ޚަބަރު

ބިންގަނޑު ކަނޑައިގެންދާތީ ރޮހިންޔާ ރެފިޔުޖީން ރައްކާތެރި ސަރަހައްދުތަކަށް


ބަންގްލަދޭޝްގައި ރޮހިންޔާގެ ރެފިޔުޖީން ދިރިއުޅޭ ސަރަޙައްދުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިޘާއެއް ހިނގައި 13 މީހުން މަރުވުމުން ކޭމްޕްތަކުގައި ދިރިއުޅޭ ރެފިޔުޖީން ރައްކާތެރި ސަރަޙައްދުތަކަށް ގެންދަން ފަށައިފިއެވެ.

މޫސުމީ ވާރޭގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް ކޮކްސް ބާޒާރުގައި ހުންނަ ކޭމްޕެއްގެ އިސްލާމީ މަދަރުސާއަކަށް ވަނީ އަސަރުކޮށްފައެވެ. އެ ހާދިޘާގައި ފަސް ކުޑަކުދިން މަރުވެފައިވެއެވެ. ކޮކްސް ބާޒާރުގައި ހުންނަ އެ ކޭމްޕުގައި މިޔަންމާގެ މިލިޔަނަކަށް ވުރެ ގިނަ ރެފިޔުޖީން ދިރިއުޅެއެވެ.

އިސްލާމީ މަދަރުސާގައި މަސައްކަތްކުރާ މުދައްރިސަކު ބުނީ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިޘާ ކުރިމަތިވީ އެ ދުވަހުގެ ކިޔެވުން ފެށުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ. އެ ހާދިޘާގައި އިމާރާތުގެ އެއްބައި ވަނީ ވެއްޓިފައެވެ. އިމާރާތުގެ ހުޅަނގު ފަރާތުގައި ތިބި މީހުންނަށް އެ އިމާރާތުން ނިކުމެވުނު ނަމަވެސް އިރުމަތީ ސަރަޙައްދުގައި ތިބި މީހުން އިމާރާތުގެ ދަށުވެފައިވާ ކަމަށް އޭނާ ބުންޏެވެ. ސަލާމަތްކުރި މީހުން ހަސްފަތާލުތަކަށް ގެންގޮސްފައިވާއިރު، އިތުރު މީހުން ތާށިވެފައި ތިބި ކަން ސާފުނުވާ ކަމަށް އިދާރާތަކުން ބުނެއެވެ.

ކޮކްސް ބާޒާރުގެ އިދާރާތަކުން ބުނީ އަޑުގަދަކުރާ ބޭނުންކޮށްގެން ކޭމްޕުތަކުގައި ތިބި މީހުންނަށް ނުރައްކާގެ އިންޒާރުދީ، މިހާތަނަށް 1،000އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައިވާ ކަމަށެވެ. ގިނަ ބަޔަކު އެ މީހުން ދިރިއުޅޭ ތަންތަން ދޫކޮށް ދިޔުމަށް ފަސްޖެހޭ ކަމަށް އިދާރާތަކުން ފާހަގަކުރެއެވެ.

ބަންގްލަދޭޝްގެ މޫސުމާބެހޭ އިދާރާއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ. ޖުލައި މަހުގެ 5ވަނަ ދުވަހު ރޮހިންޔާ ކޭޕްމުތަކުގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިޘާތަކުގައި ވެސް އަށް މީހުން މަރުވެފައިވެއެވެ. ފާއިތުވި
ތިން ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގެ އެކި ސަރަޙައްދުތަކުގައި 22 މީހުން ބިންގަނޑު ކަނޑައިގެން ދިޔުމާއި ފާރު ވެއްޓުމުގެ ހާދިޘާތަކުގައި މަރުވެފައިވެއެވެ.

ބަންގްލަދޭޝްގައި ދިރިއުޅޭ މިޔަންމާގެ ރޮހިންޔާ ރެފިޔުޖީން އަނބުރާ ޤައުމަށް ފޮނުވުމަށް ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެ ޤައުމުން އެދެމުންދާތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. ނަމަވެސް އެ މަރުހަލާ ވަނީ ދިގުމައިގެން ގޮސްފައެވެ.