ޚަބަރު

ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު 64 އަށް އިތުރުކުރުމާއި މެދު މަޝްވަރާ ކުރާނެ: އިންފަންޓީނޯ


  • މިފަހަރުގެ މުބާރާތަކީ 48 ޓީމާއެކު ކުޅޭ ފުރަތަަމަ މުބާރާތް

2030 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު 64 އަށް އިތުރު ކުރުމާއި މެދު މަޝްވަރާ ކުރާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފިއެވެ.

ފީފާގެ ރައީސް މިހެން ބުނެފައިވަނީ ސްވިޓްޒަލަންޑްގެ މީޑިއާ ސްޓޭޝަނެއް ކަމަށްވާ ބްލޫވިންއަށް ދިން ބަސްދީގަތުމެއްގައެވެ. އިންފަންޓީނޯ ބުނީ 48 ޓީމުން 64 ޓީމަށް އިތުރު ކުރުން އެއީ ގަބޫލް ކުރެވޭކަމެއް ކަމަށެވެ. އަދި މިފަހަރުގެ މުބާރާތަށްފަހު މިކަމާގުޅޭގޮތުން ފީފާގެ އެކި ކޮމިޓީތަކުގައި މަޝްވަރާ ކުރެވި ގޮތް ތަކެއް ނިންމާނެކަމަށެވެ.

ފީފާގެ ރައީސް ބުނީ ވޯލްޑް ކަޕެއް އިންތިޒާމް ކުރާއިރު އެމުބާރާތަކީ ޔޫރަޕާއި ދެކުނު އެމެރިކާއަށް އެކަނި އިސްކަން ދިނުމަށް ވުރެ މުޅި ދުނިޔެއަށް އަމާޒުކޮށްގެން ބާއްވާ މުބާރާތަކަށް ހެދޭތޯ ބެލުން މުހިންމު ކަމަށެވެ. އިންފަންޓީނޯ ބުނީ ވޯލްޑް ކަޕްގައި ވާދަކުރުމުގެ ހުވަފެން ދެކުމުގެ ފުރުސަތު ދުނިޔޭގެ ހުރިހާ ޤައުމަކަށް ލިބިދޭންޖެހޭކަމަށެވެ. މިފަހަރުގެ ވޯލްޑް ކަޕުން މިސާލު ނަގަމުން އިންފަންޓީނޯ ބުނީ މިފަހަރު ވާދަކުރި ޓީމުތަކުގެ ފެންވަރު ވަރަށް ރަނގަޅު ކަމަށެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފުޓްބޯޅައިގެ ފެންވަރު ރަނގަޅު ވަމުން އަންނަ ކަމަށާއި ދުވަހުން ދުވަހަށް ކުދި ޓީމު ތަކުގެ ފެންވަރު ރަނގަޅު ވަމުން އަންނަ ކަމަށެވެ. އަދި ކުދި ޓީމުތަކަށް ވޯލްޑް ކަޕުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާނުލެވޭނަމަ އެޓީމުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ދެވޭ ފުރުސަތު ކުޑަވެގެންދާކަމަށް ފީފާގެ ރައީސް ބުންޏެވެ.

1930 ވަނަ އަހަރު 3 ބައްރެއްގެ 13 ޓީމަކާއެކު އުރުގުއާއީގައި ފެށި ވޯލްޑް ކަޕްގެ ދެވަނަ މުބާރާތުގައި 16 ޓީމު، ތިންވަނަ މުބާރާތުގައި 15 ޓީމު އަދި 1950 ވަނަ އަހަރުގެ މުބާރާތުގައި 13 ޓީމު ބައިވެރިވި ނަމަވެސް 1954 ވަނަ އަހަރުން ފެށިގެން 1978 ވަނަ އަހަރުގެ މުބާރާތާއި ހަމައަށް ވަނީ 16 ޓީމު ވާދަކޮށްފައެވެ. އަދި 1982 ވަނަ އަހަރު ސްޕެއިންގައި ބޭއްވި މުބާރާތުގައި 24 ޓީމަށް އިތުރު ކުރެވުނުއިރު 1994 ވަނައަހަރު އެމެރިކާގައި ބޭއްވި މުބާރާތާއި ހަމައަށް 24 ޓީމު ވާދަކޮށްފައިވެއެވެ. އަދި 1998 ވަނަ އަހަރު ފަރަންސޭސިވިލާތުގައި ބޭއްވި މުބާރާތް ވެގެންދިޔައީ 32 ޓީމަށް އިތުރު ކުރެވި ބޭއްވި ފުރަތަމަ މުބާރާތަށެވެ. 2022 ވަނަ އަހަރު ޤަތަރުގައި ބޭއްވި މުބާރާތް ވެގެން ގޮސްފައިވަނީ 32 ޓީމާއެކު ކުޅުނު ފަހު މުބާރާތަށެވެ. އަދި މިފަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާ މުބާރާތަކީ 48 ޓީމަށް އިތުރު ކޮށް ފީފާއިން ބޭއްވި ފުރަތަމަ މުބާރާތެވެ.

