ޚަބަރު

"ވައިކިންގް ރޯ" އިންގްލޭންޑް މެޗަށް މަޔާމީއަށް


  • ނޯވޭ ސަޕޯޓަރުން ދަނީ އެ ޓީމު މެޗު ކުޅޭ ކޮންމެ ސިޓީއެއްގައި މި ހަރަކާތް ހިންގަމުން

  • ވައިކިންގް ރޯ މިހާރު ވަނީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައި

2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ އެކު "ވައިކިންގް ރޯ" ނުވަތަ ނޯވޭގެ ސަޕޯޓަރުންގެ ރަމްޒީ ފަލިޖެހުން ވެގެންގޮސްފައި މިވަނީ އެންމެ ތަފާތު އަދި މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ކަމަކަށެވެ.

ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ނޯވޭގެ ސަޕޯޓަރުން ވަނީ މި ހަރަކާތް މަޔާމީ ބީޗުގައި ދައްކާލާފައެވެ.

ނޯވޭގެ ގައުމީ ކުލަ ކަމަށްވާ ގަދަ ރަތް ކުލައިގެ ޖާޒީތަކުގައި ތިބި ސަޕޯޓަރުން އެމެރިކާގެ އެކި ހިސާބުތަކުގައި އެ ގައުމުގެ ޓީމާއެކު ދަތުރުކުރަމުންދާއިރު، ނޯވޭއަށް ޚާއްސަވެފައިވާ މި ހަރަކާތް އަބަދުވެސް ކުރިއަށް ގެންދެއެވެ.

މި ހަރަކާތް އެންމެ ފުރަތަމަ މީސްމީޑިއާގައި ވަރަށް ބޮޑަށް މަގުބޫލުވެގެން ދިޔައީ، މީގެ ހަތަރު ހަފުތާ ކުރިން ބޮސްޓަންގައި އިރާގާ ދެކޮޅަށް ކުޅުނު ނޯވޭގެ ފުރަތަމަ މެޗުގެ ކުރިން ސަޕޯޓަރުން މި ހަރަކާތް ދައްކާލުމާ ގުޅިގެންނެވެ.

އޭގެ ފަހުން، މި ފަލިޖެހުމުގެ ހަރަކާތް ވަނީ ވަރަށް ބޮޑަށް ފެތުރި، އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. ސަޕޯޓަރުން ދާ ކޮންމެ ތަނެއްގައި، ކެފޭތަކާއި، އާންމު ދަތުރުފަތުރުގެ ވަސީލަތްތަކާއި، ސްޓޭޑިއަމްތަކުގެ އެސްކަލޭޓަރުތަކުގެ އިތުރުން ނޯވޭގެ ގާނޫނު ހަދާ މަޖިލީހުގައި ވެސް މި ހަރަކާތް މިހާރު ދަނީ ކުރަމުންނެވެ.

ކޮންމެ މެޗަކުން މޮޅުވުމަށްފަހު، ނޯވޭގެ ކުޅުންތެރިން ވެސް ސަޕޯޓަރުންނާ އެކު މި ހަރަކާތުގައި އަމަލީގޮތުން ބައިވެރިވެއެވެ.

ވޯލްޑް ކަޕް 2026ގައި އެންމެ ބޮޑަށް ފާހަގަކުރެވިގެންދިޔަ ވައިކިންގް ރޯ އާއެކު ނޯވޭގެ ބޮޑު ފޯވާޑް އާލިންގ ހާލަންޑްވެސް ވަނީ ސޯޝަލް މީޑިއާގެ މަގްބޫލްކަން ހޯދާފައެވެ.

މީސްމީޑިއާގައި ހާލަންޑަށް ލިބެމުންދާ ބޮޑު ސަމާލުކަމުގެ ސަބަބުން، އޭނާގެ ފޮޓޯ ޖަހާފައިވާ ޓީޝާޓުތަކަށް އޮތް ތަރުހީބު މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ޕެރޫގެ ލީމާގެ ވިޔަފާރިވެރިން ދަނީ ނޯވޭ ފޯވާޑުގެ ތަފާތު އެކި ފަރުމާތަކުގެ ޓީޝާޓުތައް ބާޒާރަށް ނެރެމުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ އާލިންގް ހާލަންޑް ވަނީ ޖެހިޖެހިގެން 14 މެޗުގައި ލަނޑު ޖަހާފައެވެ. އަދި މި މުބާރާތުގައި ކާމިޔާބުކުރި ހަތްވަނަ ލަނޑާއެކު، އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށްދޭ ރަން ބޫޓުގެ ރޭހުގައި ހާލަންޑް ދަނީ ކީލިއަން އެމްބާޕޭ އާއި ލިއޮނަލް މެސީއާ ވަރަށް ގާތުން ވާދަކުރަމުންނެވެ.