ކަނޑުމަތިން ލޯންޗަކާއި އެހެން އުޅަނދެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 5 މީހުންގެ ތެރެއިން 2 މީހުން ފަރުވާއަށްފަހު ދޫކޮށްލާފައިވާކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
ކަނޑުމަތީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއް މާލެ، އިއްޒުއްދީން ފާލަމަށް ކައިރިކޮށްފައިވާ ކަމުގެ މައުލޫމާތު ރޭ 21:16 އެހާކަންހާއިރު ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.
ފުލުހުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު ވަނީ އެކްސިޑެންޓަށްފަހު މަޑުނުކޮށް ގޮސްފައެވެ.
މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް 5 މީހަކު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 4 ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ. އައިޖީއެމްއެޗުން ވިދާޅުވީ މީގެ ތެރެއިން 3 މީހަކު ވޯޑުގައި އެޑްމިޓްކޮށްފައިވާކަމަށެވެ. އަދި 2 މީހަކަށް އިމަރޖެންސީ ރޫމުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރައްވަމުންނެވެ.