ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސްޕޭން ބަލިކޮށް، ސެމީ ފައިނަލަށް ދެވޭނެ ގާބިލްކަން ބެލްޖިއަމް ޓީމުގައި އެބަހުރި ކަމަށް ކޯޗު ރުޑި ގާސިއާ ބުނެފި އެވެ.
"އަހަރުމެންނަށް އެނގޭ އަހަރުމެން މި ކުޅެން ޖެހެނީ މުބާރާތުގެ އެންމެ ގަދަ އެއް ޓީމާ ދެކޮޅަށްކަން. ސްޕެނަކީ ބޯލް ޕޮޒިޝަން ހިފަހައްޓައިގެން 15 ނުވަތަ 20 އަހަރު ވަންދެން ކުޅެފައިވާ ޓީމެއް. މިހެންވެ އެ މީހުން ވަރަށް ބޮޑަށް ސިސްޓަމަށް ހޭނިފައި މި ތިބެނީ. އެކަމަކު އަހަރުމެންގެ ވެސް މޮޅު ޓީމެއް އެބައޮތް،" ކޯޗު ބުންޏެވެ.
އޭނާ ބުނީ ފްރާންސާއި ސްޕޭނުގެ ފަހަތުން އެންމެ ގިނަ ގޯލު ޖެހި ޓީމަކީ ބެލްޖިއަމް ކަމަށްވުމަކީ ސެމީ ފައިނަލް ކުޅެވޭނެ ފެންވަރު ހުރިކަން ސާބިތުކޮށްދެވޭ ކަމެއް ކަމަށެވެ.
"އަހަރުމެންނަކީ ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި އެއް ޓީމު. އެހެންވީމާ އަހަރުމެންގެ ޓީމުގައި ވެސް ހާއްސަކޮށް ފޯވަޑް ލައިނުގައި ކޮލިޓީ ހުރިކަން އެބަ ދައްކުވައިދޭ. އަހަރުމެންނަށް ފައިނަލަށް ވެސް ދެވިދާނެ. އެއީ ނުކުރެވޭނެ ކަމެއް ނޫން،" ކޯޗު ބުންޏެވެ.
ބެލްޖިއަމްގެ ފޯވަޑް ރޮމެލޫ ލުކާކޫ ބުނީ ޓީމުގައި އޭނާ އަދާ ކުރަމުންދާ ރޯލަކީ މިދިޔަ އޭޕްރީލް މަހު ކޯޗާއެކު ދެކެވުނު ވާހަކަތަކަށް ފަހު ނިންމާފައިވާ ގޮތެއް ކަމަށެވެ. އެއީ ބައެއް މެޗުތަކުގައި ލީޑް ލިބުމުން އަރާމުކުރަން ދަނޑުމަތޫގައި ހުންނަ ވަގުތު ކޮށްލުން ކަމަށެވެ.
"ސްޕޭނަކީ ވަރަށް ވަރުގަދަ ޓީމެއް. އެ މީހުން ދެ އަރިމަތިން ހަލުވިކޮށް ކުޅެ ތިން ވަނަ މީހެއްގެ އެހީތެރިކަން ހޯދަން އުޅޭ. މިކަން ނުވެ ވާނެ ގޮތެއް އަހަރުމެން ވެސް ހޯދަން ޖެހޭ. އެމީހުންގެ ސްކޮޑް ވަރުގަދަ. އަދި ހަލުވި ވެފައި ދެ އަރިމަތިން ވަރަށް ގިނައިން ކުޅޭ. އެކަމަކު އަހަރުމެން މިތިބީ ތައްޔާރުވެގެން. އެ މީހުން މާޔޫސް ކޮށްލެވޭނެ ހުރިހާ ގާބިލްކަމެއް އަހަރުމެންނަށް ލިބިފައިވޭ،" ލުކާކޫ ބުންޏެވެ.
މި މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ސެމީ ފައިނަލުގައި ވާދަ ކުރާނީ ފްރާންސާ އެވެ.