104 ޓީމާއެކު 11 ޖޫން ގައި ފެށި މިފަހަރުގެ މުބާރާތުގައި މިހާރު ބާކީ ތިބީ ސެމީފައިނަލްގައި ވާދަކުރާ ހަތަރު ޓީމު ކަމުގައިވާ އާޖެންޓީނާ، އިންގްލަންޑް، ފަރަންސޭސިވިލާތް އަދި ސްޕެއިން އެވެ. އިންފަންޓީނޯ ހާމަކުރިގޮތުގައި 48 ޓީމާއެކު މިފަހަރު ބާއްވަމުންދާ މުބާރާތަކީ ވަރަށް ކާމިޔާބު މުބަރާތެކެވެ.

ފީފާގެ ރައީސް ބުނީ މިފަހަރުގެ މުބާރާތުގައި ވާދަކުރި ހުރިހާ ޓީމެއްވެސްވަނީ ވަރަށް މަތީ ފެންވަރެެއްގައި ވާދަކޮށްފައިކަމަށެވެ. މިގޮތުން މުބާރާތުގައި ވާދަކުރި ހުރިހާ ބައްރެއްގެ ޓީމުތަކުންވަނީ މިފަހަރުގެ މުބާރާތުގައި ލަނޑު ޖަހާފައެވެ. އަދި އެފްރިކާއިން ވާދަކުރި 10 ޓީމުގެ ތެރެއިން 9 ޓީމު ވަނީ ނޮކް އައުޓް ބުރުން ޖާގަޙޯދައިފައެވެ. އެންމެ ފަހުގެ ވޯލްޑް ކަޕްގައި ވާދަކުރީ އެފްރިކާގެ 5 ޓީމުކަމުގައިވެސް އިންފަންޓީނޯ ހާމަކުރިއެވެ. އެހެން ކަމުން ހުރިހާ ޓީމުތަކަކަށް ފުރުސަތު ހުޅުވާލާ ވީހާވެސް ގިނަ ޓީމުތަކަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ މުހިންމުކަން ފީފާގެ ރައީސް ފާހަގަ ކުރިއެވެ.

2030 ވަނަ އަހަރުގެ މުބާރާތަކީ މިހާރު ރޭވިފައިވާގޮތުން ގިނަ ބައްރުތަކެއްގައި ބާއްވާނެ މުބާރާތެކެވެ. މިގޮތުން ވޯލްޑް ކަޕަށް 100 އަހަރު ފުރޭ މުބާރާތުގެ ފުރަތަމަ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ދެކުނު އެމެރިކާގެ އުރުގުއާއީ، އާޖެންޓީނާ އަދި ޕެރަގުއާއީގައެވެ. އަދި މުބާރާތުގެ ބާކީ އޮތް ބައި ކުޅޭނީ އެފްެރިކާ ބައްރަށް ނިސްބަތްވާ މޮރޮކޯ އާއި ޔޫރަޕަށް ނިސްބަތްވާ ޕޯޗުގަލް އަދި ސްޕެއިންގައެވެ. އަދި 64 ޓީމަށް އެމުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު އިތުރު ވެއްޖެނަމަ ދެކުނު އެމެރިކާގެ ތިން ޤައުމުން ކުރެ ޤައުމެއްގައި އެއް މެޗުގެ ބަދަލުގައި ތިން ގްރޫޕެއްގެ ހުރިހާ މެޗެއް ކުޅުމުގެ ފުރުސަތު އޮންނާނެކަމަށް ބެލެވެއެވެ.