ޚަބަރު

އިޓާލިއަން ފެޑެރޭޝަންގެ ޓެކްނިކަލް ޑިރެކްޓަރަަށް މަލްޑީނީ


  • މަލްޑީނީވަނީ މިލާންގައިވެސް ޓެކްނިކަލް ޑިރެކްޓަރ ކަމުގެ މަގާމް އަދާކޮށްފަ

އިޓާލިއަން ފުޓްބޯލް ފެޑެރޭޝަންގެ ޓެކްނިކަލް ޑިރެކްޓަރގެ މަގާމަށް އިޓަލީވިލާތުގެ ކުރީގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ޕައުލޯ މަލްޑީނީ އައްޔަން ކޮށްފިއެވެ.

އިޓާލިއަން ފުޓްބޯލް ފެޑެރޭޝަނުން ޓެކްނިކަލް ޑިރެކްޓަރގެ މަގާމަށް މަލްޑީނީ އައްޔަން ކޮށްފައިމިވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރު ފީފާ ވޯލްޑް ކަޕަށް އިޓަލީވިލާތް ކޮލިފައިނުވުމުގެ ސަބަބުން އެކަންކަން ރަނގަޅު ކުރުމުގެ މަޤްސަދުގައި އެޅިފިޔަވަޅެއްގެގޮތުގައެވެ. އިޓަލީވިލާތުގެ ޤައުމީ ޓީމަށް 126 މެޗު ކުޅެފައިވާ މަލްޑީނީވަނީ އޭނާ ކްލަބް ކެރިއަރ އެއްކޮށް އެޓީމެއްގައި ހޭދަކުރި އޭސީ މިލާންގެ ޓެކްނިކަލް ޑިރެކްޓަރކަން ހަތަރު އަހަރު އަދާކޮށްފައެވެ.

އެފްއައިޖީސީއިން މަލްޑީނީއަށް ފުރުސަތު ދީފައިމިވަނީ ފެޑެޜޭޝަންގެ ރައީސް ކަމަށް ޖިއޮވާނީ މަލާގޯ މިދިޔަ މަހު އައްޔަން ކޮށްފައިވަނިކޮށެވެ. މަޢުލޫމާތުލިބިފައިވާގޮތުގައި މަލްޑީނީ ފެޑެރޭޝަނާއި ގުޅިފައިވަނީ 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މަލްޑީނީއަށް އެހީތެރިވެދިނުމަށްޓަކައި މިލާންގައި މަލްޑީނީ އާއި އެކު ކުޅުނު ބްރެޒިލްގެ ތަރި ލިއޮނާޑޯ ވަނީ އެޑްވައިޒަރގެ ގޮތުގައި ހަމަޖައްސާފައެވެ.

އިޓާލިއަން ފެޑެރޭޝަންގެ ރައީސް ކަމުގެ މަގާމަށް އެޤައުމުގެ ޤައުމީ އޮލިމްޕިކް ކޮމިޓީ ރައީސްކަން ކުރިން ކޮށްފައިވާ މަލާގޯ ހަވާލުވެފައިވަނީ ވޯލްޑް ކަޕަށް އިޓަލީވިލާތް ކޮލިފައިވުމުގެ ސަބަބުން ކުރިމަތިިވި ފާޑުކިޔުންތަކާއެކު ގެބްރިއެލް ގްރަވީނާ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

މަލްޑީނީ މަގާމާއި ހަވާލުވުމަށްފަހު ކުރާނެ ފުރަތަމަ މަސައްކަތަކަށް ވެގެންދާނީ ޤައުމީ ޓީމުގެ ހުސްވެފައިވާ ކޯޗު ކަމުގެ މަގާމަށް މީހަކު ހޯދުމުގެ މަސައްކަތެވެ. ޤައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރި ގެނާރޯ ގަޓޫސޯވަނީ ބޮސްނިއާ އެންޑް ހާޒެގޮވީނާ އަތުން އިޓަލީވިލާތް ބަލިވެ ވޯލްޑް ކަޕަށް ކޮލިފައިނުވެ ކެޓުމާ އެކު އެމަގާމުން އިސްތިއުފާ ދީފައެވެ.