ކުޅިވަރު

ހޯދާފައިވާ ކާމިޔާބީއެއް އަލުން ހޯދުމަކީ އުނދަގޫ ކަމެއް: މެސީ


އެއް ފަހަރު ހޯދާފައިވާ ކާމިޔާބީއެއް އަލުން ހޯދުމަކީ ވަރަށް އުނދަގު ކަމެއް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ބުނެފި އެވެ.

އޭނާ މިހެން ބުނީ އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ގޮތުގައި އާޖެންޓީނާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުމުންނެވެ. ފައިނަލަށް ދިއުމަށް އާޖެންޓީނާ ވާދަ ކުރަން ޖެހޭނީ އިނގިރޭސިންނާ އެވެ.

އާޖެންޓީނާ ވަނީ މިހާތަނަށް ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. 36 އަހަރުގެ މެދުކެނޑުމަކަށްފަހު އެންމެ ފަހުން މި ތަށި ހޯދީ 2022 ވަނަ އަހަރު އެވެ. އޭރު މެސީއާއެކު ޓީމުގައި ތިބި ގިނަ ކުޅުންތެރިން މިހާރު ވެސް ޓީމުގައި އެބަތިއްބެވެ.

"މި ޓީމުން މި ކުރަނީ އާދައިގެ ކަމެއް ނޫން. ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި ތިބެ ފަހަތުން އަރައި މެޗުތަކުން މޮޅު ވުމަކީ ފަސޭހަ ކަމެއް ނޫން. އޭގެ ސަބަބުތައް ވެސް ބައިވަރު. ހުރިހާ ޓީމެއް ވެސް މިހާރު ކުރިއަށްވުރެ ވަރުގަދަ. އަހަރުމެންނަށް އެނގޭ ވޯލްޑް ކަޕް އުނދަގޫވަރު. ދެން އެއް ފަހަރު ހޯދާފައިވާ ކާމިޔާބީ އެއް އަލުން ހޯދުމަކީ ވަކިން އުނދަގޫ ކަމެއް. ހާއްސަކޮށް އެ ފެންވަރުގައި އަލުން ގޮސް ސެމީ ފައިނަލެއް ކުޅުމަކީ ވެސް ދަތި ކަމެއް. މިހެންވެ އަހަރުމެން ކޮންމެ މެޗަކަށް ފަހު އެހާ ބޮޑަށް އުފާފާޅު ކުރަނީ،" މެސީ ބުންޏެވެ.

އޭނާ ބުނީ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ފްރާންސާއި އިނގިރޭސީންނާއި ސްޕޭނަކީ ވެސް ގަދަ ޓީމުތަކެއް ކަމަށާއި އާޖެންޓީނާ އަށް ތަށި ދިފާއު ކުރެވިދާނެއޭ ބުނަން ދަތި ކަމަށެވެ.

"އަހަރުމެންނަކަށް ނޭނގެ ބުނާކަށް އެކަން އަލުން ވެދާނެއޭ. 2022 އާ ހަމއަށް އަހަރުމެން ދުނިޔޭގެ ޗެމްޕިއަނަކަށް ނުވެ އެތައް ދުވަހެއް ހޭދަކުރިން. އެހންވީމާ ދެން އެފަދަ ކާމިޔާބީ އެއް ލިބިއްޖެނަމަ އޭގެ އުފާ ވަރަށް ބޮޑުވާނެ. އަހަރުމެން ބަލާނީ އަރާމުކޮށް، ރިކަވާވެގެން ސެމީ ފައިނަލަށް ތައްޔާރުވާން ފުރަތަމަ،" މެސީ ބުންޏެވެ.