އަންނަ އަންގާރަ ދުވަހު ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ފަރަންސޭސި ޓީމުން ބޭއްވި ފުރަތަމަ ފަރިތަކުރުންތަކުގައި 2 ޑިފެންޑަރުން، ޑަޔޯ އުޕަމެކާނޯ އާއި ވިލިއަމް ސަލީބާ ބައިވެރިއެއް ނުވެއެވެ.
ސަލީބާއަށް ބުރަކަށީގެ އަނިޔާއެއް ކުރިމަތިވެފައިވާއިރު، އުޕަމެކާނޯ ފަރިތަކުރުންތަކުގައި ބައިވެރިނުވި ސަބަބުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ. އުޕަމެކާނޯ ވޯލްޑް ކަޕާ ކުރިމަތިލީ ބަޔާން މިޔުނިކާއެކު ދިގު ސީޒަނެއް ނިންމާލުމަށްފަހުއެވެ.
މޮރޮކޯ އަތުން 2-0 އިން ފަރަންސޭސިވިލާތް މޮޅުވި ކުއާޓަރ ފައިނަލް މެޗުގައިވެސް މި ދެ ކުޅުންތެރިން ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. މި މުބާރާތުގައި މިހާތަނަށް ކުޅުނު ހަ މެޗުން ފަރަންސޭސި ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ދެ ގޯލެވެ.
ސްޕެއިން ކޮޅަށް މުޅި މުބާރާތުގައިވެސް ވަދެފައިވަނީ އެންމެ ގޯލެކެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި އަށްވަނަ ލަނޑު އަދި މުޅި މުބާރާތުގައި މިހާތަނަށް 20 ވަނަ ލަނޑު ކާމިޔާބުކުރުމަށްފަހު، ކުއާޓަރ ފައިނަލް މެޗު ނިމުމުގެ ކުރިން ބަދަލުކުރި އެމްބާޕޭގެ ހާލަތު ރަނގަޅެވެ.
މީޑިއާއަށް ހުޅުވާލައިގެން ބޭއްވި ފަރިތަކުރުންތަކުގެ ބައިގައި އެމްބާޕޭ ވަނީ ޑެމްބޭލޭ އާއި ޑެސިރޭ ޑޫއޭގެ އިތުރުން އެހެން ކުޅުންތެރިންނާއެކު ދަނޑުމަތީގައި ދުވެ، އާދައިގެމަތިން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.