ޚަބަރު

ޔަހޫދީންނާ ކުރިމަތިލާ ހުޅަނގު އައްސޭރީގެ ހިތްވަރުގަދަ ލަޝްކަރު


ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ސިންޖިލް އަވަށުގެ ރައްޔިތުން، ޔަހޫދީ ވަޒަންވެރިންގެ ފަރާތުން ކުރިމަތިވަމުންދާ ނުރައްކާތެރި ޙަމަލާތަކުން ދިފާޢުވުމަށްޓަކައި އަމިއްލަ ފާރަވެރި ގުރޫޕްތަކެއް އުފައްދައި، ރޭގަނޑު ހޭލާ ތިބެގެން ފޯރިމަރަން ވަނީ މަޖުބޫރުވެފައެވެ.

ހުޅަނގު އައްސޭރީގައި އިންތިހާއަށް ފިނި ރޭތަކުގައި އެ އަވަށުގެ ޒުވާނުން ފަރުބަދަމަތީގެ އުސް ސަރަޙައްދުތަކަށް އެއްވަނީ، އަނދިރި ވާދީތަކުގެ ތެރެއިން ވަޒަންވެރިން ދީފާނެ ކުއްލި ޙަމަލާއަކަށް ފާރަވެރިވުމަށެވެ. މިއީ ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާއިންނާއި ފަލަސްތީނުގެ އޮތޯރިޓީއަށް ވެސް ރައްޔިތުންނަށް ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދެވިފައި ނުވާތީ، އަމިއްލަ އިސްނެގުމުގެ މަތިން އުފައްދާފައިވާ ވޮލަންޓިއަރުންގެ ލަޝްކަރެކެވެ.

"އަހަރެމެން މިތިބީ އެކަނިވެރިވެފައި. މި ކުރިމަތިލާންޖެހެނީ ޔަހޫދީންގެ ސަރުކާރުގެ ފުރިހަމަ ތާޢީދާއި އެހީތެރިކަން ލިބިގެން އުޅޭ ހަރުކަށި ވަޒަންވެރިންނާ،" ފާރަވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހަކު ރޮއިޓަރސް ނޫހަށް ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި، އެ އަވަށް ދިފާޢުކުރުމަށް ރޭގަނޑު ހޭލާ ތިބުން ނޫން އިތުރު ގޮތެއް މިއަދު އެ މީހުންނަކަށް ނެތެވެ.

ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ނިރުބަވެރި ސަރުކާރުން ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން، ސަތޭކައަށް ވުރެ ގިނަ އައުޓްޕޯސްޓްތައް ހެދުމުގެ ޙުއްދަ ވަނީ ދީފައެވެ. ފަލަސްޠީނުގެ ރައްޔިތުން ބުނާ ގޮތުގައި، މިއީ ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، މިނިވަން ދަޢުލަތެއް އުފެއްދުމަށް އޮތް ފުރުޞަތު ހަނިކުރުމަށް ހިންގާ ޢުދުވާނެކެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ޔަހޫދީން ހިންގަނީ ޣައިރުޤާނޫނީ ޢަމަލުތަކެއްކަމަށް ކަނޑައަޅާފައި ވީނަމަވެސް، ޔަހޫދީން ދަނީ އެ ސަރަޙައްދުގައި ފުޅާދާއިރާއެއްގައި ވަޒަންވެރިކުރުމުގެ މަސައްކަތް އެއްވެސް ޖެހިލުމެއްނެތި ކުރިއަށްގެންދަމުންނެވެ.

ސިންޖިލްގެ ރައްޔިތުން ބުނީ، ޔަހޫދީ ވަޒަންވެރިން ޙަމަލާދޭ ވަގުތުތަކުގައި ޔަހޫދީން ސިފައިންނަށް އެކަމަށް ވާގިވެރި، ޙަމަލާދޭ ވަޒަންވެރިންނަށް ހިމާޔަތްދީ، އެ މީހުންނަށް އެހީތެރިވަމުންނެވެ. "ސިފައިން އެ މީހުން ހިމާޔަތްކޮށްދެނީ، އެ މީހުންނެއް ނުހުއްޓުވާ،" ސިންޖިލްގެ ރައްޔިތަކު ބުންޏެވެ.

