ޚަބަރު

އެއާޕޯޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި 2.1 ބިލިޔަން ރުފިޔާ


  • މިއީ މިދިޔަ އަހަރަށްވުރެ %17.5 އިތުރުވުމެއް

  • ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން 2 ބާވަތެއްގެ ޓެކްސް ނަގަައި

އަހަރުގެ ފުރަތަމަ 6 މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އަދަދު ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު %17.5 އިތުރުވެފައެވެ.

ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން 2 ބާވަތެއްގެ ޓެކްސް ނުވަތަ ފީއެއް ދަނީ ނަގަމުންނެވެ. އެއީ ޑިޕާޗަރ ޓެކްސްއާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއެވެ.

މީރާއިން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން އަހަރުގެ ފުރަތަމަ 6 މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާރ ޓެކްސްގެ ގޮތުގައި 2.1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.8 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %17.5 އިތުރު އަދަދެކެވެ.

ޑިޕާޗަރ ޓެކުހުގެ ގޮތުގައި ފުރަތަމަ 6 މަސްދުވަހު ލިބިފައިވަނީ 1 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 907 މިލިޔަން ރުފިޔާއެވެ. މިއީ %17 އިތުރުވުމެކެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މި އަހަރުގެ ފުރަތަމަ 6 މަސްދުވަހު ލިބިފައިވަނީ 1 ބިލިޔަން ރުފިޔާއެވެ. 2025ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 913 މިލިޔަން ރުފިޔާއެވެ. މިއީ %18 އިތުރު އަދަދެކެވެ.

ޑިޕާޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެކެވެ. މި ފީ ނަގަން ފަށާފައިވަނީ 1 މޭ 2017 އިން ފެށިގެންނެވެ.

ޑިޕާޗަރ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުން ހިމެނެއެވެ.