ޚަބަރު

ރާއްޖެ-އިންޑިއާ: އިޤްތިޞާދީ މުސްތަޤުބަލު އޮތީ މާލީ ފުރުޞަތުތަކުން


  • ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އިންޑިއާއިން މިހާރު ވެސް އިންވެސްޓުކުރޭ

  • މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް މިހާރު ވަނީ ފެށިފައި

ރާއްޖެއާއި އިންޑިއާގެ އިގުތިޞާދީ ގުޅުމުގެ މުސްތަޤުބަލު ބިނާވެފައިވަނީ މާލީ ދާއިރާގައި ހުރި ފުރުޞަތުތަކާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާގެ މައްޗަށް ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވިދާޅުވެއްޖެއެވެ.

ސަފީރު މިފަދައިން ވިދާޅުވީ، އިޤްތިޞާދީ ވުޒާރާއިން ސިލްސިލާކޮށް ގެނެސްދޭ "ޓްރޭޑް ޑެސްކް ވިތު އަނާ" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުންނެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވިދާޅުވީ، ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އިންޑިއާގެ ކުންފުނިތަކުން ރާއްޖޭގައި މިހާރުވެސް ގިނަ އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ބ. އަތޮޅުގައި ދަނޑުވެރިކަމުގެ މަސައްކަތްކުރާ ކުންފުންޏެއް އޮތްއިރު، މިއަހަރުގެ ތެރޭގައިވެސް އިތުރު އިންވެސްޓްމެންޓެއް އިންޑިއާގެ އެހެން ކުންފުންޏަކުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންޑިއާގެ ގިނަ ކުންފުނިތަކަކުން މިހާރުވެސް އިންވެސްޓްކޮށްފައިވާކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ، ރާއްޖޭގައި ރިސޯޓްތައް އިތުރުކުރުމަށްޓަކައި އިންޑިއާގެ 6 ނުވަތަ 7 ކުންފުންޏެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. ސަފީރު ވިދާޅުވީ ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން، ރާއްޖެއާއި އިންޑިއާގެ އިޤްތިޞާދީ ގުޅުމުގެ މުސްތަޤުބަލު މާލީ ދާއިރާގެ ފަންނިއްޔާތުގެ ކުރިއެރުމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާގެ މައްޗަށް ބިނާވެގެންދާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި މުސްތަގުބަލު އޮތީ މާލީ ދާއިރާގެ ފަންނިއްޔާތުގެ ތެރޭގައި. އޭގެ ތެރޭގައި ފިންޓެކް، ހަކަތަ ފޯރުކޮށްދިނުން އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ހިމެނޭ. މިގޮތުން ޔޫ.ޕީ.އައި ފަދަ ފިންޓެކް ނިޒާމުތައް ރާއްޖޭގައި ގާއިމުކުރުމަށް ދިވެހި ސަރުކާރާއި "ޕޭމަންޓް މޯލްޑިވްސް" އާއެކު ގާތުން މަސައްކަތް ކުރަމުންދޭ އެބަ." ސަފީރު ވިދާޅުވިއެވެ.

ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އިތުރަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަފީރު ބާލަސުބްރަމާނިއަން ވިދާޅުވީ، އިންވެސްޓްމަންޓްތައް ރައްކާތެރިކުރުމަށް ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް ފެށިފައިވާ ކަމަށާއި، އެކަމުގެ "ޓާމްސް އޮފް ރިފަރެންސް" ގައިވެސް މިހާރު ސޮއިކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"މިނިވަން ވިޔަފާރީގެ ވާހަކަދައްކާއިރު، ސާކްގެ އޮނިގަނޑުގެ ދަށުން މިހާރުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެބަ އޮތް. އެހެންނަމަވެސް މިހާރު މަސައްކަތް ކުރަމުންދަނީ "ސަފްޓާ ޕްލަސް" ފެންވަރުގެ ދޭދޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުމަށް. މީގެ ސަބަބުން ދިވެހިންނަށާއި އިންޑިއާ މީހުންނަށް މުދަލާއި ހިދުމަތް އެކްސްޕޯޓްކުރުމުގައި ހުރި ހުރަސްތަކަށް ހައްލު ލިބިގެންދާނެ." ސަފީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާނަމަ ރާއްޖެއިން އިންޑިއާއަށް އަހަރަކު ގާތްގަނޑަކަށް 300 އާއި 400 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދަކަށް ޚިދުމަތް ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވާ، މިއީ އިތުރަށް ކުރިއެރުވޭނެ ދާއިރާއެއް ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ކަނޑުމަހުގެ ބާވަތްތައް އިންޑިއާއަށް އެކްސްޕޯޓްކުރުމުގައި މިހާރުވެސް އެއްވެސް ޑިއުޓީއެއް ނުނަގާ ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބޯޑަރު ހުރަސްކޮށް ހިދުމަތްތަކުގެ ވިޔަފާރިކުރުމަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށްވެސް ސަފީރު ޖީ. ބާލަސުބްރަމާނިއަން ވިދާޅުވިއެވެ.