ޔަހޫދީންގެ ޙަމަލާތަކުން ރައްކާތެރިވުމަށް ސިންޖިލްގެ ރައްޔިތުން ވަނީ އާދަޔާޚިލާފު ދިފާޢުއެއް ރާވައިފައެވެ. ވަޓްސްއަޕް ގްރޫޕްތައް މެދުވެރިކޮށް މުޅި އަވަށް ގުޅާލެވިފައިވާއިރު، އެއްވެސް ނުރައްކަލެއްގެ ނިޝާނެއް ފެނުމާއެކު މުޅި އަވަށަށް އެލާޓް ފޮނުވައެވެ. ބައެއް މީހުން އުސް ހިސާބުތަކުގައި ބައްތިތައް ހިފައިގެން ފާރަވެރިވާއިރު، އަނެއް ބަޔަކު ކާރުތަކުގައި އަވަށުގެ ވަށައިގެން ދުރުމީ ބޭނުންކޮށްގެން ބަލަމުންދެއެވެ.

މިކަމުގެ ތެރެއިން ނުރައްކާތެރި ހާދިސާތަކާ ވެސް ސިންޖިލްގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހެއެވެ. ރައްޔިތަކު ކިޔައިދިން ގޮތުގައި، ދާދި ފަހުން ގޮދަން ކަނޑަން އުޅެނިކޮށް ވަޒަންވެރިއަކު ވަނީ ދަގަނޑު ބުރިއަކުން އޭނާއަށް ޙަމަލާދީ ޒަޚަމްކޮށްލާފައެވެ. އަދި މިދިޔަ އަހަރު ވޮލަންޓިއަރުން ތިބި ފޭލިގެއަކަށް ޔަހޫދީ ވަޒަންވެރިން ބަޑިން ޙަމަލާދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ސިންޖިލް މުނިސިޕަލްޓީގެ ރައީސް މުޢުތާޒް ޠަވާފިޝާ ވިދާޅުވި ގޮތުގައި، ސިންޖިލްގެ ރައްޔިތުން މިއަދު އުޅެމުންދަނީ "ބޮޑު ޖަލެއްގެ" ތެރޭގައެވެ. ޔަހޫދީ ސިފައިން ވަނީ އެ އަވަށަށް ވަދެވެން ހުރި ފަސް މަގުގެ ތެރެއިން ހަތަރު މަގު ބަންދުކޮށް، ރައްޔިތުންގެ އަމިއްލަ ބިންތަކަށް ނުވަދެވޭ ގޮތަށް، މުޅި އަވަށް ވަށައިގެން ދަގަނޑު ޖަހައި ވަކިކޮށްފައެވެ.

2023 އޮކްޓޯބަރުގައި ޣައްޒާ ހަނގުރާމަ ފެށުނު ފަހުން، ޔަހޫދީ ވަޒަންވެރިންގެ ޙަމަލާތައް ވަނީ ކުރިއަށްވުރެ ބޮޑަށް އިތުރުވެފައެވެ. މި ޙަމަލާތަކުގެ ސަބަބުން ސިންޖިލްގައި ދިރިއުޅުނު އެތައް އާއިލާއެއް ވަނީ ގެދޮރު ދޫކުރަން މަޖުބޫރުވެފައެވެ.

މި ބިރުވެރި ޙާލަތުގައި ވެސް ސިންޖިލްގެ ރައްޔިތުން ދައްކަމުންދަނީ އެކުވެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ. ގޭގެއަށް ޕެޓްރޯލް ބޮން އުކައި ރޯކުރާއިރު، މި ވޮލަންޓިއަރުން ވަނީ ފުރާނަ އަތްމައްޗަށްލައިގެން ނުކުމެ، ނުކުޅެދޭ މީހުންނާއި ކުޑަކުދިން ސަލާމަތްކޮށްފައެވެ.