ޚަބަރު

ސިފައިން ދިޔަމިގިލީގައި އިމާރާތްކުރާ ސްކޫލުގެ ފުރަތަމަ ފަންގިފިލާ ރާނާ ނިމިއްޖެ


  • މިއީ 2 ފަންގިފިލާގެ 10 ކުލާސް ރޫމް ހިމެނޭ ސުކޫލެއް

  • މަސައްކަތް ފެށީ މިއަހަރުގެ މާރިޗު މަހުގެ 31ގައި

ސިފައިން ދިޔަމިގިލީގައި އިމާރާތް ކުރަމުންދާ ސްކޫލުގެ ފުރަތަމަ ފަންގިފިލާ ރޭނުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ސިފައިންނާ ޙަވާލުކޮށްގެން މިސްކޫލުގެ މަސައްކަތް ފަށާފައިވަނީ، މިއަހަރުގެ މާރިޗު މަހުގެ 31ވަނަ ދުވަހުއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިންނާ ގުޅިގެން މިމަސައްކަތް ކުރަމުންދަނީ، އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސްގެ ފަންނީ ސިފައިންނެވެ. މި މަސައްކަތުގައި މިހާރު ކުރިޔަށްދަނީ، ފުރަތަމަ ފަންގިފިލާގެ ފާހާނާތަކުގެ ތަޅުން އެޅުމާއި، ތަނބުތަކާއި ބެރިތަކުގެ ދާރަ ހެދުމުގެ މަސައްކަތް ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ.

މީގެ އިތުރުން ދެވަނަ ފަންގިފިލާ ރޭނުމުގެ މަސައްކަތްތައްވެސް މިހާރު ވަނީ ފަށާފައެވެ. ދެ ފަންގިފިލާއަށް އިމާރާތް ކުރާ މި ސުކޫލުގައި 10 ކުލާސް ރޫމް ހުންނާނެއެވެ. ސިފައިން މި މަސައްކަތާ ހަވާލުވިއިރު އިމާރާތުގައި ނިމިފައި ހުރީ 30 އިންސައްތަ މަސައްކަތް ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.