ޚަބަރު

މެޓާގެ މީސްމީޑިއާ މަންސަތައް ފަރުމާކޮށްފައިވަނީ ދެވިހިފާގޮތަށް: އީޔޫ


މީސްމީޑިޔާގެ މަޤުބޫލު ދެ މަންސަ ކަމަށްވާ އިންސްޓަގްރާމްއާއި ފޭސްބުކްގެ މައި ކުންފުނި މެޓާއިން އެ ދެ މަންސަ ފަރުމާކޮށްފައި ވަނީ އެއަށް ދެވިހިފުވުމަށް ކަމަށް ވިލާތުގެ އިއްތިޙާދުން ތުހުމަތުކޮށްފިއެވެ.

ޖުލައި މަހުގެ 10ވަނަ ދުވަހު ވިލާތުގެ ކޮމިޝަނުން ވަނީ އެ ކޮމިޝަނުން މެޓާއާ ގުޅޭގޮތުން ކޮށްފައިވާ ދެ އަހަރު ދުވަހަށް ދެމިގެންދިޔަ ތަހުޤީޤެއްގެ އިބްތިދާޢީ ހޯދުންތައް އާންމުކޮށްފައެވެ. އެ ކޮމިޝަނުން ބުނީ ވިލާތުގެ އިއްތިޙާދުގެ ޑިޖިޓަލް ޚިދުމަތްތަކާ ބެހޭ ޤާނޫނު، ޑީއެސްއޭއާ މެޓާއިން ޚިލާފުވެފައިވާ ކަމަށެވެ. ފޭސްބުކްއާއި އިންސްޓަގްރާމްއަށް ދެވި ހިފުވުމަށް ފަރުމާކޮށްފައިވާ ބައެއް ކަންކަަން ބަދަލުކުރުމަށް އެ ކޮމިޝަނުން ވަނީ މެޓާއަށް ގޮވާަލައިފައެވެ.

ވިލާތުގެ އިއްތިޙާދުން ތުހުމަތުކުރި ގޮތުގައި އިންސްޓަގްރާމްއާއި ފޭސްބުކްގެ ސަބަބުން އެ ދެ މަންސަ ބޭނުންކުރާ މީހުންގެ ޞިއްޙީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އޮތް ނުރައްކާތަކާ މެދު މެޓާއިން އެދެވޭ ގޮތަކަށް ވިސްނާފައެއް ނުވެއެވެ. މީސްމީޑިޔާގެ ސަބަބުން ޒުވާނުންގެ ސިކުނޑިއާއި ނަފްސާނީ ދުޅަހެޔޮ ކަމަށް ކުރާ އަަސަރުތަކުގެ ސަބަބުން ފަހުގެ އަހަރުތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވާ ސިޔާސީވެރިން ވަނީ މީސްމީޑިޔާ ބޭނުންކުރާ އުޞޫލު ބަދަލުކުރެވޭނެ ގޮތެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ. މީސްމީޑިޔާ ބޭނުންކުރުމަކީ ޒުވާނުންގެ ދުޅަހެޔޮަ ކަމަށް އޭގެ ސަބަބުން އަސަރުކުރާ، އަދި އެ މީހުންގެ އެންޒައިޓީ އަދި ޑިޕްރެޝަން އިތުރުކޮށްދޭ ކަމެއް ކަމަށް އެތައް ދިރާސާތަކަކުން ދައްކާފައިވެއެވެ.

ވިލާތުގެ އިއްތިޙާދުން ވަނީ އިންސްޓަގްރާމްއާއި ފޭސްބުކް ބޭނުންކުރާ މީހުން އަމިއްލައަށް ނުފިތިޔަސް ވީޑިއޯތައް އަމިއްލައަށް އެޅުވޭ ގޮތަށް ފަރުމާކޮށްފައި އޮތުމާއި، އެ މަންސަތައް ބޭނުންކުރާ މީހާއަށް ޚާއްޞަވާ ގޮތަށް ވީޑިއޯއާއި ފޮޓޯ ސްކްރީނަށް އަރާ ގޮތަށް ފަރުމާކޮށްފި އޮތުމާއި، ކިތަންމެ ވަރަކަށް ސްކްރޯލް ކުރިޔަސް ވީޑިޔޯއާއި ފޮޓޯ ހުސް ނުވާ ގޮތަށް ދެ އެޕް ވެސް ފަރުމާކޮށްފައި އޮތް އޮތުން ފާހަގަކޮށްފައެވެ. ވިލާތުގެ އިއްތިޙާދުގެ ޤަަވާއިދުތަކަށް ބޯލެނބުމަށް އެ ފަދަ ފީޗާތައް ފުހެލަން ޖެހޭ ކަމަށް އެ އިއްތިޙާދުން ބުނެއެވެ. މިއީ އެ މަންސަތައް ބޭނުންކުރާ މީހުން އެ އެޕްތަކަށް ދެވިހިފުވުމަށް ބޭނުންކުރާ މައިގަނޑު އުކުޅު ކަމަށް އެ އިއްތިޙާދުން ބުނެއެވެ. އެހެންކަމުން މަންސަތައް ބޭނުންކުރާއިރު ސެޓުވެފައި ހުންނަ ‘ޑިފޯލްޓް ސެޓިންގ’ގައި އެ ގޮތަށް އަމިއްލައަށް ވީޑިއޯ ޖެއްސޭގޮތަށް ހުރުމާއި ހުސްނުވާ ވީޑިޔޯ އެރުން ހުއްޓުވުމަަށް ކޮމިޝަނުން މެޓާއަށް ވަނީ ގޮވާލައިފައެވެ. އެ ގޮތަށް ޢަމަލުނުކުރާ ނަމަ ބޮޑެތި ޖޫެރިމަނާތައް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އެ އިއްތިޙާދުން ދީފައިވެއެވެ.

ވިލާތުގެ އިއްތިޙާދުގެ ހޯދުންތަކަށް މެޓާއިން ދެކޮޅުހަދައެވެ. އެ ކުންފުނިން ބުނީ ދެވިހިފުން ހުއްޓުވުމަށް އެ ކުންފުނިން މިހާރު ވެސް އެދެވޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.