ރާއްޖޭގައި އަށަގަނެފައި އޮތް ޓިއުޝަންގެ ސަޤާފަތް ދޫކޮށްލާ، މިހާރަށް ވުރެ ބޮޑަށް ދަރިވަރުންގެ އުނގެނުމަށް ދަރިވަރުން ޒިންމާވާންޖެހޭ ކަމަށް، ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ސީއެޗްއެސްސީ ހޯލުގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމް 2025 ދިނުމުގެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުން, ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ރާއްޖޭގައި ދަރިވަރުންނަށް އުނގަންނައިދިނުމަށް ޓިއުޝަނަށް ބަރޯސާވުމުގެ އާދަ އަށަގަނެފައިވާކަމަށެވެ. އަދި ބައެއް ދަރިވަރުން 4-6 ގަޑިއިރު ހޭދަކުރަނީ ޓިއުޝަންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މަދަރުސާއިން ބޭރުން ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭންވާނީ ސްކޫލުގައި އުނގެނުމުން ކުދިން ދުރުނުވާނެ ގޮތަކަށް ވިސްނައިގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަމާޒަކަށް ވާންވާނީ ތަޢުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ފޯރުކޮށްދޭ ތަޢުލީމަށް ބަރޯސާވެވޭ މިންވަރަށް އުނގަންނައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށްކަމަށްވެސް ވަޒީރުވަނީ ވިދާޅުވެފައެވެ.
ހަމައެކަނި ޓިއުޝަނާއި އުނގެނުމުގައި ދަރިވަރުންގެ ވަގުތުތައް ނަގާލުމަކީ ދަރިވަރުންގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ފޯރާކަމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ދަރިވަރުންގެ ވަގުތު މެނޭޖުކުރަން ދަސްކޮށްދިނުމާއި، ހިތްހަމަޖެހޭ ކަންކަމުގައި ވަގުތު ހޭދަކުރުމަކީ ދަރިވަރުންނަށް އެންމެ ރަނގަޅުގޮތްކަމަށް ދިރާސާތަކުގެ އަލީގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
"އެހާ ގިނަ ވަގުތު ގޭތެރެއިން ނެގޭކަމަށް ވާނަމަ. އޭގެ އަސަރު ދަރިވަރުންގެ ދުޅަހެޔޮކަމަށް ކުރާނެ. ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެ." ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
ދަރިވަރުންގެ އުނގެނުމަށް އަމިއްލައަށް ޒިންމާދާރުވުމަކީ ދަރިވަރުންނަށް އުނގެނުމުގެ އުކުޅުތައް ފަސޭހައިން ދަސްވުމުގެ އިތުރުން، އުނގެނުމުގައި ދަރިވަރުން ދެމިތިބުމަށް އެޅޭ ބާރެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ގްރޭޑް 1-12 ގެ ކިޔެވުމަށް މިހާރަށް ވުރެ ބޮޑަށް ޒިންމާވާންޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ނޭޝަނަލް އެސެސްމެންޓް އޮފް ލަރނިން އައުޓްކަމްސްގެ ނަތީޖާތަކަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާރު ހޯދާ ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް ހާސިލުކުރަން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި ދަރިވަރުން ހޯދާ ނަތީޖާއާއި ދަރިވަރުން ކިޔެވުމަށް ބަަހައްޓާ ޝައުގުވެރިކަމާއި ގުޅިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ދަރިވަރުން ޝައުގުވެރިކަން އިތުރުކޮށް މިހާރަށް ވުރެ ބޮޑަށް ޒިންމާ ނަގާކަމުގައިވާނަމަ އެއީ އެކުދިންގެ ވިސްނުމާއި ފިލާވަޅު އުނގެނުމަށް ބޭނުންވާ އުކުޅުތައް ތަރައްޤީވާނެ." ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
މަތީ އަރުތަވެރިންގެ އިނާމު 2025 ކުރިއަށް ދަނީ ދެ ދުވަހަށް ބަހާލައިގެންނެވެ. މިއަދު އިނާމްދިނުމުގެ 3 ދަންފަޅި އަދި މާދަމާ 2 ދަންފަޅިއަށް ބަހާލައިގެން އިނާމްދިނުން ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ.