ޚަބަރު

ތައިލެންޑަށް ދަތުރުކުރާއިރު، އެރައިވަލް ކާޑު ފުރުމަށް އިލްތިމާސްކޮށްފި


  • މިއީ އެގައުމަށް ދަތުރުކުރާ ކޮންމެ މީހަކުވެސް އޮންލައިންކޮށް ފުރަންޖެހޭ ކާޑެއް

  • ސްކޫލު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ތައިލެންޑަށް ދަތުރުކުރޭ

ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން އެ ޤައުމަށް އެތެރެވުމުގެ ކުރިން ފުރަންޖެހޭ ޑިޖިޓަލް އެރައިވަލް ކާޑު ފުރުމަށް ޤައުމީ އެއާލައިން، މޯލްޑިވިއަނުން އިލްތިމާސްކޮށްފިއެވެ.

ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކާއެކު މޭމަހުގެ 1 ވަނަ ދުވަހުން ފެށިގެން ތައިލޭންޑަށް ދަތުރުކުރާ ކޮންމެ މީހަކުވެސް އޮންލައިންކޮށް އެރައިވަލް ކާޑެއް ފުރަންޖެހޭގޮތަށް ވަނީ އުސޫލުތައް ބަދަލުކޮށްފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި މޯލްޑިވިއަނުން ވަނީ، ވައިގެ މަގުން ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން އެ ގައުމަށް އެތެރެވުމުގެ 3 ދުވަސް ތެރޭގައި 'ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު' ފޯޓަލް މެދުވެރިކޮށް ދަތުރުގެ ތަފުސީލު ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ދަތުރުވެރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކުރުމުން ލިބޭ ކޮންފޮމޭޝަންގެ ޑިޖިޓަލް ކޮޕީއެއް ތައިލެންޑަށް އެތެވާއިރު އިިމިގްރޭޝަން ކައުންޓަރަށް ހުށަހެޅުމަށްވެސް އެއެއާލައިނުން ވަނީ އެދިފައެވެ.

ޗުއްޓީއާއި ދިމާކޮށް ގައުމީ އެއަރލައިން މޯލްޑިވިއަނުން ބެންކޮކަށް ޚާއްސަ ފެއަރއެއްގެ ދަށުން ޓިކެޓުތައް ގަތުމަށް މިފަހަރުވެސް ހުޅުވާލިއެވެ. ފެއަރގެ ދަށުން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 12އިން އޮގަސްޓް މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށެވެ. ފެއަރގެ ދަށުން ދަތުރުތައް އޮންނާނީ ކޮންމެ އާދިއްތަ ދުވަހަކުއެވެ.

ޗުއްޓީ ދުވަސްވަރާ ދިމާކޮށް، މޯލްޑިވިއަނުން މީގެކުރިންވެސް ވަނީ ބައިނަލްއަޤްވާމީ މަންޒިލްތަކަށް ދަތުރުތައް ބާއްވާފައެވެ. އެގޮތުން މިދިޔަ ޖަނަވަރީ މަހުވެސް ވަނީ ކުއަލަލަމްޕޫރަށާއި ބެންކޮކަށް ދަތުރުތަކެއް ކޮށްފައެވެ.