ޚަބަރު

ވިމްބަލްޑަންގެ ތަށި ޖެހިޖެހިގެން ދެވަނަ ފަހަރަށް ސިނަރ ކާމިޔާބު ކޮށްފި


  • ސިނަރ ފައިނަލް މެޗު ކާމިޔާބު ކުރީ 3 ސެޓު އެއް ސެޓުން

އަހަރުގެ ތިންވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔަނިކް ސިނަރ ކާމިޔާބު ކޮށްފިއެވެ.

މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ސިނަރ މިމުބާރާތް ކާމިޔާބު ކޮށްފައިވަނީ ރޭ ކުޅުނު ފައިނަލްގައި ދެވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވް އާއި ބައްދަލުކުރި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބު ކޮށްގެނެނެވެ. ވަރަށް ވާދަވެރި އަދި އެހާމެ ފޯރީގައި ދެ ކުޅުންތެރިންވެސް ފެށި މިފައިނަލް މެޗުގެ ފުރަތަމަ ސެޓު ޓައިބްރޭކަކަށް ގޮސް ހަތެއް ނުވަޔަކުން ކާމިޔާބު ކޮށްފައިވަނީ ޒުވަރޭވްއެވެ. މިމެޗުގެ ދެވަނަ ސެޓުވެސް ދިޔައީ އެހާމެ ވާދަވެރި ކޮށެވެ. މިގޮތުން ހައެއް ހަޔަކުން އެއްވަރުވެ ޓައި ބްރޭކަށް ދިޔަ ނަމަވެސް މިފަހަރު ހަތެއް ދެޔަކުން ކުރި ހޯދާފައިވަނީ ސިނަރއެވެ. މިމެޗުގެ ތިންވަނަ ސެޓުގައިވެސް ވަރަށް އެއްވަރު ކުޅުމެއް ދެކުޅުންތެރިންވެސް ކުޅެމުންދަނިކޮށް ސެޓުގެ އަށްވަނަ ގޭމްގައި ޒުވަރޭވް ބޯޅައަކަށް ހަރަކާތް ކުރަން އުޅުމުގެ ތެރޭގައި ކައްސާލައިގެން ގޮސް ކަކޫ ވިނަގަނޑުގައި ޖެހި އޭނާއަށް ކުޑަކޮށް އަނިޔާވިފަހު މެޗުގެ އޮއެވަރު ސިނަރ ކޮޅަށް އެނބުރިގެންދިޔަތަން ފެނިގެންދިޔައެވެ. ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ ތިންވަނަ ސެޓު ހައެއް ތިނަކުން ސިނަރ ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގުމެވެ. އަދި ފަހު ސެޓުގައި އަނެއްކާވެސް ހަތްވަނަ ގޭމްް ބްރޭކްކޮށް ސިނަރ ނެގި ލީޑާއެކު އެސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރަކުންނެވެ.

އެންމެ ފަހުން ބޭއްވި ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބު ކޮށް ކެރިއަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބުކުރި ޒުވަރޭވް އެކާމިޔާބީއިން ހިތްވަރު ނެރެގެން ކުޅުނު ނަމަވެސް ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސިނަރގެ މައްޗަށް މިމެޗުގައި ކުރި ހޯދޭގޮތެް ނުވިއެވެ. މިއީ ސިނަރ އަތުން ޒުވަރޭވް ޖެހިޖެހިގެން ބަލިވި 10 ވަނަ ފަހަރެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިނަރ ބުނީ ފައިނަލް މެޗު ކާމިޔާބު ކުރެވުމުން އުފާކުރާ ކަމަށާއި ނަމަވެސް އެއަށްވުރެ ބޮޑަށް މިމެޗުގައި ދެކުޅުންތެރިންވެސް ދެއްކި ކުޅުމުގެ ފެންވަރު މަތިވުމުން މާހިތްހަމަ ޖެހުނު ކަމަށެވެ. ތިން ގަޑިއިރާއި ސާޅީސް ހަ މިނެޓަށް ދެމިގެންދިޔަ މިފައިނަލް މެޗު ކާމިޔާބު ކުރުމުން ސިނަރ ގެ މޫނުމަތިން ހިތްހަމަ ޖެހުން ފެނިގެންދިޔައެވެ. މިއީ މިސީޒަންގައި އޭނާއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ގްރޭން ސްލޭމް މުބާރާތެވެ. އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަންގައި އޭނާއަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ ކަމުން މިމުބާރާތް ކާމިޔާބު ކުރުމަށް ކޮންމެވެސް ވަރެއްގެ ޕްރެޝަރެއްވެސް އޭނާއަށް އޮތެވެ. މިއީ ސިނަރ އޭނާގެ ކެރިއަރުގައި ކާމިޔާބު ކުރި ފަސްވަނަ ގްރޭން ސްލޭމް މުބާރާތެވެ. އަދި މިކާމިޔާބީ އާއެކު ސިނަރ ވެގެން ގޮސްފައިވަނީ ވިމްބަލްޑަންގެ ތަށި ޖެހިޖެހިގެން ދެވަނަ ފަހަރަށް ކާމިޔާބު ކުރި 10 ވަނަ ކުޅުންތެރިޔާ އަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޒުވަރޭވް ވަނީ ސިނަރއަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. އަދި ވިމްބަލްޑަންގެ ފައިނަލަށް ދަތުރު ކޮށްފައިވުމާއެކު އޭނާ ދުނިޔޭގެ ރޭންކިންގގެ ދެވަނައަށް ކުރިއަށް ޖެހިލާނެއެވެ. ރޭންކިންގގެ ދެވަނަައިގާ މިހާތަނަށް އޮތް ސްޕެއިންގެ ކާލޯސް އަލްކަރާޒް އަނިޔާގެ ސަބަބުން އެންމެ ފަހުން ބޭއްވި ގްރޭން ސްލޭމް ދެ މުބާރާތުގައިވެސް ވާދަކޮށްފައެއް ނުވެއެވެ.