ދެކުނު އޭޝިއާ ސަރަހައްދުގެ ވައިގެ ނުސާފުކަން ކުޑަ ކުރުމަށާއި، އެކަމުގެ ސަބަބުން ބޯޑަރު ހުރަސްކޮށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެކުލަވައިލާފައިވާ "މާލޭ ޑިކްލަރޭޝަން"ގެ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއީ، މިކަމާއި ބެހޭ ސަރުކާރުތަކުގެ 17 ވަނަ ބައްދަލުވުމެވެ. މި ބައްދަލުވުން ބާއްވާފައިވަނީ، މާލޭގައެވެ.
2 ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި ބައްދަލުވުމަކީ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމާއި ރީޖަނަލް ރިސޯސް ސެންޓަރ ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް ގުޅިގެން އިންތިޒާމު ކުރި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ "މާލޭ ޑިކްލަރޭޝަން" އިތުރަށް ހަރުދަނާކޮށް، ވައި ނުސާފުވުމުގެ މައްސަލައަށް ސަރަހައްދީ ފެންވަރުގައި ދާއިމީ ޙައްލެއް ހޯދުމަށް ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމެވެ. މި ބައްދަލުވުމުގައި ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކަނޑައަޅާފައިވާ މަސައްކަތުގެ ތާވަލާ ބެހޭގޮތުން މެންބަރު ޤައުމުތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުންޏެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުން ވަނީ ވައިގެ ނުސާފުކަމަކީ މުޅި ސަރަހައްދަށް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަކޮށް، މިކަން ހައްލުކުރުމަށް އެކުގައި މަސައްކަތް ކުރުމުގެ އަޒުމް އައު ކޮށްފައެވެ. އަދި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ވައިގެ ފެންވަރު ބެލުމާއި، މައުލޫމާތު ހިއްސާކުރުން އިތުރު ކުރުމަށްވެސް މި ބައްދަލުވުމުގައި އެއްބަސްވެފައިވެއެވެ.
ދިވެހިރާއްޖޭގައި މިފަދަ މުހިންމު ބައްދަލުވުމެއް ބޭއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތް ކުރުމަށާއި، ސަރަހައްދީ ގުޅުންތައް ބަދަހިކުރުމަށް ދެއްވާ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއްކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.