މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ %14.7 އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވެއްޖެއެވެ.
މީރާއިން ވިދާޅުވީ މިދިޔަ ޖޫން މަހު މީރާއިން ބަލައިގެންފައިވާ ޖުމުލަ އާމްދަނީ އަކީ 2.92 ބިލިޔަން ރުފިޔާކަމަށެވެ. މިއީ ޖޫން މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %14.7 އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %10.1 އިތުރު އަދަދެއްކަމަށް މީރާއިން ވިދާޅުވިއެވެ.
މީރާއިން ވިދާޅުވީ މިދިޔަ މަހު އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ %14.7 އިތުރުވި މައިގަނޑު ސަބަބުތަކަކީ ޖީއެސްޓީ، ބޭންކް އިންކަމް ޓެކްސް، ގްރީން ޓެކުހުގެ އިތުރުން އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންކަމަށެވެ. މިއަހަރުގެ މެއި މަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަންދާޒާކޮށްފައިވާ މިންވަރަށްވުރެ %1.7 އިތުރުވުމާއެކު ފަތުރުވެރިކަމާއިގުޅޭ ދާއިރާތަކުން ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ.
މީގެއިތުރުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީ، ރިޒޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އާއި، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި އެއްފަހަރާ ލިބުނު ފައިސާއަކީވެސް މިމުއްދަތުގެ އާމްދަނީ އިތުރުވި އެއް ސަބަބެވެ. މިދިޔަ މަހު ލިބިފައިވާ ޖުމުލަ އާމްދަނީގެ 14.3% އަކީ ކުރީގެ ސުންގަޑިތަކަށް ދައްކަންޖެހޭ ފައިސާއެވެ. އަދި އާމްދަނީގެ 23.4% ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންކަން ވެސް މީރާއިން ވަނީ ވިދާޅުވެފައެވެ.
ޖޫން 2025 ގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު ޖޫން 2026 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ ޖީއެސްޓީ އާއި ބޭންކް އިންކަމް ޓެކުހުގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ އާމްދަނީ އިތުރުވުމެވެ. ބޭންކް އިންކަމް ޓެކުހުގެ އާމްދަނީ އިތުރުވެފައިވަނީ، ސުންގަޑީގެ ކުރިން އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކައިފައިވުމާއި، 2025 ވަނަ އަހަރުގެ ބޭންކް އިންކަމް ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ސުންގަޑިއަށް ފައިސާދައްކާ ނިންމާފައިވާތީއެވެ. 2025 ވަނަ އަހަރުގެ މެއި މަހާއި އަޅާބަލާއިރު 2026 މެއި މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ މިންވަރު %1.5 އިތުރުވެފައިވާތީ ޓޫރިޒަމް ދާއިރާގެ އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ.
މީރާއިން ވިދާޅުވީ ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، މިދިޔަމަހު މީރާއިން ޖުމްލަ 465 މިލިއަން ރުފިޔާ ހޯދާފައިވާކަމަށެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 286 މިލިޔަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 79 މިލިޔަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 72 މިލިޔަން ރުފިޔާ ހޯދާފައިވެއެވެ. މީގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 26 މިލިޔަން ރުފިޔާ އަދި އެކްޝަން ޕޮލިސީގެ ތެރެއިން 0.5 މިލިޔަން ރުފިޔާ ހޯދާފައިވެއެވެ. ހަމައެއާއެކު ބޭންކް އެކައުންޓް ފްރީޒް ކޮށްގެން ވެސް 0.7 މިލިޔަން ރުފިޔާ ހޯދާފައިވެއެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓީޖީއެސްޓީއެވެ. އެއީ %37.2 ނުވަތަ 1.08 ބިލިޔަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ %27.4 ނުވަތަ 799 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން ރިޒޯޓްތަކުގެ ކުލީގެ ގޮތުގައި 411 މިލިޔަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި 157 މިލިޔަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި135 މިލިޔަން ރުފިޔާ ލިބިފައިވާއިރު ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 134 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
މިދިޔަ މަހު ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 118.60 މިލިޔަން އެމެރިކާ ޑޮލަރު ހިމޭނަކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވެއެވެ.