ ފެއަރީ ވެގެން ގޮސްފައިވަނީ ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ވިމްބަލްޑަންގެ ސެމީ ފައިނަލުން ޖާގަހޯދި ފުރަތަމަ ވައިލްޑްކާޑް ކުޅުންތެރިޔާ އަށެވެ.
މީގެކުރިން ވިމްބަލްޑަންގެ ސެމީ ފައިނަލުން ޖާގަހޯދާފައިވަނީ ގޯރާން އިވަނިސެވިޗް އެކަންޏެވެ. އަދި އެފަހަރު އޭނާވަނީ އެފަހަރުގެ މުބާރާތް ކާމިޔާބުވެސް ކޮށްފައެވެ.
މިމުބާރާތުގެ ސެމީ ފައިނަލްގައި ފެއަރީ ބައްދަލުކުރާނީ ދެވަނަ އަށް ސީޑު ކުރެވިފައިވާ އަދި އެންމެ ފަހުން ބޭއްވި ފްރެންޗް އޯޕަންގެ ޗެމްޕިއަން ކަމަށްވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވް އާއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން ޒުވަރޭވް ޖާގަހޯދީ ކްއާޓަރ ފައިނަލްގައި 6 ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޭލަރ ފްރިޓްޒް އާއި ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް، ހައެއް ހަތަރެއް އަދި ހައެއް ދެއަކުންނެވެ. މިއީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޒުވަރޭވްއަށް ފްރިޓްޒް ބަލިކުރެވުނު ފުރަތަމަ މެޗެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން މީގެކުރިންވަނީ އެއްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނަރ އާއި ހަތް ވަނައަށް ސީޑު ކުރެވިފައިވާ ސާރބިއާގެ ނޯވަކް ޖޯކޮވިޗް ޖާގަހޯދައިފައެވެ.