ޚަބަރު

އެމެރިކާގެ އިލެކްޝަން ކޮމިޝަންގެ މެންބަރުން ޓްރަމްޕް ވަކިކުރައްވައިފި


އެމެރިކާގެ އިންތިޚާބުތަކުގެ ކަންކަމަށް އެހީތެރިވުމަށް އުފައްދާފައިވާ މިނިވަން މައި ކޮމިޝަނުގައި ބާކީ ތިބި މެންބަރުންވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ވަކިކުރައްވައިފިއެވެ.

މިއާއެކު، ދެ ޕާޓީ އެކުލެވޭ އެ އިދާރާގެ ހިންގުން ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.

ޓްރަމްޕްގެ މި ނިންމެވުން ވައިޓް ހައުސްއިން ކަށަވަރުކޮށްދީފައިވާއިރު، ކުރިއަށް އޮތް ނޮވެމްބަރު މަހުގެ މެދު ތެރެއިން ބާއްވާ މިޑްޓަރމް އިލެކްޝަނުގެ އިންސާފުވެރިކަމާ މެދު ވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ.

މި ނިންމުމާ ގުޅޭގޮތުން ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ އިންތިޚާބުތަކުގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުމުގެ މުހިންމު މަސައްކަތާ މުޅިން އެއްގޮތް ވިސްނުން ނެތް މެމްބަރުން ވަކިކުރުމުގެ ޙައްޤު މައި ސަރުކާރުގެ އެންމެ އިސް ވެރިޔާގެ ޙައިސިއްޔަތުން ރައީސް ޓްރަމްޕަށް ލިބިވަޑައިގަންނަވާ ކަމަށެވެ.

އަދި މިޑްޓަރމް އިންތިޚާބުގެ ކުރިން އެ ކޮމިޝަނުގެ މެމްބަރުން އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ މަސައްކަތްތަކެއް ކުރަމުންދިޔަ ކަމަށް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.

މި ނިންމުމަކީ ސްޓޭޓް އަދި ލޯކަލް އިންތިޚާބީ އޮފިޝަލުންނަށް އެހީތެރިވުމަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސުން 2002 ވަނަ އަހަރު އުފެއްދި މިނިވަން އޮފީހެއް ކަމަށްވާ "އިލެކްޝަންސް އެސިސްޓެންސް ކޮމިޝަން (އީއޭސީ)" އާ ގުޅޭ ނިންމުމެކެވެ. އެ ކޮމިޝަންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ވޯޓުލުމުގެ ނިޒާމުތަކުގެ ސައްޙަކަން ކަށަވަރުކުރުމާއި، ޤައުމީ މެއިލް ވޯޓާސް ރަޖިސްޓްރޭޝަން ފޯމް ބެލެހެއްޓުމާއި، އިންތިޚާބީ އުޞޫލުތައް ކަނޑައެޅުން ހިމެނެއެވެ.

އާންމުކޮށް ހަތަރު ކޮމިޝަނަރުން ތިއްބަވާ މި އިދާރާގެ ތެރެއިން އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން އައްޔަން ކުރެއްވި ދެ ބޭފުޅުން ކަމަށްވާ ތޯމަސް ހިކްސް އާއި ބެންޖަމިން ހޮވްލެންޑް އީމެއިލް މެދުވެރިކޮށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ރޮއިޓަރސް ނޫހުން ބުނެއެވެ. މިއާއެކު، ބާކީ ހުރި ހަމައެކަނި ރިޕަބްލިކަން މެންބަރު ކްރިސްޓީ މެކޯމިކް ވަނީ އިސްތިޢުފާ ދެއްވާފައެވެ. އަދި ހަތަރުވަނަ މެންބަރު ޑޮނަލްޑް ޕާމަރ ވަނީ މީގެކުރިން އޭޕްރީލް މަހު ވަކިވެވަޑައިގެންފައެވެ.

މި ކޮމިޝަނަކީ 2000 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު، ދެ ޕާޓީގެ މެންބަރުން އެއްވަރަކަށް ހިމެނޭގޮތަށް އުފެއްދި އިދާރާއެކެވެ. ބާކީ ތިބި ކޮމިޝަނަރުން ވަކިކުރަން ޓްރަމްޕް ނިންމެވުމުން، ކުރިއަށް އޮތް އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފާނެ ކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ. އެމެރިކާގެ ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުތައް ބޭއްވުމަކީ، މައި ފެޑެރަލް ސަރުކާރުގެ ބަދަލުގައި ވަކިވަކި ސްޓޭޓްތަކުގެ ޒިންމާއެކެވެ.

އީއޭސީން މީގެ ކުރިން ވަނީ ވޯޓުލާ މީހުން ރައްޔިތުކަން ސާބިތުކޮށްދިނުމަށް މަޖުބޫރުކުރަން ޓްރަމްޕް ނެރުއްވި އެގްޒެކެޓިވް އަމުރެއް ތަންފީޒު ކުރަން ދެކޮޅު ހަދާފައެވެ. ފަހުން ފެޑެރަލް ކޯޓަކުން ވަނީ އެއީ ރައީސް ބާރުގެ ބޭރުން ކުރެއްވި ކަމެއް ކަމަށް ނިންމައި، އެ އަމުރު ހުއްޓުވައިފައެވެ. ޓްރަމްޕް ވަނީ އެ ޙުކުމް އިސްތިއުނާފު ކުރައްވާފައެވެ.

މި ބަދަލުތަކާއެކު ޓްރަމްޕް އެ ކޮމިޝަން ހުސްކޮށް ބާއްވަވާނީތޯ ނުވަތަ އާ މެންބަރުން އައްޔަންކުރައްވާނީތޯ އަދި ސާފެއް ނުވެއެވެ.