ޚަބަރު

ސަރުކާރުގެ ޑިޖިޓަލް ތަސައްވުރަށް ޤާނޫނީ ބާރުވެރިކަން


  • ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ބެހޭ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅުއްވާފައި

  • މި ދާއިރާ ރެގިއުލޭޓް ކުރުމަށް ބޭނުންވާ މުހިންމު ބިލުތަކެއް ވަނީ ހުށަހަޅާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މަސައްކަތް ފެއްޓެވީ 2040ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ތަސައްވުރާއެކުގައެވެ.

މި ތަސައްވުރު ހާސިލް ކުރުމަށް ތަރައްޤީވެފައިވާ އެހެން ޤައުމުތަކާ އެއްވަރަށް ރާއްޖެވެސް ޑިޖިޓަލް ޒަމާނަށް ފެތެންޖެހެއެވެ. މިފަދަ ބޮޑު ބަދަލެއް ޤައުމަށް ގެންނަންޖެހޭނީ ރޭވުންތެރިކަމާއެކުގައި ވަށައިޖެހޭ ހައްލުތައް ލިބިގެންދާނެ ގޮތަކަށެވެ.

ރާއްޖެއަކީ މިހާރުވެސް ދުނިޔޭގެ ތަރައްޤީވަމުން އަންނަ ބައެއް ޤައުމުތަކާއި ތަރައްގީވެފައިވާ ޤައުމުތަކާ އަޅާބަލާއިރު ޑިޖިޓަލް ވަސީލަތްތަކާ ރައްޓެހި ޤައުމެކެވެ. ރަށްރަށް ވަކިން ހުރި ނަމަވެސް މިއަދު ޑިޖިޓަލް ވަސީލަތްތަކުން ހުރިހާ ރަށެއްވެސް އޮތީ ގުޅިފައެވެ.

އަދުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ މި ޚިދުމަތްތައް އިތުރަށް ފުޅާކޮށް ޑިޖިޓަލްގޮތުން އިންޤިލާބީ ބަދަލުތަކެއް ގެނައުމަށެވެ. ދާދިފަހުން ރާއްޖެއަށް ތަޢާރަފުކުރި "ޕޭޕަލް" ގެ ޚިދުމަތަކީވެސް މި ބަދަލުގެ ބައެކެވެ. އެ ޚިދުތަމަކާއެކު ރާއްޖޭގެ ކުދި ވިޔަފާރިތަކާއި އުފެއްދުންތެރިންނަށް ޒަމާންތަކެއްވަންދެން ދިމާވެފައި އޮތް ގޮންޖެހުމަކަށް ހައްލު ލިބި، ދުނިޔޭގެ މާކެޓަށް ވަނުމުގެ ފުރުޞަތު ދިވެހިންނަށް އިތުރަށް މިވަނީ ފުޅާވެފައެވެ.

ޑިޖިޓަލްގޮތުން ޤައުމަށް އަންނަ ބަދަލުތަކުގެ ފައިދާއާއެކު އޭގެ ނުރައްކާތައްވެސް ހުންނާނެއެވެ. ޑިޖިޓަލް ބޮޑު ބަދަލަކަށް ޤައުމު ތައްޔާރުވާއިރު ވަށައިޖެހޭ ހައްލެއް މުހިންމު ވަނީ މިހެންވެއެވެ. އަދުގެ ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުތަކުން މި ވަށައިޖެހޭ ހައްލު ލިބިގެންދެއެވެ.

ޑިޖިޓަލް ބޮޑު ބަދަލެއް ސަރުކާރުތަކަށް ގެނައުމުގެ އެންމެ މުހިންމު ބޭނުމަކީ ނަޒާހަތްތެރިކަން އިތުރުކޮށް، ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު ދެމެހެއްޓުމެވެ. ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުންހިފާ ސަރުކާރުތަކުގައި ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުވެ، ތެދުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރެވޭކަން ކަށަވަރުކުރެވޭނެއެވެ.

ސަރުކާރުން ހުށަހަޅުއްވާފައިވާ މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލުން މި ބަދަލު ގެނައުމަށް ޤާނޫނީގޮތުން ސަރުކާރުތަކަށް ބާރުއަޅާނެއެވެ. ޑިޖިޓަލް ފަސްޓް ސިޔާސަތެއްގެ ދަށުން ދައުލަތުގެ ހުރިހާ ޚިދުމަތްތަކާއި އިދާރީ ހިންގުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބައްޓަންކޮށް، ދައުލަތުގެ ހިންގުން ހަރުދަނާ ކުރުމުގެ ކަންކަން ވަނީ ހިމަނުއްވާފައެވެ.

ސަރުކާރުން ހުށަހަޅުއްވާފައިވާ ޑިޖިޓަލް އައިޑެންޓިޓީގެ ބިލަކީވެސް ސަރުކާރުގެ ޑިޖިޓަލް ތަސައްވުރާ ގުޅުންހުރި މުހިންމު ބިލެކެވެ. މި ބިލަކީ ދައުލަތުގެ އިދާރާތަކާއި، ޤާނޫނީ ޝަޙްސުތަކާއި އެ ނޫންވެސް ފަރާތްތަކާއެކު، އެކި ފަރާތްތަކުން އޮންލައިންކޮށް ކުރާ މުޢާމަލާތުތަކުގައި ނުވަތަ، ޚިދުމަތް ހޯދުމުގައި އައިޑެންޓިޓީ ކަށަވަރު ކުރުމަށް ބޭނުންކުރާ މައުލޫމާތުގެ ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތެއްގެ މަތިން އެ ނިޒާމް ފަރުމާކޮށް ހިންގުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.

