ޚަބަރު

ޣައްޒާއަށް އެހީދޭ ޖަމްޢިއްޔާގެ އިސް ވެރިއަކު ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިނގަމުންދާ ނަސްލުހޭދަ ކުރުމުގެ ޢުދުވާނުގެ ސަބަބުން މާޔޫސްވެފައިވާ ރައްޔިތުންނަށް، ފީފާ ފުޓުބޯޅަ މުބާރާތުގެ މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިދީ ހިތްހަމަޖެހުން ހޯދައިދިން މިޞްރުގެ އެހީދޭ ޖަމްޢިއްޔާގެ އިސް މެންބަރު، މުޙައްމަދު އަލް-ވާޙީދީ ޝަހީދުކޮށްލުމާ ގުޅިގެން ޣައްޒާގެ ގިނަ ޢަދަދެއްގެ ރައްޔިތުން އޭނާގެ ޖަނާޒާގައި ބައިވެރިވެ، ހިތާމަފާޅުކޮށްފިއެވެ.

ވާޙިދީ ޝަހީދުކޮށްލާފައިވަނީ، އޭނާ ދަތުރުކުރަމުންދިޔަ ޓެކްސީއަކަށް ޔަހޫދީން ދިން ރަހުމުކުޑަ ވައިގެ ހަމަލާއެއްގައެވެ.

ޣައްޒާގެ ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މިޞްރާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ކުރީ ރޭ، ދިން މި ހަމަލާގައި ވާޙިދީގެ އިތުރުން ތިން މީހަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި ޣައްޒާ ސިޓީގެ ޞަބްރާ އަވަށުން ދަތުރުކުރަމުންދިޔަ އުމުރުން 10 އަހަރާއި 8 އަހަރުގެ ދެބެއިން ވެސް ހިމެނެއެވެ.

ދެ އަހަރަށްވުރެ ގިނަ ދުވަސްވީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގައި، ބޮޑު ސްކްރީންތައް ބަހައްޓައިގެން މެޗުތައް ބެލޭނެ މަގު ފަހިކޮށްދިނުމަކީ، ހިތްދަތިކަމުގައި ތިބި އެތައް ހާސް ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ފަލަސްޠީނުގެ ރައްޔިތުން ބޮޑަށް ސަޕޯޓުކުރަމުންދިޔައީ އަވަށްޓެރި މިޞްރުގެ ޓީމަށެވެ.

"އަހަރެންގެ ބައްޕަ ނިކަން ބުރަކޮށް މަސައްކަތްކުރީ ޣައްޒާގެ ނިކަމެތި، ޙާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކުޑަވެސް ހިތްހަމަޖެހުމެއް ހޯދައިދޭން. ފޭލިގެތަކާއި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ކައިރީގައި މެޗުތައް ބެލޭނެ އިންތިޒާމު ބައްޕަ ހަމަޖައްސައިދިނީ އެ މަޤްޞަދުގައި،" ވާޙިދީގެ ދަރިފުޅު ފަވާޒް ރޮއިޓަރސް ނޫހަށް ކިޔައިދިނެވެ.

މި ހަމަލާއާ ގުޅިގެން ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާއިން ބުނީ، އެ މީހުން އެ ހަމަލާތައް އަމާޒުކުރީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ހަނގުރާމަވެރިއަކަށް ކަމަށާއި، ނަމަވެސް އާންމުން މަރުވި ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް، އެ ބުނާ ހަނގުރާމަވެރިއަކީ ކާކުކަން ހާމަކުރުމަށް ޔަހޫދީން ވަނީ ދެކޮޅުހަދައިފައެވެ.

މިޞްރުގެ ސަލާމަތީ މަސްދަރުތަކުން ކަށަވަރުކޮށްދޭ ގޮތުގައި، ވާޙިދީއަކީ ޣައްޒާގައި ހުންނަ މިޞްރުގެ ސަރުކާރުގެ ރަސްމީ އެހީދޭ އިދާރާގެ ލޮޖިސްޓިކްސް ކަންކަން ބަލަހައްޓަވާ އެންމެ އިސް ވެރިޔާއެވެ. އޭނާ ޝަހީދުކޮށްލި މައްސަލައިގައި މިޞްރުގެ އިސް އޮފިޝަލަކު ވަނީ ޔަހޫދީންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެހީދޭ ފަރާތްތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

ބުދަ ދުވަހު ބޭއްވުނު ވާޙިދީގެ ޖަނާޒާގައި އެތަކެއް ސަތޭކަ މީހުން ބައިވެރިވިއިރު، އޭނާގެ ހަށިގަނޑު ގެންދިޔަ ސަންދޯއް އޮތީ ފަލަސްޠީނާއި މިޞްރުގެ ދިދައިން ނިވާކުރެވިފައެވެ. އޭނާގެ ދަރިފުޅު ފަވާޒް ބުނި ގޮތުގައި، ވާޙިދީ އަބަދުވެސް ބޭނުންވީ ހަނގުރާމައިގެ ހާލަތުގައި ތިބި ނިކަމެތި ރައްޔިތުންނަށް އެހީތެރިވުމަށެވެ.

ޣައްޒާގެ 2 މިލިއަނަށްވުރެ ބޮޑު އާބާދީގެ ބޮޑުބައެއް މިހާރު ދިރިއުޅެމުންދަނީ ވަގުތީ ފޭލިގެތަކުގައެވެ. މި ހިތްދަތި ހާލަތުގައިވެސް މިޞްރަކީ ފަލަސްޠީނުގެ އެންމެ ބޮޑަށް އެހީތެރިވާ ޤައުމުގެ ގޮތުގައި ފަލަސްޠީނުގެ ރައްޔިތުން ދެކެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޢަމަލުކުރަން ފެށި ހަމަލާބަތައް ދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށްފަހުވެސް، ޔަހޫދީންގެ ހަމަލާތަކުގައި 1,000 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.