ޚަބަރު

އެމްޓީސީސީއާއި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި


  • ބީއެމްއެލްގައި ފައިނޭންސް ކުރުމުގެ ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކުރި

  • މުވައްޒަފުންނަށް ދޭނެ ހައުސިންގ ސްކީމްތަކުގެ މައުލޫމާތު ހިއްސާކުރި

އެމްޓީސީސީއާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު ގުޅުން ބަދަހިކޮށް މަސައްކަތް ކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

ބީއެމްއެލްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ބީއެމްއެލްގެ ފަރާތުން އެމްޓީސީސީއަށް ފޯރުކޮށްދެވޭނެ ތަފާތު މާލީ އެހީތެރިކަމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ފައިނޭންސް ކުރުމުގެ ފުރުސަތުތަކުގެ މައުލޫމާތާއި، އެމްޓީސީސީގެ މުވައްޒަފުންނަށް ފޯރުކޮށްދެވޭނެ ހައުސިންގ ސްކީމްތަކާއި، ފައިނޭންސިން ސްކީމްތަކާއި ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ވަނީ މަޝްވަރާކޮށްފައެވެ.

އެމްޓީސީސީއިން ބުނީ، އެ ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުން ކަމަށެވެ. އެހެންކަމުން ކުންފުނީގެ ޚިދުމަތްތެރި މުވައްޒަފުންނަށް ތަފާތު އިނާޔަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަކީ، ކުންފުނިން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

އެމްޓީސީސީގެ އަމާޒަކީ، ހިކުމަތްތެރިކަމާއިއެކު ވިޔަފާރިތައް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިއުން ކަމަށް ވަނީ ބުނެފައެވެ. ކަސްޓަމަރުންނާއި، ހިއްސާދާރުންނާއި، ވިޔަފާރީގެ ބައިވެރިންނާއި، އާންމު ރައްޔިތުން ވޭތުވެދިޔަ 45 އަހަރު ކުންފުންޏަށް ކުރަމުން އައި އިތުބާރު ދެމެހެއްޓުމަކީ، އަމާޒެއް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.