ޚަބަރު

"ޔޫޕީއައިގެ ސަބަބުން ރާއްޖެއާއި އިންޑިއާގެ އިޤްތިޞާދީ ގުޅުން އައު އުސްމިނަކަށް"


  • 300 މިލިޔަން ޑޮލަރުގެ ޚިދުމަތްތައް ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރޭ

  • މާލީ މުއާމަލާތްތައް ހިންގުމުގައި ދިމާވި ދަތިތަކަށް ހައްލެއް ލިބިގެންދާނެ

ޔޫޕީއައި ތައާރަފްކުރުމަށް މިކުރެވޭ މަސައްކަތަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވިދާޅުވެއްޖެއެވެ.

ސަފީރު މިފަދައިން ވިދާޅުވީ، އިޤްތިޞާދީ ވުޒާރާއިން ސިލްސިލާކޮށް ގެނެސްދޭ "ޓްރޭޑް ޑެސްކް ވިތު އަނާ" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުންނެވެ. ސަފީރު ވަނީ މި އިސްނެގުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް ލިބިގެންދާނެ ފަސޭހަތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ފާހަގަކުރެއްވި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް ގާތްގަނޑަކަށް 300 މިލިޔަން ޑޮލަރުގެ ޚިދުމަތްތައް ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވެއެވެ. އަދި އަހަރަކު 140،000 އާއި 150،000 އާ ދެމެދުގެ އަދަދަކަށް އިންޑިޔާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާއިރު، ގިނަ އަދަދެއްގެ ދިވެހިން ތައުލީމާއި ބޭސްފަރުވާއަށް އިންޑިއާއަށް ދާކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.

ދެގައުމުގެ ރައްޔިތުން ހޯދައި ޚިދުމަތްތަކާއި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކަށް އަލިއަޅުއްވާލައްވާ ސަފީރު ވިދާޅުވީ، ބޯޑަރު ހުރަސްކޮށް މުއާމަލާތް ކުރެވޭނެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ފަވަރަ އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް ޔޫޕީއައި ގުޅާލުމުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް ސަފީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުންދާ ޔޫޕީއައި ފަވަރަ ނިޒާމާ ގުޅާލުމުން، އިންޑިއާއަށް ދާ ދިވެހިންނަށް ހޮސްޕިޓަލްތަކަށާއި ތައުލީމީ މުއައްސަސާތަކަށް ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ. މި ނިޒާމު ފުރިހަމައަށް ގާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ." އިންޑިއާ ސަފީރު ވިދާޅުވިއެވެ.

ޔޫޕީއައި ނިޒާމާ ބެހޭގޮތުން ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، މިއީ އިންޑިއާގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުންދާ މޯބައިލް ޕޭމަންޓް ޕްލެޓްފޯމް ކަމަށެވެ. އިންޑިޔާގައި ކުރެވޭ މޯބައިލް މުއާމަލާތްތަކުގެ 50 އިންސައްތައަށްވުރެ ގިނަ މުއާމަލާތް ހިންގަނީ ޔޫޕީއައި މެދުވެރިކޮށް ކަމަށާއި، މި ވަރުގަދަ ނިޒާމު ރާއްޖެއަށް ތައާރަފްވުމުން އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

މި މަޝްރޫއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ސަފީރު ސިފަކުރެއްވިއެވެ. އަދި މި ނިޒާމުތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ މީހުންނަށާއި، އިންޑިއާއަށް ދާ ދިވެހިންނަށްވެސް މާލީ މުއާމަލާތްތައް ހިންގުމުގައި ކުރިން ދިމާވި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ސަފީރު ވިދާޅުވުއެވެ.

ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް، ޔޫޕީއައި އަކީ އެއް މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ގިނަ ބޭންކު އެކައުންޓްތަކެއް ގުޅުވާލައި، ރައްކާތެރިކަމާއެކު ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ ޑިޖިޓަލް ޕޭމަންޓް ނިޒާމެކެވެ. ޔޫޕީއައި ރާއްޖެއަށް ތަޢާރަފުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު މަރުކަޒީ ބޭންކް އެމްއެމްއޭއިން ދަނީ ކުރަމުންނެވެ. އެގޮތުން ޔޫޕީއައިއާއި ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ފަވަރަ ގުޅާލުމުގެ މަސައްކަތްތައް މިމަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.