ދިވެހި ފުޓުބޯޅައިގެ އެންމެ ވަރުގަދަ ބާރެއްގެ ގޮތުގައި މިހާރު އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މުހިންމު ހަތަރު ކުޅުންތެރިއަކު އެ ކުލަބު ދޫކޮށްލާފައިވާކަން އެ ކުލަބުން އިއުލާނުކޮށްފިއެވެ.
މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި މާޒިޔާއިން ބުނެފައިވަނީ، ހަމްޒާ މުޙައްމަދު (ހަމްޕު) ގެ އިތުރުން ނާއިޒް ޙަސަން (ދާދު) އަދި ހުސެއިން ސިފާއު (ކުރޯ) އާއި އިޔާން އަބްދުލް އަލީމަކީ މާޒިޔާގައި އެ ކުޅުންތެރިންގެ ރަމްޒެއް ދޫކޮށްފައިވާ ހަތަރު ކުޅުންތެރިން ކަމަށާއި އެހެންނަމަވެސް މިވަގުތު އެ ކުޅުންތެރިންނަށް ވަދާއު ކިޔާ ކަމަށެވެ.
އަދި ފާއިތުވީ އަހަރުތަކުގެ ތެރޭގައި މާޒިޔާއިން ހޯދާފައިވާ ކާމިޔާބީތަކުގެ ފަހަތުގައި މި ހަތަރު ކުޅުންތެރިންގެ ދައުރުވެސް ނުހަނު ބޮޑުކަމަށާއި އެކަމަށްޓަކައި ހަތަރު ކުޅުންތެރިންނަށްވެސް ޝުކުރުވެރިވާ ކަމަށް މާޒިޔާގެ ޕޯސްޓުގައި ބުނެފައިވެއެވެ.
އަދި ކެރިއަރުގައި ކުރިއަށްހުރި ދުވަސްތަކުގައި މިއިން ކޮންމެ ކުޅުންތެރިއަކަށްވެސް ކާމިޔާބީއަށް އެދޭކަމަށް މާޒިޔާއިން ބުނެފައިވެއެވެ.
މާޒިޔާގެ ކާމިޔާބީގައި އެންމެ ބޮޑު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާގެ ގޮތުގައި ނިސްބަތްކުރެވޭ ހަމްޒާ، 7 އަހަރު ފަހުން މާޒިޔާ ދޫކޮށްލަން ނިންމާފައިވާއިރު، ޕީއެސްއެމް ސްޕޯޓްސް އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އޭދަފުށްޓަށް އުފަން މިޑްފީލްޑަރު ދެން ފެނިގެންދާނީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކުލަބުންނެވެ.
ހަމްޒާގެ އިތުރުން ދެން އެ ކުލަބުން ވަކިވި ނާއިޒް އާއި ސިފާއު އަދި އިޔާން ގުޅޭނެ ޓީމެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.
މާޒިޔާ އަކީ މިދިޔަ ސީޒަނުގައިވެސް ދިވެހި ލީގުގެ ޗެމްޕިއަނުންނެވެ.