އިނގިރޭސިވިލާތާއި ވޭލްސްގައި މިދިޔަ އަހަރު އުފަންވި ކުދިންނަށް އެންމެ ގިނައިން ކިޔާފައިވާ ނަންތަކުގެ އެންމެ ކުރީގައި އަނެއްކާވެސް "މުޙައްމަދު" ހިމެނިއްޖެއެވެ.
އިނގިރޭސިވިލާތުގެ ތަފާސްހިސާބުތަކާ ބެހޭ އިދާރާ، އޮފީސް ފޯ ނެޝަނަލް ސްޓެޓިސްޓިކްސުން އާންމުކޮށްފައިވާ އެންމެ މަޤުބޫލު ނަންތަކުގެ ލިސްޓަށް ބަލާއިރު، ފާއިތުވި އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް އެންމެ މަޤުބޫލު ނަންތަކުގެ ކުރީގައި "މުޙައްމަދު" ވަނީ ހިމެނިފައެވެ.
މިއީ ފިރިހެން ކުދިންނަށް ކިޔާފައިވާ ނަންތަކަށް ބަލާއިރު، ލިސްޓުގެ އެއްވަނައިގައި "މުޙައްމަދު" ޖާގަ ހޯދި ވިދިވިދިގެން ތިންވަނަ އަހަރެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 5,957 ކުއްޖަކަށް "މުޙައްމަދު" ނަންފުޅުން ނަން ދީފައިވެއެވެ. މީގެތެރޭގައި އިނގިރޭސި ބަހުން އެކި ސްޕެލިންގތަކުން "މުޙައްމަދު"ގެ ނަންފުޅު ދީފައިވާ ކުދިން ހިމެނެއެވެ.
ފިރިހެން ކުދިންގެ ލިސްޓުގެ ދެވަނައިގައި "ނޯއާ" އޮތްއިރު، ތިންވަނަ ހޯދާފައިވަނީ "ލިއޯ" އެވެ. ގަދަ 10 އެއްގައި ދެން ހިމެނެނީ، "ލޫކާ" ، އާތަރ، އޮލިވަރ، ޖޯޖް، އޮސްކާ، ތިއޮޑޯރ އަދި ފްރެޑީ އެވެ.
އަންހެން ކުދިންނަށް ކިޔާ ނަންތަކުގެ ތެރެއިން "އޮލިވިއާ" ވަނީ ޖެހިޖެހިގެން 10 ވަނަ އަހަރު ލިސްޓުގެ އެއްވަނަ ދަމަހައްޓާފައެވެ. ނިމިދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް 2,386 ކުއްޖަކަށް މި ނަން ކިޔާފައިވެއެވެ. ލިސްޓުގެ ދެވަނައަށް "ލިލީ" ޖެހިލާފައިވާއިރު، މީގެ ކުރިން ދެވަނައިގައި އޮތް "އަމީލިއާ" ވަނީ ތިންވަނައަށް ވެއްޓިފައެވެ.
އަންހެން ކުދިންގެ ގަދަ 10 އެއްގައި ދެން ހިމެނޭ ނަންތަކަކީ އައިލާ، ފްލޮރެންސް، ފްރެޔާ، ޕޮޕީ، އެލްސީ، އައިވީ އަދި އަލަށް މި ލިސްޓުގައި ހިމެނުނު އިޒަބެލާއެވެ.
ކުޑަކުދިންނަށް ކިޔާނެ ނަންތައް ހިމަނާފައިވާ ވެބްސައިޓެއް ކަމަށްވާ 'ނޭމްބެރީ' ގެ މާހިރު ކްލެއަރ ގްރީން ބުނި ގޮތުގައި، ލިސްޓުގެ އެންމެ ކުރީގައި ހުންނަ ނަންތަކަށް ބަދަލު އަންނަން އާންމުކޮށް ވަރަށް ދުވަސް ނަގާ ކަމަށެވެ.
އޭނާ ބުނި ގޮތުގައި، ގިނަ ބެލެނިވެރިން ވަކި ނަމެއް ކުދިންނަށް ކިޔަން ފެށުމާއެކު، އެ ނަމެއް އިތުރަށް މަޤުބޫލުވެ، އެހެން މައިންބަފައިންނަށްވެސް އެ ނަން ކަމުދަނީއެވެ.
ނަމަވެސް، އެމެރިކާގެ ނަންތަކާ ބެހޭ ކޮންސަލްޓަންޓެއް ކަމަށްވާ ކޮލީން ސްލޭގަން ފާހަގަކުރި ގޮތުގައި، މައިންބަފައިން މިހާރު ބޮޑަށް ބަލަނީ ބޮޑުވުމުން ޝަޚްސިއްޔަތާ ގުޅޭ، އަދި ކުޑައިރު ލޯބިން ކުރުކޮށްލައިގެން ކިޔާލަން ފަސޭހަ ނަންތަކަށެވެ. މީގެ އިތުރުން، އަންހެން ކުދިންގެ ނަންތަކުގެ ތެރޭގައި މަޑުމައިތިރިކޮށް ކިޔޭ، އަންހެންވަންތަ ނަންތައް އަދިވެސް ވަރަށް މަޤުބޫލެވެ.