އިންޑޮނޭޝިއާގައި ބާއްވާ ހަލާލް އިންޑޯ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ އެވުޒާރާއިން ވިދާޅުވީ، އިންޑޮނޭޝިއާގެ ޓަންގަރަންގގައި މިއަހަރުގެ ސެޕްޓެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ 'ހަލާލް އިންޑޯ އެކްސްޕޯ 2026'ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ކުންފުނިތަކަށާއި ސިނާޢީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ. މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ، ސެޕްޓެންބަރު މަހުގެ 24 އިން 27 އަށް ކަމަށް އެވުޒާރާއިން މައުލޫމާތު ދެއްވައެވެ.
2018 ވަނަ އަހަރުން ފެށިގެން އިންޑޮނޭޝިއާގައި ބާއްވަމުން އަންނަ 'ހަލާލް އިންޑޯ އެކްސްޕޯ'އަކީ އެ ޤައުމުގެ ހަލާލް ސިނާއަތް ކުރިއެރުވުމަށާއި، ބައިނަލްއަޤުވާމީ މާކެޓަށް ހަލާލު އުފެއްދުންތައް ތައާރަފު ކުރުމަށް ބާއްވާ ވަރަށް މުހިންމު ހަރަކާތެކެވެ. މި އެކްސްޕޯގެ މައިގަނޑު މަޤުސަދަކީ، އިންޑޮނޭޝިއާއަކީ ދުނިޔޭގެ ހަލާލު އުފެއްދުންތަކުގެ މަރުކަޒަކަށް ހެދުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި ގުޅުން ބަދަހިކުރުމެވެ.
މި އެކްސްޕޯގައި އިސްލާމީ ޝަރީޢާ ހުއްދަކުރާ އުސޫލުން ތަފާތު ދާއިރާތަކުން މައުލޫމާތާއި އުފެއްދުންތައް ދައްކާލުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
- ހަލާލް ކާބޯތަކެތި: ކާބޯތަކެތި އުފައްދާ ކުންފުނިތަކާއި އައު އުފެއްދުންތައް
- ފެޝަން އަދި ލައިފްސްޓައިލް: މޮޑެސްޓް ފެޝަން ނުވަތަ އިސްލާމީ ހަމަތަކަށް ފެތޭ ހެދުންތައް
- ކޮސްމެޓިކްސް އަދި ބިއުޓީ: ހަލާލް ސަޓިފިކޭޝަން އޮންނަ ރީތިވާ ސާމާނު
- އިސްލާމީ ފައިނޭންސް: އިސްލާމީ ބޭންކިންގއާއި ފައިނޭންސްއާ ގުޅޭ ޚިދުމަތްތައް
- ފަތުރުވެރިކަން: ހަލާލު ފަތުރުވެރިކަން
މި އެކްސްޕޯގެތެރެއިން ވިޔަފާރިވެރިން ގުޅުވައިދިނުމަށް 'ބިޒްނަސް މެޗިންގ' ފޯރަމްތަކާއި، ކޮންސަލްޓޭޝަން އަދި އިންޑަސްޓްރީ އެންގޭޖްމަންޓް ޕްރޮގްރާމްތައް ކުރިއަށްދާނެ ކަމަށް އެވުޒާރާއިން މައުލޫމާތު ދެއްވައެވެ.
ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕޯގެ ރަސްމީ ވެބްސައިޓް ކަމަށްވާ www.halalindo.com މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމަށްފަހު، އެ މައުލޫމާތު މިނިސްޓްރީގެ އީމެއިލް [email protected] އަށް ހިއްސާކުރުމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ސެެޕްޓެންބަރު މަހުގެ 25 އިން 28 އަށް އެޤައުމުގެ ޖަކާޓާގައި ބޭއްވި އެކްސްޕޯގައި މެލޭޝިއާ، ތައިލެންޑް، ޗައިނާ، ލީބިޔާ، ސިންގަޕޫރު އަދި އެމެރިކާ ހިމެނޭގޮތަށް، 11 ޤައުމަކުން 346 އެގްޒިބިޓަރުން ބައިވެރިވެފައިވެއެވެ.