ޑިޖިޓަލް އައިޑީއެއް މިހާރުވެސް ރާއްޖޭގައި ބޭނުންކުރެއެވެ. ނަމަވެސް އެއީ ޤާނޫނީ ބާރުވެރިކަމެއް ލިބިފައިވާ ޚިދުމަތެއް ނޫނެވެ. ސަރުކާރުގެ އަމާޒަކީ ދައުލަތުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ޚިދުމަތްތައްވެސް މި ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ހޯދޭނެ އިންތިޒާމުތައް ވަކި ޤާނޫނެއްގެ ދަށުން ހަމަޖެހިގެންދިއުމެވެ.

ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލްވެގެންދާއިރު ސައިބަރ ވެށީގެ ރައްކާތެރިކަންވެސް ކަށަވަރުވާންޖެހެއެވެ. އެގޮތުން، ސަރުކާރުން ހުށަހަޅުއްވާފައިވާ ސައިބަރ ސެކިއުރިޓީއާބެހޭ ބިލުން ރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދައުލަތުގެ އަދި އަމިއްލަ އިދާރާގައި ހިމެނޭ އުމްރާނީ މުހިންމު ވަސީލަތްތަކާ ގުޅިފައިވާ އިންފޮމޭޝަން ސިސްޓަމްތަކާގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަންކަން ކަނޑައަޅާނެއެވެ.

މި ބިލުގެ ދަށުން ރާއްޖޭގެ ސައިބަރ ވެށި ރައްކާތެރިކުރުުމާ ގުޅޭ ކަންކަން ރާވައި އިންތިޒާމުކުރުމަށްޓަކައި ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއެއް ގާއިމުކޮށް، ރާއްޖޭގެ ކްރިޓިކަލް އިންފްރާންސްޓްރަކްޗަރގެ ދާއިރާތައް ކަނޑައަޅައި، އެ ދާއިރާތަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ސަލާމަތީ އަދި ރައްކާތެރިކަމުގެ މިންގަނޑުތައްވެސް ކަނޑައެޅިގެންދާނެއެވެ. އަދި ބައިނަލްއަގުވާމީ ސައިބަރ ސެކިއުރިޓީ ސްޓެންޑަރޑްތަކާއި ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާގޮތުގެމަތިން ރާއްޖޭގެ ސައިބަރ ސެކިއުރިޓީއާ ގުޅޭގޮތުން ޤައުމީ ފެންވަރުގައި އަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައްވެސް ކަނޑައެޅޭނެއެވެ.

ޑިޖިޓަލް ތަރައްގީއާއެކު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިވެފައިވާކަންވެސް ކަށަވަރުވާންޖެހެއެވެ. އެކަމަށްވެސް ސަރުކާރު ވަނީ ތައްޔާރުވެފައެވެ.

މަޖިލީހަށް ހުށަހަޅުއްވާފައިވާ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލުގެ ދަށުން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ރާއްޖޭގައި ޒާތީ މަޢުލޫމާތު އެއްކުރުމާއި ޕްރޮސެސް ކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ޤާއިމުކުރެވި، ޒާތީ މަޢުލޫމާތު ނިސްބަތްވާ މީހުންގެ ޙައްގުތަކާއި މަޢުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި އެ ފަރާތްތައް ރެގިއުލޭޓްކުރުމާބެހޭ އުސޫލުތައް ކަނޑައެޅިގެންދާނެއެވެ.

މި ބިލާއެކު ބޭރު ޤައުމުތަކާއި ބައިނަލްއަގުވާމީ އިދާރާތަކާއި އެހެނިހެން ކްރޮސްބޯޑަރ ފަރާތްތަކަށް ޒާތީ މަޢުލޫމާތު ޓްރާންސްފަރ ކުރުމާގުޅޭ އުސޫލުތައްވެސް ކަނޑައެޅޭނެއެވެ. އަދި ޑޭޓާ ނިސްބަތްވާ ފަރާތްތަކަށް ލިބިގެންވާ ޙައްގުތަކާއި އެ ޙައްގުތައް ބޭނުންކުރުމުގެ ހަމަތައް ބަޔާންކޮށް، ޑޭޓާ ބްރީޗެއް މެދުވެރިވެއްޖެނަމަ މަޢުލޫމާތު ޕްރޮސެސްކުރާ ފަރާތްތަކުން އަމަލުކުރާނެ ގޮތުގެ އުސޫލުތައްވެސް ބަޔާންކުރާނެއެވެ.

ވަކިވަކިން ހުށަހަޅާފައިވާ ހަތަރު ބިލަކީވެސް ސަރުކާރުގެ ޑިޖިޓަލް ތަސައްވުރު ހާސިލްކުރުމުގައި ދިމާވެދާނެ އެކި ކަންކަމަށް ރިއާޔަތްކޮށް އެކަންކަމަށް ހައްލު ހޯދައި، ޒިންމާދާރުގޮތެއްގައި ކަންކަން ރެގިއުލޭޓްކުރުމަށް ހުށަހަޅާފައިވާ ބިލުތަކެކެވެ. މި ބިލުތައް ޤާނޫނުތަކަށްވުމުން ކޮންމެ ސަރުކާރަކަށްވެސް އެ ޤާނޫނުތައް ތަންފީޒުކޮށް، ރައްޔިތުންނަށް ބޭނުންވާ ޑިޖިޓަލް ތަރައްގީ، ރައްކާތެރިކަމާއެކު ގެނެސްދޭން މަޖުބޫރުވާނެއެވެ.