ޚަބަރު

އެމެރިކާގެ ހަމަލާތަކަށްފަހު އީރާނުން ހުރްމުޒް އަނެއްކާވެސް ބަންދުކޮށްފި


އީރާނުގެ ދައުލަތުގެ މީޑިއާ، އައިއާރްއައިބީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ)ގެ ކަނޑުގެ ސިފައިން ވަނީ ހުރްމުޒް ކަނޑުއޮޅި ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

އައިއާރްޖީސީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުރްމުޒް ކަނޑުއޮޅިއަކީ "ޣައިރު ގާނޫނީ" މަގެއްކަމެވެ. އަދި ބޭރުގެ ނުފޫޒުތަކާއި، އެ ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ކުރާ މަސައްކަތްތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. އަދި ބައެއް އުޅަނދުފަހަރުތަކުން، އެ ތަކެތީގެ މިސްރާބު ރަނގަޅުކޮށް ހުއްދަދެވިފައިވާ މަގުން ދަތުރުކުރުމަށް ދިން އިންޒާރުތަކަށް އިޖާބަދީފައި ނުވާކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، އެއް އުޅަނދަކުން އޭގެ މުއާސަލާތީ ނިޒާމުތައް ނިއްވާލައި، ކަނޑުގެ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަކަށް އަމަލުކުރުމުން، އިންޒާރުގެ ބަޑީގެ ހަމަލާތަކެއް ދިނުމަށްފަހު އެ އުޅަނދު ހުއްޓުވާފައިވާ ކަމަށްވެސް އައިއާރްޖީސީއިން ބުނެއެވެ.

އައިއާރްޖީސީ އިން ބުނި ގޮތުގައި، އެ ސަރަހައްދަށް އެމެރިކާއިން ވަންނަމުންދާ ނުފޫޒުތައް ހުއްޓާލަންދެން އެއްވެސް އުޅަނދަކަށް އެ ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ. އަދި އެއްވެސް އާ ހަމަލާއެއް ނުވަތަ އުސޫލާ ހިލާފު ކަމެއް ހިނގައިފިނަމަ، އެ ސަރަހައްދުގައި ހުރި ދުޝްމަނުންގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުން ހިމެނޭ ގޮތަށް، ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުއްދަ ނޫން މަގަކުން ދަތުރުކުރަން އުޅުނު އުޅަނދަކަށް އިންޒާރުގެ ހަމަލާއެއް ދިނުމަށްފަހު، އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން ވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.

ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިމިވަނީ އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ހަމަލާތަކެއް އަމާޒުކުރި ދަނޑިވަޅެއްގައެވެ.

އައިއާރްޖީސީ އިން ފާޅުކަން ބޮޑު ގޮތެއްގައި ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން މަސައްކަތްކުރާ އުޅަނދަކަށް ހަމަލާދީފައިވާ ކަމަށް ތުހުމަތުކޮށް، ސެންޓްކޮމް އިން ވަނީ އީރާނަށް ދެމުންދާ ހަމަލާތަކުގެ ތިންވަނަ ބުރު މިހާރު ފަށާފައެވެ. މި ހަމަލާތައް ދެމުންދަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީދާ އިރުޝާދުގެ ދަށުންނެވެ.

ޖޫން މަހުގެ 16 ވަނަ ދުވަހު ސޮއިކުރި ސުލްހައިގެ އެއްބަސްވުމަށް އިޝާރާތްކޮށް އެ ބަޔާނުގައި ބުނެފައިވަނީ، މީގެ ކުރިން ވިޔަފާރި އުޅަނދުތަކަށް ދިން ހަމަލާތަކާ ގުޅިގެން ޒިންމާދާރުކުރުވުމުން ވެސް، އެއްބަސްވުމަށް އިހުތިރާމް ކުރުމަށް އީރާނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފުމުގައި އެގައުމު އަނެއްކާވެސް ނާކާމިޔާބުވެފައިވާ ކަމަށެވެ. މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އާންމު ފަޅުވެރިންނާއި ވިޔަފާރި އުޅަނދުތަކަށް ހަމަލާދިނުމަށް އީރާނަށް އޮތް ގާބިލިއްޔަތު ނައްތާލައި، އެކަމުގެ ބަދަލުގައި އެމެރިކާއިން އީރާނަށް ބޮޑު އަދަބެއް ދެމުންދާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާ، އައި.އައިއާރްއައިބީ އިން ރިޕޯޓްކުރާ ގޮތުގައި އެގައުމުގެ ދެކުނުގެ ސަރަހައްދުތަކުގައި އިތުރު ގޮވުންތަކެއް ދަނީ ގޮވަމުންނެވެ. އެގޮތުން ބަނޑަރު އައްބާސް އާއި ސީރިކްގެ ބަނދަރުމަތީ ރަށްތަކުން ކޮންމެ ރަށަކުން ތިން ގޮވުމެއްގެ އަޑު އިވިފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ.

އަދި ޗާބަހާރުން ދެ ގޮވުމެއްގެ އަޑު އިވިފައިވާއިރު، ބޫޝެހްރު ޕްރޮވިންސްގެ ބަނޑަރު-އެ ދޭރުން ފަސް ގޮވުމެއްގެ އަޑު ވަނީ އިވިފައެވެ. މީގެ އިތުރުން، ބޫޝެހްރު ޕްރޮވިންސްގެ އަސަލޫޔޭ ސިޓީން ވެސް ހަތަރު ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށް އެ މީޑިއާއިން ރިޕޯޓްކުރެއެވެ.